ކަރަންޓުގެ މަސައްކަތެއް ކުރާތީ ހަފްތާ ބަނދު ތެރޭގައި ލިބޭނީ އެމަޖެންސީ ފަރުވާ އެކަނި: އޭއީއެޗް

މި ހަފްތާ ބަނދުތެރޭގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކަރަންޓުގެ މައްސަލައެއް ހައްލުކުރުމަށް ކަރަންޓު ކަނޑާލަން ޖެހޭތީ ހަމައެކަނި ދެމުންގެންދާނީ އެމަޖެންސީ ޙިދުމަތްތައް އެކަނިކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޮސްޕިޓަލުގެ މެއިންޓެނެންސް ޑިޕާޓްމެންޓްގެ ހެޑް އަލީ މޫސާ ވިދާޅުވީ، ހޮސްޕިޓަލުގެ ޕެނަލް ބޯޑަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ހުކުރު އަދި ހޮނިހިރު ދުވަހު މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިމަސައްކަތުގެ ސަބަބުން އެމަޖެންސީ އެއްވެސް ޙިދުމަތަކަށް ބުރުލެއް ނާރާނެ ކަމަށް އޭއީއެޗް އިން ވިދާޅުވެއެވެ.
" މެއިން ޙިދުމަތްދޭ ހުރިހާތަނަކަށް ޔޫޕީއެސް ޙިދުމަތް ދެވިފައިވާނީ. މިދެންނެވީ އަޅުގަނޑުމެންގެ ތީއޭޓަރާއި، ވޯޑްތަކާއި، އައިސީޔޫ އަދި އެމެޖެންސީ ފަރުވާދޭ ތަންތަން. މި ހުރިހާ ތަނަކުން ޔޫޕީއެސް މެދުވެރިކޮށް ކަރަންޓު ލިބޭނެ. މިމަސައްކަތް ހިނގަމުންދާ ވަގުތު، ކަރަންޓު ނެތުމުގެ ސަބަބުން، ލެބާއި އެމްއާރްއައި ސީޓީ ސްކޭން ފަދަ ޙިދުމަތް ފިޔަވާ އެމެޖެންސީ އެއްވެސް ޙިދުމަތްތަކަށް، އަދި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހަކަށްވެސް ދަތަކަމެއް ކުރިމަތިއެއް ނުވާނެ. " އަލީ މޫސާ ވިދާޅުވިއެވެ.
އޭއީއެޗްއިން ވިދާޅުވީ މީގެ މިހަފްތާ ބަނދުތެރޭގައި ޓެސްޓު ހެދުމާއި އެމެޖެންސީ ނޫން އެހެން ޙިދުމަތްތަކަށް އެޕޮއިންޓްމެންޓް ހަދާފައި ތިބި ފަރާތްތަކުގެ އެޕޮއިންޓްމެންޓުތައް އެހެން ދުވަހަކަށް ބަދަލު ކުރެވި އެފަރާތްތަކަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސާވާނެ ކަމަށެވެ.
އައްޑޫސިޓީގައި އަވަށްތަކަުން ކަރަނޓު ކެނޑިގެން ދިއުމަކީ މަދުން ނަމަވެސް ހިނގާ ކަމެކެވެ. މިފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ މިހާރުވެސް ހޮސްޕިޓަލުގެ ޙިދުމަތްތަކަށް ބުރުނާރުވާ، ކުރިއަށްގެންދެވޭނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. ހޮސްޕިޓަލުގެ މެނޭޖަރ ޝަރަދު ސާދާތު ވިދާޅުވީ، މިގޮތަށް މިހާރު ކަރަނޓު ދެވުނު ނަމަވެސް، މިއީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތަކަށް ނުވުމުން ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން ހޮސްޕިޓަލުގެ ފުރާޅުގައި ހަރުކުރެވިފައިވާ ސޯލާ ޕެނަލް ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް މިހާރު މަޝްވަރާ ކުރެވެމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
" މިހާރުވެސް (ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި) އަޅުގަނޑުމެންގެ ބެކަޕް ހުރިވަރުން ދެމުން އެބަ ގެންދެވޭ. ނަމަވެސް ދިގުމުއްތަކަށް މިގޮތަށް ދޭން ޖެހިއްޖެއިއްޔާ، އަޅުގަނޑުމެންގެ ބެކަޕް އެހާ ރަނގަޅު ނޫންވީމަ، މިދަނީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން. އޭގެ އިތުރުން އަޅުގަނޑުމެން ހޮސްޕިޓަލުގެ ފުރާޅު އެއްކޮށް ސޯލާ ހަރުކުރެވިފައި ހުރުމުން، އެ ސޯލާ ޙިދުމަތް އަޅުގަނޑުމެންނަށް އެއްކޮށް ބަދަލު ކުރުމަށް ރަސްމީ އިދާރާތަކާއި އެކު މިދަނީ މަޝްވަރާ ކުރަމުން " ސާދާތު ވިދާޅުވިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ހޮސްޕިޓަލުގައި މިހާރު 80 ކޭވީގެ ސޯލާ ބޭނުން ކުރަމުންދާ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. ނަމަވެސް މިއީ ނިސްބަތުން ވަރަށް ކުޑަ އަދަދެއް ކަމަށް ހޮސްޕިޓަލުން ފާހަގަ ކުރެއެވެ. އަދި މިހާރު ހަރުކުރެވިފައި ހުރި ސޯލާ އެއްކޮށް ބޭނުން ކުރެވެން ފެށިއްޖެ ނަމަ ހޮސްޕިޓަލުގެ ކަރަންޓު މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ