އެހެން ދީންތަކަށް ޖާގަ ނުދޭން ބަނދެފައިވާ ވާތައް އަންނަނީ ކަނޑަމުން: އުމަރު
އެހެން ދީންތައް ރާއްޖެއަށް އަޔަނުދިނުމަށް ޒަމާނުއްސުރެ ބަނދެފަހުރި ވާތައް މަޑުމަޑުން ދޫކޮށް، އެ ވާތައް ކަނޑަމުން އަންނަ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރިި މިންވަރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށާއި ނަމަވެސް އެކަން ކުރި އެއްވެސް މީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އެގޮތުން އިސްލާމް ދީނަށް ފުރައްސާރަ ކޮށްގެން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްސަލަ އަދި ދައުވާ ކުރުމަށް ފޮނުވާފައި ނުވާކަން އުމަރު ފާހަގަ ކުރެއްވިއެވެ. އުމަރު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓު ލިޔުނު މީހުންނާ މެދު ވެސް އަމަލު ކުރެވޭނީ އެގޮތަށް ކަމަށް ބެލެވޭ ކަމަށެވެ. އުމަރު ވިދާޅުވީ ލާދީނީ މީހުންގެ ބޭނުމަކީ ދީނަށް ފުރައްސާރަ ކުރުމަކީ އާންމު ކަމެއް ކަމުގައި ހެދުން ކަމަށާއި އެމްޑީއެން އުވާލާ އެ ރިޕޯޓު ލިޔުނު މީހުން ޝަރީއަތުގެ ކުރިމައްޗަށް ނުގެނެވިއްޖެ ނަމަ، ލަހެއް ނުވެ އެމީހުން ބޭނުންވާ ގޮތަށް، ދީނަށް ފުރައްސާރަ ކުރުން އާންމު ކަމަކަށް ވެދާނެ ކަމަށެވެ. އަދި ލާދީނީ މީހުން ބޭނުންވަނީ މިފަދަ ކަންކަމަށް ދިވެހިން ހޭނުވަން ކަމަށާއި، ސަރުކާރުން ގާނޫނީ ފިޔަވަޅު ނާޅާ ނަމަ، އެކަން އެގޮތަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެން ދީންތައް ރާއްޖެ އަށް އަޔަނުދިނުމަށް ޒަމާނުއްސުރެ ބަދެފަހުރި ވާތަށް މިގެންދަނީ މަޑުމަޑުން ދޫކޮށް، އެ ވާތަށް ކަޑަމުންނެވެ،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރާއްޖޭގައި އަބަދުވެސް ލާދީނީ މީހުން އުޅޭ ކަމަށާއި ނަމަވެސް ސަރުކާރުން އެފަދަ މީހުން ހަމަ މަގަށް އަޅުވަމުން ގެންދިޔަ ކަމަށެވެ. "ނަމަވެސް ލާދީނީ މީހުން ދައުލަތުގެ އެތެރޭގައި ތިބެގެން މި ނިޒާމް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު މިއީ ދެވަނަ ފަހަރެވެ. ދިވެހިން ހޭލާ ތިބެގެން މެނުވީ މި ގައުމާ ދީން ހިމާޔަތް ނުކުރެވޭނެ އެވެ." އުމަރު ވިދާޅުވިއެވެ. ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމުގެ ކެމްޕޭނެއް ހިންގަމުން ގެންދާ ކަމަށާއި އިސްލާމް މުގައްރަރު ކަމުނުދާ ކަމަށް ބުނެ ވަކާލާތު ކުރަމުން އަންނަ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އޭގެ އިތުރުން ބައެއް މިސްކިތް ތަކުގައި ބަންގި ގޮވާ އަޑު މަޑު ކުރުމާއި ދިވެހި ފިލްމުތައް ސެންސަރު ކުރާ މިންގަޑު ދަށްކޮށް، އެއްޖިންސުން ގުޅުން ހިންގުން އާންމު ކުރާ ފަދަ މަންޒަރުތަށް ފިލްމު ތަކުގައި ހިމަނަން ފެއްޓުމުގެ އިތުރުން ބަނގުރާ އިތުރަށް އާންމުވުން ހިމެނޭ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ