އެމެރިކާގެ ފުރަތަމަ ނައިބްރައީސާ ކަމަލާ މަޤާމުގެ ހުވާ ކުރައްވައިފި

އެމެރިކާގެ ފުރަތަމަ ނައިބްރައީސާ ކަމަލާ މަޤާމުގެ ހުވާ ކުރައްވައިފިއެވެ.
ބުދަ ދުވަހު އޮތް ރަސްމިއްޔާތެއްގައި ކަމަލާއަށް މަޤާމުގެ ހުވާ ލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސޯނިއާ ސޮޓޯމަޔާއެވެ.
އިންޑިއާ-ޖެމެއިކާއަށް ނިސްބަތްވެވަޑައިގަންނަވާ ކަމަލާ އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބްރައީސްއަކަށް ވެވަޑައިގަތުމުގެ އިތުރުން، "މިކްސްޑް ރޭސް" އަކަށް ނިސްބަތްވެވަޑައިގަންނަވާ ފުރަތަމަ ނައިބްރައީސްވެސް މެއެވެ. ހަމައެއާއެކު، އުމުރުފުޅުން 55 އަހަރުގެ ކަމަލާއަކީ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ނައިބްރައީސްއެވެ.
ޤާނޫނީ ވަކީލުކަމުގެ ދާއިރާއިން ޑިގްރީ ޙާސިލު ކުރައްވާފައިވާ ކަމަލާ ހެރިސްއަކީ އެކި ގޮތްގޮތުން ތަފާތު ބޭކަނބަލެކެވެ. އެގޮތުން އެކަމަނާ ވަނީ ކެލިފޯނިއާގެ ފުރަތަމަ އަންހެން އެޓަރނީ ޖެނެރަލްކަން ކުރެއްވުމުގެ އިތުރުން، ކަލު ނަސްލުގެ ފުރަތަމަ އެޓަރނީ ޖެނެރަލްކަން ލިބިވަޑައިގެންނެވުމުގެ ޝަރަފުވެސް ހާސިލު ކުރައްވާފައެވެ.
އެޓަރނީ ޖެނެރަލް ކަމުގައި އޮފީހުގައި ހޭދަ ކުރެއްވި 2 އަހަރު ވެގެން ދިޔައީ ޑިމޮކްރަޓުންގެ ތެރޭގައި އެކަމަނާގެ މަޤުބޫލުކަން ވިދާ ބަބުޅަމުން ދިޔަ ދެ އަހަރަށެވެ. އަދި އެ މަޤުބޫލުކަމުގެ ތެރެއިން އެކަމަނާ ވަނީ ކެލިފޯނިއާގެ ސެނެޓަށްވެސް އައްޔަނުވެވަޑައިގެންފައެވެ.
ކެލިފޯނިއާގެ އެންމެ މަޤުބޫލު ޕްރޮސެކިއުޓަރކަންވެސް ކުރެއްވި ކަމަލާގެ ވަކާލާތު ކުރެއްވުމާއި، ވާހަކަ ދެއްކެވުމުގެ ހުނަރު އޮކްޓޯބަރު މަހު ބޭއްވި ނައިބްރައީސުންގެ ބަހުސްއިންވެސް ފެނިގެންދިޔައެވެ. އެގޮތުން މައިކް ޕެންސްއާ ވާދަ ކުރައްވާ ކުރިއަށް ގެންދިޔަ ބަހުސްގައިވެސް ކަމަލާ ފެނިގެންދިޔައީ ފަސްޖެހިވަޑައިގަތުމެއް ނެތި، ވާހަކަފުޅު ދެއްކެވި މަންޒަރެވެ. އެގޮތުން އެކަމަނާގެ ވާހަކައަށް ތަކުރާރުކޮށް ހުރަސް އަޅުއްވަމުން ގެންދެވުމުން މައިކް ޕެންސްއަށް " މިސްޓަރ ވައިސް ޕްރެސިޑެންޓް، އަޅުގަނޑު އެބަ ވާހަކަ ދައްކަން" ވިދާޅުވުން ވެގެން ދިޔައީ އެކަމަނާގެ ކެރުމާއި ޤާބިލިއްޔަތު ފެނިގެންދިޔަ ކުޑަ މިސާލެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ