އެޗްއާރުސީއެމްގެ ޑިރެކްޓަރަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ޑިރެކްޓަރަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެޗްއާރުސީއެމްގެ ޑިރެކްޓަ ފައިނޭންސް އެންޑް މެނޭޖްމެންޓްގެ މަގާމުގައި ހުންނެވި އާގިސާ މޫސާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން 2010ގައި ނިންމި ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ޓްރައިބިއުނަލްގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ، ހައި ކޯޓުގައި އިސްތިއުނާފުކުރީ ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.
ޓްރައިބިއުނަލްގެ ނިންމުމުގައި އެޗްއާރުސީއެމްގެ މައްޗަށް އަމުރުކޮށްފައި ވަނީ، އާގިސާ ވަޒީފާ އިން ވަކިކުރި ތާރީހު ކަމަށްވާ އޯގަސްޓް ،19 2009 އިން ފެށިގެން އެހެން ވަޒީފާއެއް އޭނާ އަށް ހަމަޖެހުނު ތާރީހު ކަމަށްވާ ޑިސެމްބަރު ،3 2009 ހަމައަށް ދޭންޖެހޭ މުސާރަ އާއި އިނާޔަތްތަކަށް ވާ 60،025ރ. ހަތް ދުވަހުގެ ތެރޭގައި އާގިސާ އަށް ދެއްކުމަށެވެ.
ޓްރައިބިއުނަލްގެ ނިންމުމުގައި އިތުރަށް ބުނެފައި ވަނީ އާގިސާ ވަޒީފާ އިން ވަކިކުރީ އަހުލާގީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށް ފަހު ވެސް އޭނާގެ މަސައްކަތުގެ އަހުލާގާއި ޒިންމާ އަދާނުކުރާ ކަމުގެ އެކަށީގެންވާ ސަބަބުތައް ހުރެގެންނާއި ކޮމިޝަނުގެ ނިންމުމާ ހިލާފް އަމަލުތަކެއް އާގިސާގެ ފަރާތުން ތަކުރާރުކޮށް ފެނިފައިވާތީ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ ކަންކަން އެޗްއާރުސީއެމުން ސާބިތުކޮށްދީފައިނުވާ ކަމަށް ޓްރައިބިއުނަލުގެ ނިންމުމުގައިވެ އެވެ.
ރާއްޖޭން ބޭރަށް ކިޔަވަން ދިޔަ އެޗްއާރުސީއެމްގެ މުވައްޒަފަކަށް އަނބުރާ ވަޒީފާ ހަމަޖައްސައިދިނުމަށް ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން 2010 ގައި ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ