ސަރުކާރެއްގެ އެންމެ އިސް ވާޖިބަކީ މާލީގޮތުން ރައްޔިތުން އަނދަވަޅަކަށް ވެއްޓުނަނުދީ ހިފެހެއްޓުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ކޮމެޓީން ދިރާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރު ވިދާޅުވީ، ދައުލަތެއްގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމާއި އެމީހުންގެ ދިރިއުޅުމަށް ކުރާ މަސައްކަތް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި، މާލީގޮތުން ރައްޔިތުން އަނދަވަޅަކަށް ވެއްޓުނަނުދީ ހިފެހެއްޓުމުގެ އިތުރަށް، އެމީހުންގެ މާލީ ސެކިއުރިޓީ ދަމަހައްޓާ ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ.
ބަޖެޓަކީ ޑެފިސިޓް ބަޖެޓެއްކަން ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ، ކޮވިޑުގެ މިހާލަތުގައި ޑެފިސިޓުނޫން ގޮތަކަށް އެއްވެސް ގައުމެއްގެ ބަޖެޓެއް ފާސްކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުކަމަށްވާ އެމެރިކާވެސް އޮތީ އެފަދަ ހާލަތެއްގައިކަން މެމްބަރު ވަނީ ފާހަގަ ކުރައްވާފައެވެ.
ޑެފިސިޓު ވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ކޮންމެ ކަމެއްގައިވެސް އިސްކަންދޭންޖެހޭ ތަރުތީބުތަކެއް އޮންނަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ދައުލަތުގެ ހަރުމުދާ ވިއްކުމަށްޓަކައި މަޖިލީހުން ފައިސާދީގެން ނުވާނެ ކަމަށާއި އަދި ރާއްޖޭގެ ރިސޯޓުތައް ހިލޭސާބަހަށް ބަހައިގެން ނުވާނެ ކަމަށްވެސް މަޖިލީހުގައި ބަހުސްކުރައްވަމުން މެމްބަރު ޝަރީފް ވިދާޅުވިއެވެ.
އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އަންދާޒާކޮށްފައިވާ ވަރަށްވުރެ އިތުރުވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި މިހާރު މަޖިލީހުގައި އޮތް ޓޫރިޒަމް ގާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުންވެސް ދައުލަތުގެ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބަޖެޓު ފާސްކުރަން ބޭނުންވަނީ ރާއްޖޭގެ އިގްތިސާދު އަލުން އާރާސްތުކުރުމަށްކަން ފާހަގަކުރައްވާ މެމްބަރު ޝަރީފް ވިދާޅުވީ، ބަޖެޓު ފާސްކޮށްގެން ބަޖެޓުގެ ތެރެއިން އާމްދަނީ ހޯދަން ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެކަންކުރި ކަމުގައި ވީނަމަވެސް، ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓި ބޯހިއްލާނުލެވޭ ވަރުކޮށްގެން ނުވާނެ ކަމަށެވެ.
ރައްޔިތުން އަނދަވަޅަކަށް ވެއްޓުނަނުދީ ހިފަހައްޓަން ޖެހޭނެ: މެމްބަރު ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ