މެސީގެ ބާބަކިއުގައި ގައިޑްލައިންތަކާ ޚިލާފުވެފައިވޭތޯ ބަލަނީ

ސްޕެނިޝް ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު މުހިއްމު މޮޅާ އެކު ލީގުގެ އެއްވަނައަށް އެރުމަށް މަސައްކަތް ކުރަމުން އަންނަ ބާސެލޯނާގެ ކުޅުންތެރިންގެ ގުޅުން ރަނގަޅު ކުރުމަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ ގޭގައި ބޭއްވި ކެއުމެއްގައި ކޮވިޑްގެ ގައިޑްލައިންތަކާ ޚިލާފަށް ކަމެއް ކޮށްފައިވޭތޯ ބަލަމުން އަންނަ ކަމަށް ލަ ލީގާއިން ބުނެފި އެވެ. ބާސެލޯނާ ސިޓީގެ ކަސްޓެލްޑެފޯލްސް ސަރަހައްދުގައި ހުންނަ، މެސީގެ މެންޝަނަށް އިއްޔެ ވަނީ ބާސެލޯނާގެ ފުރަތަމަ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އެކުޅުންތެރިންގެ ލޯބިވެރިންނަށް ދައުވަތު ދީފަ އެވެ. މީގެ ކުރިން ވެސް އެފަދަ ގިނަ ދައުވަތުތަކެއް މެސީ ޓީމުގެ ކުޅުންތެރިންނަށް ދީފައިވާ އިރު، ކުރިއަށް ބާސެލޯނާއަށް އޮތީ ލީގު ރޭހުގެ އެންމެ މުހިއްމު މެޗެވެ އެ މެޗަކީ މިވަގުތު އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށްވާ އިރު، މެޗުން މޮޅުވެގެން ބާސެލޯނާއަށް ވަގުތީ ގޮތުން އެއްވަނައަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ އާއި ބާސާއާ ދެމެދު ހުރީ ދެ ޕޮއިންޓްގެ ފަރަގެވެ. އެ މެޗު ކާމިޔާބު ކުރާ ޓީމަކަށް ލަ ލީގާގެ ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު ބޮޑެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ވެސް، ބާސާގެ ކޯޗު ރޮނަލްޑް ކޫމަން އަށް ބެންޗުގައި ނީދެވޭނެ އެވެ. ރެފްރީއާ ދިމާލަށް ބުނި އެއްޗަކުން އޭނާ ވަނީ ދެ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. ވެލެންސިއާ އާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗަކީ އޭނާގެ ސަސްޕެންޝަންގެ ފުރަތަމަ މެޗެވެ. އިއްޔެގެ ބާބަކިއުގެ ފޮޓޯޓައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، ބާސެލޯނާއިން ވަނީ އެ ޓީމުގެ އެއްވެސް ކުޅުންތެރިއަކު ކޮވިޑްގެ ގައިޑްލައިންތަކާ ޙިލާފުވެފައު ނުވާކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ކުޅުންތެރިންގެ ލޯބިވެރިން އެ ކެއުމުގައި ބައިވެރުވުމުން ބައެއް ފަރާތްތަކުން ސުވާލު އުފެއްދުމުން ސްޕެނިޝް ލީގުން ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ