ޕީޖީ ކަމަށް ޝަމީމު އައްޔަންކުރަން ކޮމިޓީން ރުހުން ދީފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ޕީޖީކަމުގެ މަގާމު މިދިޔަ ބުރާސްފަތި ދުވަހު ހުސްވީ އެ ދުވަހާ ހަމައަށް އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ. އަދި އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝަމީމާއެކު ތިން ބޭފުޅުން ކުރިމަތިލެއްވިއެވެ. އެއީ ޝަމީމުގެ އިތުރުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން މި އަހަރުގެ ތެރޭގައި އިސްތިއުފާ ދެއްވި މަރިޔަމް ނިހާޔަތާއި ވަކީލު އަހުމަދު ޒަނީނެވެ.
ނަމަވެސް އެބޭފުޅުންގެ ތެރެއިން ޕީޖީ ކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވީ ޝަމީމުގެ ނަމެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހަށް ޝަމީމުގެ ނަން ރައީސް ފޮނުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނަން އިއްވުމަށްފަހު އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. އަދި އޭނާއާ އެކޮމިޓީން މިރޭ ވަނީ އިންޓަވިއު ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިންޓަވިއުގައި ޖިނާއީ އަދުލުގެ ނިޒާމާއި ޝަރުއީ ދާއިރާއާ ގުޅޭގޮތުން ޝަމީމު ދެކޭގޮތާމެދު ކޮމިޓީގެ މެންބަރުން ވަނީ އޭނާއާ ސުވާލު ކޮށްފައެވެ. އަދި އިންޓަވިއުއަށްފަހު ޕީޖީ ކަމަށް ޝަމީމު އައްޔަންކުރުމަށް ފެނޭތޯ ކޮމިޓީގައި ނެގި ވޯޓުގައި ކޮމިޓީގެ އިއްތިފާގުން އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ވަނީ ނިންމައިފައެވެ.
އަމިއްލަ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި މިހާރު ވެސް ވަކާލާތު ކުރައްވާ ޝަމީމަކީ ޕީޖީގެ މަގާމަަށް ގެންނަން މީގެ ކުރިން ވެސް ގިނަ ބަޔަކު ތާއީދުކުރި ބޭފުޅެކެވެ.
ނަމަވެސް ޕީޖީ ކަމަށް އޭނާ އައްޔަންކުރަން ޖުޑީޝަރީ ކޮމިޓީން މިރޭ ރުހުން ދިންއިރު، އަމިއްލަ ފަރާތަކުން އިއްޔެ ވަނީ ޝަމީމްއާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފައެވެ. މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތު ކޮށްފައިވަނީ ޑެޕިއުޓީ ޕީޖީ އަކަށް ހުންނެވިއިރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މައްސަލައެއް ނުބަލާން ނިންމި ކަމަށެވެ.
ނަމަވެސް އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމި ކަމެއް އަދި އެކޮމިޝަނަކުން ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ