ގާސިމް ޖޭއެސްސީ އިން ވަކިކުރަން ހުށަހެޅި މައްސަލައިގެ ނޯޓިސް ފޮނުވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައްޔިތުން މަޖިލިސް ތަމްސީލް ކުރައްވާ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެ ކޮމިޝަނުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މަޖިލީހުން މިއަދު އޭނާ އަށް ފޮނުވައިފި އެވެ. ގާސިމް ޖޭއެސްސީ އިން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުންނެވެ. ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު "ހަވީރަ"ށް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އެ މައްސަލައިގައި މަޖިލީހުން މިއަދު ގާސިމަށް ނޯޓިސް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ މައްސަލަ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެޖެންޑާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އޮންނަ އުސޫލުގެ މަތިން މަޖިލީހުން ގާސިމަށް ވެސް ވަނީ މިއަދު އެ މައްސަލައިގެ ނޯޓިސް ފޮނުވިފައި. އެ މައްސަލަ އެޖެންޑާ ކުރާނީ ޕާލިމަންޓްރީ ގްރޫޕުގެ ވެރިންނާ މަޝްވަރާ ކުރުމަށް ފަހު،" ނާޒިމް ވިދާޅުވި އެވެ. އެމްޑީޕީން މަޖިލީހަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ މުޅި މަޖިލިސް ތަމްސީލުކުރައްވާ ގޮތަށް ގާސިމް ޖޭއެސްސީގައި މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި ބުނެފައި ވަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކެމްޕޭންކުރެއްވުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށެވެ. ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަންގެ މެމްބަރަކު ވަކިކުރެވޭނީ އެ މެމްބަރަކު އައްޔަންކުރި ފަރާތަކުންނެވެ. އަދި މަގާމުގެ ހައިސިއްޔަތުން އައްޔަންކުރައްވާ ބޭފުޅުން ވަކިވާނީ އެ ބޭފުޅުން މަގާމުން ވަކިވެވަޑައިގެންނެވުމުންނެވެ. ގާސިމްގެ ކުރިން މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި ތަމްސީލްކުރެއްވި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ވެސް ޖޭއެސްސީން ވަކިކުރީ މަޖިލީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ