ކުޅުދުއްފުށި އެއާޕޯޓު އަޅަނީ ދައުލަތުކުން ނޫން، ޕީޕީޕީގެ ދަށުން: އުމަރު
ކުޅުދުއްފުށީގައި ސަރުކާރުން އަޅައިދިނުމަށް ވައުދުވެފައިވާ އެއާޕޯޓު އަޅަން ހަމަޖެހިފައި ވަނީ ސަރުކާރުގެ ބަޖެޓުން ނޫން ކަމަށާއި އެ އެއާޕޯޓް އަޅަން ނިންމާފައި ވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ)ގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީގައި މިރޭ ބޭއްވި ތިލަ ދެކުނު ޝަރަފުވެރި ކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ސަރުކާރުން 2016 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އެއާޕޯޓުގެ ފައިސާ ނުހިމަނާވަނީ އެއީ ސަރުކާރުގެ ބަޖެޓުން ކުރާ ކަމަކަށް ނުވާތީ ކަމަށެވެ. ރައީސް ޔާމީންގެ މެސެޖެއްގެ ގޮތުގައި އުމަރު ވިދާޅުވީ "އަޅުގަނޑުމެންގެ ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓު އަޅައިދޭނެ" ކަމަށެވެ. އެއާޕޯޓު އެޅުމުގެ މިހާރު ވެސް ކުރިއަށްދާކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ މަސައްކަތް އެވާޑު ކުރުމުގެ މަސައްކަތާއެކު ހަދަން ޖެހޭ ސްޓާޑީތައް ހެދުމުގެ މަސްކަތް ކުރަމުންދާ ކަމަށެވެ. "ކުޅުދުއްފުށީގެ އެއާޕޯޓު ހަދަން ގަސްތުކޮށްފައި އޮތީ ދައުލަތުގެ ބަޖެޓަކުން ނޫން. ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ކުޅުދުއްފުށި އެއާޕޯޓު ހަދަން ސަރުކާރުން ގަސްތުކޮށްފައި އޮތީ. އެހެންވީމަ އެއީ ދައުލަތުގެ ބަޖެޓުގައި ހިމެނެން ޖެހޭ ސަބަބެއް ނޫން،" އުމަރު ވިދާޅުވި އެވެ. އެއާޕޯޓުގެ ފީސިބިލިޓީއާ އަދި މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި މި މަސް ނިމުމުގެ ކުރިން އެކަމަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެ ކަމަށް އުމަރު ވަނީ ވިދާޅުވި އެވެ. "ސަރުކާރުން ކުޅުދުއްފުށީ ރައްޔިތުންގެ މަތިން ހަނދާން ނުނެތޭކަމުގެ ޔަގީންކަން އަރުވަން" ކަމަށް އުމަރު ވިދާޅުވި އެވެ. ރާއްޖޭގެ ތަރައްގީގެ ދުވެލި ބާރުކުރުމުގެ މަސައްކަތަށް ގާބިލުކަން ލިބިގެންވާ އެންމެންގެ ޝާމިލުވުން ބޭނުންވާ ކަމަށް އުމަރު މިރޭ ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދީ މެޝިން އެނބުރެނީ ބިދޭސީން ވެސް އެ މަސައްކަތުގައި ޝާމިލުވެގެން ކަމަށާއި ސަރުކާރުގެ އެދުމަކީ "ވީހާވެސް ގިނަ ދިވެހިން" އިގްތިސާދީ މެޝިން އެނބުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވުން ކަމަށް އުމަރު ވިދާޅުވި އެވެ. "ފުރިހަމަ ސިއްހަތާއި އެކަމުގައި އުމުރު ހުރިކަމަށްވަންޏާ. ކޮންމެ މީހަކުވެސް މި އިގްތީސާދު ކުރިއެރުވުމުގައި ބައިވެރިވެ ކޮންމެސްގޮތަކުން ބައިވެރިވެ މަސައްކަތްކުރާ މީހަކަށް ވާންޖެހޭ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޭނުންވާ ވަޒީފާއެއް ކޮންމެ މީހަކަށް ނުލިބިދާނެ ކަމަށާއި ކޮންމެ ބޭފުޅަކުވެސް ކޮންމެ ވެސް މަސައްކަތެއް ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އެއީ އިގްތިސާދު ކުރިއެރުވުމަށް ވެސް މުހިންމު ކަމެއް ކަން އުމަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ގައުމު ކުޑަވުމުން ބައެއް ފަހަރަށް މީހުންގެ ވިސްނުމުގައި ހުންނަނީ މަހެއް ބާނާލައިގެން ކާލައިގެން ގޭގައި ހުރުން ކަމަށެވެ. ނަމަވެސް އެއީ ސިކުނޑި ކުޑަވުމުން ވިސްނޭ ގޮތް ކަމަށާއި ގައުމުގައި އިގްތިސާދު ކުޑަނޫން ކަމަށް އުމަރު ވިދާޅުވި އެވެ. "ގައުމުގެ މީސްކޮޅު މަދަސް އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުމެންގެ ރައްޔިތުންނަކީ ހުރިހާ ދިމާލަކަށް ސިނކުޑި ދަތުރުކުރުވާ. އެސިނކުޑި ފުޅާކުރުވާ އަދި އެސިނކުޑީގެ ޒަރީއާއިން މަސައްކަތުގެ ދާއިރާއަށް ނުކުމެގަންނަ ބަޔަކަށް ވުން،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ