މިފަހަރު އަޅުގަނޑު ރައީސް ކަމަށް ހޮވޭނެ: ގާސިމް
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބް ކާމިޔާބު ކުރައްވައި، ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގަންނަވާނެކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.ގާސިމް މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ ހުޅުމީދު އަށް ވަޑައިގެން މީދޫގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ކަމަށެވެ.އެހެންވެ ރާއްޖެ އަކީ ތަރައްގީވެފައިވާ، ފުދުންތެރި އަދި އިގުތިސާދީ ގޮތުން ވަރުގަދަ ގައުމަކަށް ހެދޭނީ އޭނާ ފަދަ ގާބިލް އަދި ތަރައްގީގެ ތަސައްވުރެއް ގެންގުޅުއްވާ ބޭފުޅަކު ވެރިކަމަށް ގެނެވިގެން ކަމަށް ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ އެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި މާޒީން ލިބުނު ފިލާވަޅުން ރަނގަޅު އިބްރަތެއް ހާސިލްކޮށް މި ފަހަރު ރައްޔިތުން ވޯޓް ލާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.އޭނާ ވިދާޅުވި ގޮތުގައި ކުރިން "ދަސްކޮށް ނިމިފައި އޮތް ފިލާވަޅެއް އަލުން ދަސް ކުރުމުގެ ބޭނުމެއް ނެތެ"ވެ."ދެން ރައްޔިތުން ދަސް ކުރަން ޖެހޭނީ އާ ފިލާވަޅެއް،" ގާސިމް ވިދާޅުވި އެވެ.ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ އޭނާގެ އަމާޒަކީ ރާއްޖޭގެ ތަރައްގީ އަށް ކުރެވެން ހުރި މަސައްކަތްތައް އިހުލާސްތެރިކަމާ އެކު ކުރެއްވުން ކަމަށެވެ. އަދި މީގެ ކުރިން ވެސް މަސައްކަތް ކުރެއްވީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.ގާސިމް ވިދާޅުވި ގޮތުގައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ރާއްޖެ އަށް އެތައް ރޮނގަކުން ކުރެއްވި ހިދުމަތްތައް، ރައްޔިތުން ވަނީ ބަލައިގެންފަ އެވެ."ސާހިބަކުން ހާދިމަކަށް ވާން ބޭނުން ވަނީ ވެސް ރައްޔިތުންގެ ކުރިއެރުމާއި ފާގަތި ކަމަށް،" ގާސިމް ވިދާޅުވި އެވެ.ގާސިމް މީދު އާއި ހުޅުދު އަށް ވަޑައިގެން ދެ ރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރެއްވި އެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވި އެވެ.މީދޫ ރައްޔިތުން މޫދަށް އެރޭ ސަރަހައްދުގައި ފަތާ ފެންގަނޑަކާއި ޗޭޖިން ރޫމެއް ހަދައި ދިނުމުށް އެދުމުން އެކަން ކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.މީގެ އިތުރުން އަތޮޅު މަދުރަސާއަށާއި ހުޅުދޫ ސްކޫލަށް ވަޑައިގެން އެތަންތަނަށް ގިނަ އެހީތަކެއް ދެއްވުމަށް ގާސިމް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އަތޮޅު މަދުރަސާ އަށް 10 ޕްރޮޖެކްޓަރާއި 10 ސްކްރީނާއި ކޮމްޕިއުޓަރު ސިސްޓަމްތަކެއް ހޯއްދައި ދެއްވުން ހިމެނެ އެވެ.ޔޫތު ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ޓީޓީ އާއި ބިލިއަޑް މޭޒުތަކާއި ބާސްކެޓްކޯޓް ހެދުމަށް އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ