ޖަމީލު ވަކިކުރީ އިތުބާރު ނެތްކަމަށް ރައީސް ޔާމީން ވިދާޅުވުމުން: ޓޮމް

ޑރ. މުހައްމަދު ޖަމީލު އަހްމަދު ނައިބު ރައީސް ކަމުން ވަކިކުރީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވުމުން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ. ޓޮމް މިހެން ވިދާޅުވީ ކުރީ ސަރުކާރުގެ ނައިބު ރައީސްގެ މަގާމުން ވަކިކުރި ގޮތާ ގުޅޭގޮތުން ޖަމީލު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ކުރިއަށްދާތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ. ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލަށް ފާޑުވިދާޅުވަމުން ޓޮމް ވިދާޅުވީ ނައިބު ރައީސްގެ މަގާމުން ޖަމީލުވެސް އަދި އަހްމަދު އަދީބުވެސް ވަކިކުރަން ނިންމީ އެ ދެބޭފުޅުންނަށް އިތުބާރު ނުކުރެވޭ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން ކަމަށެވެ. "18ވަނަ ރައްޔިތުންގެ މަޖިލީހުން ނައިބު ރައީސް ޖަމީލު އަދި ނައިބު ރައީސް އަދީބު ވަކިކުރީ އެބޭފުޅުންނަށް އިތުބާރު ނުކުރެވޭ ކަމަށް ޕީޕީއެމް ޕީޖީ ގުރޫޕުގައި ރައީސް ޔާމީން ވިދާޅުވުމުން، ޕީޖީ ގުރޫޕު އިއްތިފާގުވެ، ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް،" އެ ޕޯސްޓުގައި ޓޮމް ވިދާޅުވެފައިވެ އެވެ. ނައިބު ރައީސްކަމުން ވަކިކުރި ގޮތާ މެދު ހިތްހަމެޖެހިވަޑައި ނުގެން ޖަމީލު ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގެ ޝަރީއަތް ފަށާފައިވާއިރު، އޭނާއަކީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އަދި ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ