ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ދީބާޖާއަށް ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ދައުލަތުން ރިވިއު ކުރުމަށް އެދުމުން އެ ކޯޓުން އެ ހުކުމް ބާތިލުކޮށްފައިވަނީ އޭޕްރިލް 7 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުން އެހުކުމް ބާތިލު ކޮށްފައިވަނީ ދީބާޖާގެ ފަރާތުން ބޭނުންވާނަމަ އެ ހުކުމް އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ދެއްވާފައެވެ.
ދީބާޖާގެ ވަކީލް މުހައްމަދު ހަލީމް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށެވެ. ދީބާޖާއިން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޖުމުލަ ހަތް ނުކުތާއެއްގެ މައްޗަށެވެ.
އިސްތިއުނާފު ކުރި މައްސަލައިގައި ދީބާޖާއިން އެދިފައިވަނީ ސިވިލް ކޯޓުގެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަނެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާިއ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ސިވިލް ކޯޓުން ވަނީ ދީބާޖާއަށް ބަދަލު ދިނުމަށް ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައެވެ. އަދި ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް 2018 ވަނަ އަހަރު ބާތިލުކޮށްފައެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން މީގެކުރިން ވަނީ ހައި ކޯޓުން އެ މައްސަލަ ބަލައިގަނެފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ. 
ދިބާޖާއިން މިފަހަރު ހުށަހަޅާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިނަމަ މި މައްސަލަ ވެގެންދާނީ ސުޕްރީމް ކޯޓުގައި އެއް މައްސަލައެއް ތިންވަނަ ފަހަރަށްބެލޭ ފުރަތަމަ މައްސަލައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ