އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓަކީ ސިޔާސީ ލިސްޓެއް: އިދިކޮޅު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ފައިސާ ލިބުނު ނުވަތަ އެކި ގޮތްގޮތުން މަންފާ ލިބުނު ކަމަށް ބުނާ 281 މީހެއްގެ ނަން ހިމަނާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓަކީ "ސިޔާސީ ލިސްޓެއް" ކަމަށް އިދިކޮޅު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ. އެސެޓް ރިކަވާރީ ކޮމިޝަނުން އެކުލަވާލާފައިވާ ހިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ މީހުންގެ ލިސްޓު އެ މައްސަލަ ބަލާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީން ވަނީ ބުދަ ދުވަހު އާންމުކޮށްފަ އެވެ. ލިސްޓްގައި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަދި އެ ޕާޓީގެ ލީޑާޝިޕްގެ ވަރަށް ގިނަ ބޭފުޅުން ހިމެނިފައިވެއެވެ. އެކަމާއި ގުޅިގެން ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ތަހުގީގު ކުރަން ފަށާފައިވާ މައްސަލައެއް ކަމަށާ އަދި އެ މައްސަލާގައި ޝާމިލްވާ ބައެއް މީހުންގެ ޝަރީއަތް ކުރެވި ހުކުމް ކުރެވިފައިވާ ކަމަށެވެ. "އެހެންކަމުން، އެހާމެ ޒިންމާދާރުކަން ކުޑަކޮށް މައުސޫމް އެތައް ރައްޔިތެއްގެ އަބުރު ކަތިލުމަށް ސިޔާސީ ލިސްޓެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހާއި ޙިއްސާ ކުރި ކުރުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާފައިވާ ޖަރީމާއާއި، އަދި އެހާމެ ޒިންމާދާރުކަން ކުޑަކޮށް އެތައް ބައެއްގެ ޙައްޤަށް އަރައިގަނެ އެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ޢާންމުކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ" އެ ބަޔާނުގައި ވެއެވެ.އެސެޓް ރިކަވެރީ ކޮމިޝަން އުފައްދާފައިވަނީ ރަނގަޅު ނިޔަތެއްގައި ނޫން ކަމަށާއި އެ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދަކީ ވެސް ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މީހެއް ކަމަށް ބަޔާނުގައި ތުހުމަތު ކޮށްފައިވެ އެވެ. އަދި އެ ކޮމިޝަނުން ކުރަމުން ދިޔައީ ސިޔާސީ މަސައްކަތް ކަމަށް ވެސް ބުންޏެވެ."އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތަށް ދެ އަހަރާއި ބައި ވެގެން ދިޔައިރު އެ ކޮމިޝަނަށް ތައްޔާރު ކުރެވިފައިވާ ހަމައެކަނި ލިސްޓުގައި ވާ ނަންތަކާ މެދު ވެސް ސުވާލު އުފެދޭ، އަދި ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާ ލިސްޓެއް ތައްޔާރުކޮށް، އެ ފަރާތްތަކާއި ސުވާލު ކުރުމެއް ނެތި، އެ ލިސްޓް މަޖިލީހާއި ހިއްސާ ކުރުމުންވެސް އެ ލިސްޓު ތައްޔާރު ކުރި މަގުސަދު ވަރަށް ބޮޑަށް ހާމަވެގެން ދޭ." ބަޔާނުގައިވެ އެވެ.ބަޔާނުގައި ބުނެފައިވަނީ އެސެޓް ރިކަވެރީ ކޮމިޝަންގެ ލިސްޓްގައި 280 މީހުންގެ ނަން ހިމެނޭއިރު އެ ހިޔާނާތް ހިންގުމުގެ އަޑީގައި ތިބި މީހުންގެ ނަންތައް އެ ލިސްޓްގައި ނެތް ކަމަށެވެ. އަދި އޭސީސީގެ ލިސްޓާއި އެސެޓް ރިކަވެރީ ކޮމިޝަންގެ ލިސްޓް ދިމާނުވުމާއި ފަހުން އާއްމު ކުރި ލިސްޓުގައި ބައެއް ނަންތައް އުނިކޮށްފައިވާތީ ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.ޒިންމާދާރު ކުޑަކޮށް ބައެއްގެ އަބުރު ކަތިލާފައިވާ ކަމަށް ބުނެ އެކަން ވަނީ އިދިކޮޅުގެ ބަޔާނުގައި ކުށްވެރި ކޮށްފަ އެވެ."މި ހިޔާނާތުގައި ބައިވެރިވި ފަރާތްތައް އިނގިރޭސި ވިލާތުގައި ބައިތިއްބައިގެން، އެ މީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވުމުންވެސް މި މައްސަލަ ތަހުގީގުކޮށް އެ ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެގެން ދޭ،" ބަޔާނުގައިވެ އެވެ.އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ނެރެފައިވާ ލިސްޓާއި މިހާރު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އާއި ހިއްސާކޮށް އާންމުކޮށްފައިވާ ލިސްޓާއި ތަފާތުތަކެއް ހުރުމުގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުން ބައެއް ނަންތައް އުނިވެ އިތުރުވެފައިވާ ގޮތާމެދު އޮޅުވާލުންތަކެއް އެކުލެވިފައިވާތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައިވަނީ ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދޭނެ ކަން ޔަގީން ވުމާއެކު އެ ހިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ހިމާޔަތް ކުރުމަށް ފަހު ކަމަށާ އަދި އެކޮމިޝަން އުވާލާނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ބުނެފައިވެއެވެ."އެސެޓް ރިކަވެރީ ކޮމިޝަންގެ ލިސްޓް ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައިވަނީ، ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދޭނެ ކަން ޔަގީން ވުމާއެކު، އެ ހިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ހިމާޔަތް ކުރުމަށްފަހުކަމާއި، އަދި އެކޮމިޝަން އުވާލާނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަމުން ގެންދާކަން ވެސް ފާހަގަ ކުރަން،" ބަޔާނުގައިވެ އެވެ.މި ބަޔާނުގައި ވަނީ ހިޔާނާތުގެ މައްސަލަ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އެހީތެރިކަމާއެކު މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ. އަދި ހިޔާނާތުގައި ޝާމިލުވެފައިވާ އެންމެނަށް ހައްގު އަދަބު ދިނުމަށްވެސް ގޮވާލާފައިވެއެވެ. އަދި ލިސްޓު އާންމު ކުރިއިރު އެ ލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެ މީހުންނަށް އެނގުމެއް ނެތި ހިމަނާފައިވާތީ އެމީހުންގެ ކިބައިން މައާފަށް އެދުމަށް ވެސް ވަނީ ގޮވާލާފައެވެ.އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ އިދާރާ އިން ބުދަ ދުވަހު އާންމުކުރި ލިސްޓުގައި އޮތް 281 ނަމުގެ ތެރެއިން 63 ޕަސެންޓަކީ އެ މީހުންނާ ބެހޭ ގޮތުން އަދި މިހާތަނަށް ތަހުގީގު ވެސް ނުފަށާ މީހުން ކަމަށް ލިސްޓުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ