ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ ޞިއްޙީ ދާއިރާގެ ޓީމެއް ރާއްޖެއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ އެދިވަޑައިގެންނެވުމަކަށް، "ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް، ބަންގްލަދޭޝް އެއަރ ފޯސްގެ ޞިއްޚީ ޚިދުމަތްތެރިންގެ ޓީމެއް ރާއްޖެ ގެންނަން ނިންމައިފިއެވެ.
23 މީހުންގެ މައްޗަށް އެކުލެވިގެންވާ މި ޓީމު، މިއަދުގެ ވަގުތެއްގައި މާލެ އަންނާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.
"ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގެ ދަށުން، އެންމެހައި ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ހަމަހަމަ ފުރުޞަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
މި ކަމުގައި ޤަވާޢިދާ އެއްގޮތަށް އުޅޭ އަދި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މި ކެމްޕޭނަށް އެހީތެރިކަން ހޯދުމަށް، ބަންގްލަދޭޝް ސަރުކާރަށް ދަޢުވަތު އަރުވާފައި ވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ދާދި ފަހުން އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައެވެ. ހުސްވި ފެބްރުއަރީ މަހުގެ 10 އިން 11 އަށް މިނިސްޓަރ ޝާހިދު ޑާކާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ، މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތު ޤަބޫލުކޮށް، ބަންގްލަދޭޝް ސަރުކާރުން މިއަދު ރާއްޖެއަށް ފޮނުވާ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުގައި ހިމެނެނީ 11 ނަރުހުންނާއި، 10 މެޑިކަލް އެސިސްޓެންޓްއިން، އަދި އެނެސްތިޒިއޮލޮޖިސްޓް އެކެވެ. އެ ޓީމުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުތަކާއެކު، މާލެ ސިޓީގެ އިތުރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ކުރިއަށް އޮތް ދެ މަސްދުވަހު ހަރަކާތްތެރިވާނެއެވެ.
މި ޓީމުގެ އެހީތެރިކަމާއެކު، ބަންގްލަދޭޝް މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.
ހުރިހާ ދިވެހިންނެކޭ އެއް ފަދައިން، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވެސް، އެއްވެސް ތަފާތުކުރުމެއް ނެތި ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމުގެ ކެމްޕޭނުގެ ދަށުން، މާރިޗު 2 ވަނަ ދުވަހުގެ ނިޔަލަށް 123،665 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ