މަޖިލީހަށް މުތުލަގު ބާރު ބޭނުންވޭ: މެމްބަރު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މުތުލަގު ބާރު ބޭނުންވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމު ބާތިލްކުރަން މެލޭޝިއާގެ ނެކްސްބިޒުން ސިވިލް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ.
ނަޝީދުގެ ބްލޮގްގައި އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވާއިރު އެއީ ދުނިޔޭގެ ރައްޔިތުންގެ މަޖިލިސްތަކުގައި ބަލައިގެންފައިވާ ބައިނަލްއަގުވާމީ މަފްހޫމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މުތުލަގު އިހުތިސާސް އަކީ ގާނޫނު ހަދާ މަޖިލިސްތަކުން އަސާސީ ފެންވަރުގައި ކަންކަން ކުރުމަށް ލިބިދޭންޖެހޭ ބާރެއް ކަމަށެވެ.
"މި ބާރު މަޖިލީހަށް ނެތް ކަމަށްވާ ނަމަ މަޖިލީހުން ކުރާ ކޮންމެ ކަމަކީ އެއަށް ޗެލެންޖް ކުރެވޭނެ، އެ ހިފައިގެން ކޯޓަށް ދެވޭނެ ކަންތައްތައް. އެންމެ ކުޑަމިނުން ބައްލަވާ ފުޓުބޯޅަ ދަނޑެއްގައި، ރެފްރީގެ ނިންމުމަށް ކިތަންމެ ހިތްހަމަނުޖެހުނު ކަމަށްވީ ނަމަވެސް ކުޅުން ކުރިއަށް ދޭ. އަދި އެ ނިންމުން ބަދަލެއް ވެސް ނުކުރޭ. އެހެން ނަމަވެސް މިހާރު މިވާ ގޮތަށް ކަންތައް ވާ ނަމަ އަޅުގަނޑުމެން އަހަންޖެހޭ ސުވާލަކީ ރެފްރީ ކަށިގަނޑު ފުމެލީމާ ނުވަތަ މީހަކަށް ރަތްކާޑެއް ދެއްކީމާ ނުވަތަ އެހެން ކާޑެއް ދެއްކީމާ އެކަމާ ހިތްހަމަނުޖެހޭ ޓީމު އެ ހިސާބުން ކުޅުން ހުއްޓާލާފައި ކޯޓަށް ގޮސްފައި ވަގުތީ އަމުރެއް ހޯދައިގެން މެޗުގެ ދެން އޮތް ބައި ކުޅޭނީ ކޯޓުން އަމުރު ނެރުނީމާ، އެ އަމުރު ފައިސަލާ ކުރާ ފަދަ ހުކުމެއް އައީމާ. އެކަހަލަ ކަމެއް ވާން ފަށައިފިއްޔާ ދެން ވާނެ ގޮތް ވިސްނާވަޑައިގަންނަވާ،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހަންމަދު ފަހުމީގެ މައްސަލަ އާއި ވޯޓު ސިއްރު ކުރުމުގެ މައްސަލާގައި ވެސް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާ ކަމަށެވެ. އެކަމަކު މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރެވޭނީ އެ ފުރުސަތު ދީގެން ކަމަށާއި ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ބޭނުމަކީ އެއީ ކަން ވެސް ގަބޫލުކުރަން ވެއްޖެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ މުތުލަގު ބާރުތެރެ އަށް ވެރިކަންކުރާ ފަރާތާއި އަދުލު އިންސާފު ގާއިމްކުރާ ފަރާތްތަކުން އަރައި ގަންނަ ނަމަ މަޖިލީހުގެ މަސައްކަތްތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ ކޯޓަށް ދެވޭނެ އުސޫލުތައް ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ