ލަންކާ މީހުން ރާއްޖޭގައި ވަޅުލުން: މުނައްވަރާ އެއް ގަލަކަށް މައުމޫން

ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންގެ ގަބުރުތައް ރާއްޖެ ގެނެސް ޖަނާޒާ ބާއްވާ ވަޅުލުމުގެ ކަންކަން ކުރުމުގެ މަޝްވަރާތައް ފެށުމުން ރާއްޖެއަކީ "އިސްލާމިކް ރިޕަބްލިކް އޮފް ގަބުރުސްތާނު"ގެ ގޮތުގައި ސިފަ ކުރައްވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ކުރެއްވި ޓުވީޓަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއިދު ކުރައްވައިފިއެވެ.
މުނައްވަރުގެ ޓުވީޓަށް ރިޕްލައި ކުރައްވަމުން މައުމޫން ވިދާޅުވީ މިކަމުގައި ޑރ. މުނައްވަރުގެ ސިފަކުރެއްވުން ވަރަށް ރަނގަޅު ކަމަށެވެ.
ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންގެ ގަބުރުތައް ރާއްޖޭގައި ވަޅުލުމުގެ ވާހަކަތައް ފެންމަތިވީއްސުރެ ރައީސް މައުމޫން ގެންދަވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން، ކޮންމެ ގައުމެއްގެ ކޮންމެ ދީނެއްގެ މެހެމާނަކަށް ވެސް ރާއްޖެއިން އުފަލާ އެކު މަރުހަބާ ކިޔާ ބާއްޖަވެރި ހުރުމަކަށް އެދިވަޑައިގެންނެވި ނަމަވެސް ކޮވިޑުގައި މަރުވާ މީހުންގެ ގަބުރު ރާއްޖޭގައި ވަޅުލަން ގެނައުމަކީ ތާއީދު ކުރެއްވޭނެ ކަމެއް ނޫން ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަދި ކޮވިޑްގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައި ދިނުމަކީ ދީނީގޮތުން ރާއްޖޭން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުދާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ކޮށް ދީފި ނަމަ އެކަން ވާނީ ލަންކާ ސަރުކާރުން އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިތައް އަންދާ، އެންދުމަށް ތާއިދު ކުރުން ކަމަށެވެ.
ހަމައެއާއެކު، ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައި ދިނުމުގެ ބަދަލުގައި އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫހުގައި އެމީހުންގެ ހަށިތައް އަންދާނުލުމަށް ސްރީލަންކާ ސަރުކާރުގައި ދެންނެވުން މާ ރަނގަޅު ވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ކީރިތި ޤުރްއާނުގައި މުސްލިމުންނަށް މުހާތަބު ކުރައްވާފައި ވަނީ ބުއްދީގެ އަހުލުވެރިންގެ ގޮތުގައި ކަން ފާހަގަ ކުރައްވާ ރައީސް މައުމޫން ވިދާޅުވީ އެކި ކަންކަން ނިންމާއިރު ބުއްދީގެ ބޭނުންކުރުމަކީ ލާޒިމު ކަމެއް ކަމަށެވެ. އެގޮތުން ނައްޞަކުން ސާބިތުނުވާ ކޮންމެ ކަމެއް ވެސް ނިންމަން ވާނީ އެކަމެއްގައި ހިމެނޭ ރަނގަޅަށާއި ނުބަޔަށް ބަލާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންގެ ގަބުރުތައް ރާއްޖޭގައި ވަޅުލުމަށް ރައީސް މައުމޫން ތާއިދު ނުކުރައްވާއިރު، ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ވަނީ އެކަމާ ތާއިދު ކުރާކަން ހާމަކޮށްފައެވެ.
ގިނަ ދީނީ އިލްމުވެރިން ވެސް ވަނީ މިކަމުގައި ސަރުކާރުގެ ނިންމުމަށް ތާޢިދުކުރާ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ މަސްރަހުގައި މި މައުޟޫއު ހޫނުވެފައި ވާއިރު، ލަންކާގައި ވެސް މިކަން ވަނީ ހޫނުވެފައެވެ. ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރުތައް ރާއްޖެ ގެނެސް ވަޅުލާ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައި ދިނުމަށް އެހީތެރިކަން ހޯދުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައި ވާ ކަމަށް ރާއްޖޭގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިކަމުގެ މައުލޫމާތު ރައީސް ގޮތަބާޔާގެ ވަޒީރުންގެ މަޖިލީހަށް އެނގިފައި ނުވާކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ކޮވިޑްގެ ޝިކާރައަކަށްވެ، އެ ބަލީގައި މަރުވާ މީހުން ވަޅުލުމަށް ހާއްސަ ޝަރުތުތަކެއް ހަމަވާ ބިމެއް ހޯދުމަށް، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވީ ހުސްވި ހަފުތާގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ