ދީނަށް އުޅުނު ނަމަވެސް ދިވެހީންކަން ހަދާން ނައްތާލައިގެން ނުވާނެ:ނަޝީދު

ދިވެހިންގެ ހެދުން އެޅުމަށް އައިސްފައިވާ ބަދަލާއިމެދު ކުރީގެ ރައީސް އަދި ރައްޔަތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވީ ގައުމެއް ބިނާކުރެވޭނީ ގައުމިއްޔަތެއް ބިނާކޮށްގެން ކަމަށާއި ގައުމިއްޔަތެއްގެ އެންމެ މުހިންމު ކަމަކީ "ވެފައި އޮތް ގޮތަކާއި، ދެން ދާން އޮތް ގޮތް ސާފުވެފައި އޮތުން" ކަމަށެވެ.
Advertisement
ގައުމިއްޔަތު ފޮހެލުމަށްޓަކައި މިދިޔަ 20 އަކަށް ނުވަތަ 30 އަކަށް އަހަރު ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަނގަކުރައްވަމުން ނަޝީދު ވިދާޅުވީ ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެން ދިރިއުޅުން މުޅިން އެހެން ގޮތަކަށް ބަދަލުކޮށް މުޅިން އެހެން ސަގާފަތެއް ގެނައުމުގެ ރޫހެއް އުފެދިއްޖެ ކަމަށެވެ. މި ގޮތުން އަޅުގަނޑުމެންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށްވެސް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުގެ މަންމަ އެހެން ގޮތަކަށް ހެދުން އަޅަން ފެށީ އަޅުގަނޑުގެ އުމުރުން 30 އަހަރު ވީފަހުން. ބުރުގާއެއް އަޅާފައި އެހެން ގޮތަކަށް ހެދުން އެޅުން ބަދަލުކުރީ. އޭގެ ކުރީގައި މާމަ ހެދުން އެޅިގޮތެއް ވެސް ހުރި. މާމަވެސް ބައެއް ފަހަރަށް ހަވީރަށްވީމަ ބުރުގާއަކަށް ބަދަލު ކުރޭ. އެހެން ނަމަވެސް އެއީކީއެއް ފަހުން މަންމަ އަޅާފަ ހުރި ބުރުގާއެއް ނޫން. ފާއިތުވި އަހަރުތަކުގައި އެތަކެއް ގޮތަކަށް ހެދުން އެޅުމުގެ ވައްޓާފާޅިއަށް ބަދަލު އައިސްފައިވޭ. ކުރިން އުޅެވުނީ ވަރަށް ގޯސްގޮތަކަށް ކަމަށް އަޅުގަނޑުމެންނަށް މިހާރު ގަބޫލުކުރެވެން ފަށައިފި" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖެ އެހެން ގޮތަކަށް އަނބުރާލުމަށް ބަޔަކު ވަރަށް މަސައްކަތް ކުރަމުންދާ ކަމަށާއި ދިވެހީން އަބަދުވެސް އުޅެން ބޭނުންވަނީ މާތް ވެގެންވާ އިސްލާމް ދީނުގައިކަމަށެވެ. އަދި ދީނަށް އުޅުނު ނަމަވެސް ދިވެހީންކަން އެއްގޮތަކަށް ވެސް ހަދާން ނައްތާލައިގެން ނުވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރޭގެ ޖަލްސާގައި ނަޝީދުވަނީ ދިވެހީން ހެދުން އަޅާ ގޮތް ބަދަލުނުކުރުމަށް އިލްތިމާޒްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ