ސްޓެލްކޯ ސޯލާ ޕެނަލަކުން ކަރަންޓު ބިލް ކުޑަކޮށްލެވިދާނެ

ކަރަންޓު ބިލު ބޮޑުވެގެން ކޮންމެ މަހަކުވެސް ބޯ ގާނަން ޖެހޭ މީހުން ވަރަށް ގިނަ އެވެ. ނަމަވެސް ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ ތަންފުކެއްވެސް މަދު ކުރަން އެއްވެސް މީހަކު ބޭނުންވާހެން ހިއެއް ނުވެ އެވެ. ކަރަންޓު ބޭނުންކުރުން މަދު ނުކޮށްވެސް، ބިލަށް ހެޔޮ ބަދަލެއް ގެނެވޭނެ ގޮތެއް އެބައޮތެވެ. އެއީ ސްޓެލްކޯއިން ވިއްކާ ސޯލާ ޕޭނަލް ޔުނިޓުތަކެވެ. ސްޓެލްކޯއިން މިއަހަރު ވިއްކަން ފެށި ސޯލާ ޕެނަލް ޔުނިޓުތަކަކީ ހުރިހާ ގޮތަކުންވެސް ހަރަދުކުޑަ އަދި ތިމާވެއްޓާވެސް އެހާމެ ރައްޓެހި އެއްޗެކެވެ. މި ޕެނަލްތައް ހަރުކުރުމަކީވެސް މާ އުނދަގޫކަމެއް ނޫނެވެ. އެޕްލިކޭޝަން ފޯމެއް ފުރާލުމަށްފަހު ހުށަހަޅާތާ މަހެއްގެ ތެރޭގައި ޕެނަލްތައް ގެއާ ހަމައަށް ގެންގޮސްދިނުމާއި ހަރުކުރުމުގެ ހުރިހާ ކަމެއް ސްޓެލްކޯއިން ކޮށްދޭނެ އެވެ. ސްޓެލްކޯގެ ޓީމުން މާލޭގެ ގެއެއްގައި ސޯލާ ޕެނަލް ހަރުކުރަނީ-- ފޮޓޯ/ސްޓެލްކޯ ސޯލާ ޕެނަލް ހަރުކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ޝަރުތުތަކެއްވެސް އެބަހުއްޓެވެ. އެއީ؛ ޕެނަލް ހަރުކުރާ ގޭގެ ވެރިފަރާތަށް ވުން (ކުއްޔަށް އުޅޭ ފަރާތެއްނަމަ ވެރި ފަރާތުގެ ހުއްދަ ހޯދުން) ފުރާޅުގައި 100 އަކަފޫޓުގެ ޖާގައެއް ހުރުން އިރުގެ އަވި އެއްވެސް ހުރަހަކާ ނުލައި ލިބުން ފުރާޅަކީ 140 ކިލޯގެ ބަރުދަން ހިފެހެއްޓޭވަރުގެ ފުރާޅަކަށް ވުން ސްޓެލްކޯއިން ވިއްކާ ޔުނިޓެއްގައި ހިމެނެނީ ހަތަރު ސޯލާ ޕެނަލް އެވެ. އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ޔުނިޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ތިން ޕެކޭޖެއްވެސް ސްޓެލްކޯއިން ވަނީ ތައާރަފުކޮށްފަ އެވެ. އެއީ ތިން އަހަރު، ފަސް އަހަރު އަދި ހަތް އަހަރުން ފައިސާ ދައްކައި ހަލާސްކުރާ ޕެކޭޖުތަކެވެ.. މި ތިން ޕެކޭޖުގެ ވެސް ޑައުންޕޭމަންޓަކީ 5،000 ރުފިޔާ އެވެ. އަދި ކޮންމެ ޕެކޭޖެއް ނެގި ނަމަވެސް، ކަރަންޓު ބިލުން މަހަކު 637 ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. މި ޕެކޭޖުތަކުގެ ހަމައެކަނި ތަފާތަކީ މަހު ފީއާއި މުއްދަތެވެ. ތިން އަހަރުގެ ޕެކޭޖުގެ މަހު ފީއަކީ 881.94 ރުފިޔާ އެވެ. ފަސް އަހަރަށް ބަހާލާ ޕެކޭޖަށް މަހަކު 604.17 ރުފިޔާ ދައްކަން ޖެހޭއިރު، ހަތް އަހަރުގެ ޕެކޭޖުގެ މަހު ފީއަކީ 458.12 ރުފިޔާ އެވެ. ބޮޑު ސުވާލަކީ މި ސޯލާ ޕޭނަލް ހަރުކޮށްގެން ކަރަންޓު ބިލުން ސަލާމަތް ކުރެވޭނީ ކިހާ މިންވަރެއް ހެއްޔެވެ؟ މިސާލަކަށް ކަރަންޓު ބިލަށް މަހަކު 2،000 ރުފިޔާ އަރާ ކަސްޓަމަރަކު ހަތް އަހަރުގެ ޕެކޭޖުގެ ދަށުން ސޯލާ ޕެނަލް ގަނެފިނަމަ، އިންސްޓޯލްމަންޓް ފައިސާ ބިލަށް އިތުރުކުރުމަށްފަހުވެސް ދައްކަން ޖެހޭނީ 1،821 ރުފިޔާ އެވެ. މާލޭގެ ގެއެއްގައި ހަރުކޮށްފައިވާ ސްޓެލްކޯގެ ސޯލާ ޕެނަލްއެއް-- ފޮޓޯ/ސްޓެލްކޯ ސޯލާ ޕެނަލް ހަރުކުރުމަށްފަހު އިރުގެ އަވިން އުފައްދާ ހަކަތައާއި ބޭނުންކުރާ މިންވަރު އަދި މުހިންމު މައުލޫމާތު އެކަމަށް ހާއްސަ މޮބައިލް އެޕްލިކޭޝަނަކުން ބަލައިލެވޭނެ އެވެ. މި އެޕްލިކޭޝަނުން ސޯލާ ހަކަތައިގެ މައުލޫމާތު ކޮންމެ 15 މިނެޓަކުން އަޕްޑޭޓު ވެސް ކުރަމުންދާނެ އެވެ. މާލޭގެ އިތުރުން ސްޓެލްކޯއިން ހިދުމަތްދޭ އެހެން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ސްޓެލްކޯއިން ވިއްކާ ސޯލާ ޕެނަލް ހަރުކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ސްޓެލްކޯގެ ސޯލާ ޕެނަލްތަކަށް 25 އަހަރުގެ ލައިފްޓައިމްއަކާއި ހަތް އަހަރުގެ ވޮރެންޓީއެއް ލިބޭނެ އެވެ. މި ސޯލާ ޕެނަލްތަކާއި ޕެކޭޖުތަކުގެ މައުލޫމާތު އަދި މިކަމާ ގުޅޭ ސުވާލުތަކުގެ ޖަވާބު ސްޓެލްކޯގެ ވެބްސައިޓުން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ