އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހުން މިއަދު ނިންމި ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
މައްސަލަ ހުށަހެޅީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ ގައުމީ ސަލާމަތާއި ނުރައްކާތެރިކަން ނެތް ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ޖަލްސާގެ ބައެއް ސިއްރު ނުކުރެވޭނެ ކަމަށާއި ޖަލްސާ ބާއްވަން ވާނީ ފާޅުކަން ބޮޑުގޮތެއްގައި ކަމަށް ގާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން އޮއްވާ ގާނޫނު އަސާސީގެ ބޭރުން އެއްވެސް ނިންމުމެއް ނިންމުމުގެ ބާރު މަޖިލީހަށް ލިބިގެންނުވާނެތީ މަޖިލީހުން މިއަދު ނިންމި ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއް ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އެދިފައިވާނެ ކަމަށެވެ.
މީގެ އިތުރުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމްގެ ގޮނޑީގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އެ ދެ މެމްބަރުން ވޯޓު ދެއްވައިގެން ފާސްކުރި ކުރުމެއްގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީ އެކަމާމެދު ގޮތެއް ނިންމައިދޭން ވެސް ދައުވާގައި އެދިފައިވާނެ ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ. ވައްޑެ އެގޮތަށް ވިދާޅުވިއިރު ސާބިތު ދަރަނި ނުދައްކާ މައްސަލާގައި ނާޝިޒާއި އާޒިމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން އަމިއްލަ ފަރާތަކުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ހުއްދަ ވެސް ދީފަ އެވެ.
ނާޝިޒާއި އާޒިމްގެ ގޮނޑިއާމެދު ސުވާލު އުފެދިފައިވަނީ އެ ދެ ބޭފުޅުން ގެރެންޓީ ދެއްވި ލޯނުތަކަކަށް ފައިސާ ދެއްކުމަށް ކޯޓުންކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ މައްސަލައިގަ އެވެ.
އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ 41 މެމްބަރުންގެ ތާއީދާއެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ