ކުޑަކުއްޖަކާ ބެހުނުކަން ސާބިތުވި މީހެއްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ
ބާލިޣުނުވާ ކުޑަކުއްޖަކާ ބެހުނުކަން ސާބިތުވެފައިވާ މީހަކު ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމާ ގުޅިގެން އެ ކޯޓުން ބެލި އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.އެއީ ގއ. ކޮލަމާފުށީ، އޯކިޑްމާގޭ އިބްރާހިމް އަފީފް ކުޑަކުއްޖަކާ ބެހުނުކަން ސާބިތުވެ ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި އެ ރަށު ކޯޓުން އޭނާ ޖަލަށްލުމަށް ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވެ އެވެ.އެ ހާދިސާ ހިނގާފައިވަނީ 2008 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެ މައްސަލައިގައި އޭނާގެ މައްޗަށް ޝަރީއަތްކުރުމާ ބެހޭ ގަވާއިދުގެ ދަށުން ދައުވާކޮށް ހުކުމް އިއްވުމުގެ ކުރިން، ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ. ނަމަވެސް ކުށްކޮށްފައިވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިންނެވެ.ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 59 ވަނަ މާއްދާގައި ބުނަނީ ކުށެއް ކުރިއިރު އެ ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބަށް ވުރެ ބޮޑު އަދަބެއް ދީގެންނުވާނެ ކަމަށެވެ.އެ މައްސަލައިގައި އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި ކުރި އިލްތިމާސްގައި ބުނެފައިވަނީ އެ މައްސަލައިގައި އޭނާގެ މައްޗަށް ހުކުމްކުރެވޭނީ ފަހުން އަމަލުކުރަން ފެށި، ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އަދި އޭނާގެ މައްޗަށް ހުކުމްކުރި އިރު، އެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނާ އަދަދަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށް ވެސް އިލްތިމާސްގައި ބުނެފައިވެ އެވެ.މިއަދުގެ އަޑުއެހުމުގައި އަފީފްގެ ވަކީލް ވިދާޅުވީ ފަހުން ހެދި ގާނޫނުގެ ދަށުން ކުށް ސާބިތުވަނީ ފަސް ހެއްކެއް ހުށަހަޅައިގެން ކަމަށާއި ނަމަވެސް އެ މައްސަލައިގައި ދައުލަތުން އެ އަދަދަށް ހެކި ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެ އަމަލު އަފީފް ހިންގިކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.ރައްދުގައި ދައުލަތުގެ ވަކީލް އަބްދުﷲ ރާބިއު ވިދާޅުވީ ގާނޫނުގައި ބުނެފައިވަނީ ފަސް ހެއްކެއް ހުށަހެޅުމުން ކުށް ސާބިތުވާންޖެހޭނެ ކަން ކަމަށެވެ. ނަމަވެސް އެ އަދަދަށް ހެކި ހުށަހަޅާފައިނުވާ ނަމަ އެ ކުށް ސާބިތުނުވާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.އަދި ފަސް ހެއްކެއް ހުށަހެޅުމުން ސާބިތުވާނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ، "އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް" ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެ މިންވަރަށް ކުށް ސާބިތުނުވި ނަމަވެސް އެ މައްސަލަ ބައްލަވާ ފަނޑިޔާރަކަށް އެ ކުށް ސާބިތުވާ ކަމަށް ފެނިއްޖެނަމަ ކުށް ސާބިތުކުރެވިދާނެ ކަމަށް ވެސް ރާބިއު ވިދާޅުވި އެވެ.މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ރިއާސަތުގައި އިންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.މީގެ ދުވަސްކޮޅެއް ކުރިން ވެސް ކޮލަމާފުށީގައި މަންމައާ އެކު ގަދަކަމުން ބަދުއަޚްލާގީ އަމަލެއް ހިންގައި އަދި ކުޑަކުއްޖެއްގެ ކުރިމަތީގައި ޖިންސީ އަމަލެއް ހިންގި މީހަކު 16 އަހަރަށް ޖަލަށްލުމަށް އެ ރަށު ކޯޓުން ހުކުމްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ