ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ރައީސް އެބަ މަސައްކަތް ކުރައްވާ: ގާސިމް

ދިވެހިރާއްޖެ އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިހްލާސްތެރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިހު ރައީސްކަމުގެ ހުވާކުރެއްވިތާ އިއްޔެއަށް ދެ އަހަރު ފުރިފައިވާއިރު އެދުވަހާއި ގުޅިގެން ގާސިމް ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސަށް ތަހުނިޔާ އަރިސްކޮށްފަ އެވެ.
މާމިނގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ އެތެރެއާއި ބޭރުން ނަގާ އެކި ރާޅުތަކުން ސަލާމަތްވެ ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ރައީސް ކުރައްވާ އިހްލާސްތރި މަސައްކަތުގައި ﷲ ތައާލާ ބަރަކާތް ލެއްވުންއެދި ދުއާ ކުރައްވާ ކަމަށެވެ.
Twitter Embeded
ގާސިމް އަކީ ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރެވެ. ކޯލިޝަންގައި ދެވަނަ އަށް އެންމެ ހިއްސާ ބޮޑީވެސް ގާސިމް ލީޑަރުކަން ކުރައްވާ ޖޫމްހޫރީ ޕާޓީގެ އެވެ.
ޖުމްހޫރީ ޕާޓީން ކެބިނެޓަށް ލާފައިވާ ދެ ވަޒީރަކު މިހާތަނަށް އައިއިރު ވަނީ ވަކި ކޮށްފަ އެވެ. އެގޮތުން ކުރިން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކާއި ގުޅިގެން ވަކިކުރެއްވިއިރު، ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ އަމީންވެސް ރައީސްގެ ލަފާފުޅާއެކު މަގާމުން އިސްތިއުފާ ދެއްވި އެވެ.
ޓޫރިޒަމް މިނިސްޓްރީއަކީ މިހާރުވެސް ޖޭޕީގެ ސްލޮޓެކެވެ. އެހެންނަމަވެސް ހެލްތު މިނިސްޓީގެ ސްލޮޓު ފަހުން ދިނީ އެމްޑީޕީ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ