ދަ ގްރާންޑޭއިން ވެލެންސިއާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ތާވަލުގެ ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފިއެވެ.
ގައުމީ ފުޓްބޯލަ ދަނޑުގައި ކުޅުނު މެޗުން ދަ ގްރާންޑޭ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ޔޫވީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ހަތްވަނަ މިނެޓުގައި އެ ޓީމުގެ އަލީ ހައިސަމް (ޗުމްޕު) އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ދަ ގްރާންޑޭއިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މި ލަނޑު ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) އެވެ. ވަނީ ލަނޑު ޖަހާ ގްރާންޑޭއަށް ލީޑު ނަގައިދީފައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔޫވީން އެ ޓީމުގެ އެޓޭކުތައް ވަރުގަދަ ކުރިއިރު، މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ޗުމްޕު ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ލަނޑަށްފަހުވެސް ޔޫވީން ވަނީ ދަ ގްރާންޑޭގެ ހާފަށް ބާރު ބޮޑުކޮށް، ގިނަ ހަމަލާތަކެއް ފޮނުވާލައިރު، މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުގެ އިސްމާޢީލް އީސަ (މެސީ) ހުހަށްހުރެ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މި މެޗުގައި ދަ ގްރާންޑޭއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޔާޒް އަޙްމަދު (އަޔާ) އެވެ. އަދި އޭގެ ފަހުން މެޗުގެ ފަހު މިނެޓުގައި ދަ ގްރާންޑޭއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ އުމަރުޔޯނޯފް އަޚްރޯރް ފޮނުވާލި ޕެނަލްޓީ ޔޫވީގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ މި މެޗުގައިވެސް ޔޫވީއަށް ދިމާވީ އެހެން މެޗުތަކުގައިވެސް ދިމާވާ މައްސަލަ ކަމަށާއި، އެއީ ޓޮޕް ސްޓައިކަރެއް އެ ޓީމުގައި ނެތުން ކަމަށެވެ. އަދި މިހާރު ޔޫވީގެ ޓާގެޓަކީ ފުރަތަމަ ރެލިގޭޝަނުން ސަލާމަތްވުން ކަމަށްވެސް ސާންތި ބުންޏެވެ.
ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ މި މެޗުގައި އެ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، އެކަމަކު ޓީމުގެ މެދުތެރޭގައި އަދިވެސް މައްސަލަ އުޅޭ ކަމަށެވެ. އެކަމަކު ލީގުގެ ދެވަނަ ބުރާ ކުރިމަތިލާއިރު އެކަން ރަނގަޅުވާނެ ކަމަށްވެސް އިންމަ ބުންޏެވެ.
މި ނަތީޖާއާއެކު ދަ ގްރާންޑޭ އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވެލެންސިއާއަށްވެސް ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ދަ ގްރާންޑޭ އަތުން ބަލިވި ޔޫވީ އޮތީ ކުޅުނު ހަތް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ