ސިޔާމްގެ ކޮއްކޮގެ މައްސަލަ ބަލާ ގާޒީ ބަދަލުކުރަން އަންގައިފި

އެމްޑީއޭގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކޮއްކޮ އަހުމަދު ސާލިމް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ބަދަލުކުރުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަންގަވައިފި އެވެ.
"ހަވީރަ"ށް ކަށަވަރުވެފައިވާ ގޮތުގައި ނ. ކުޑަފަރީ ރަށު އޮފީހަށް ގެއްލުން ދިނުމުގެ މައްސަލައިގައި ސާލިމްގެ މައްޗަށް 2011 ވަނަ އަހަރު އުފުލާފައިވާ ދައުވާގެ ފައިލް ހަވާލުކުރުމަށް އެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ ތަކުރާރުކޮށް އަންގަވާފަ އެވެ. އެހެން ނަމަވެސް، އެ އެންގުމަށް އެ މައްސަލަ ބައްލަވާ ގާޒީ އަމަލުކުރެއްވި ކަމެއް އަދި ކަށަވަރެއް ނޫނެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ބައްލަވަނީ ގާޒީ މުހުތާޒް މުހުސިން އެވެ.
ސާލިމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އިއްޔެ މެންދުރުފަހު 2:00 ބޭއްވުމަށް ކްރިމިނަލް ކޯޓުން ޝެޑިއުލްކުރި އެވެ. އެހެން ނަމަވެސް، އެ އަޑުއެހުން ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.
ސިޔާމްގެ ކޮއްކޮގެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ބަދަލުކުރުމަށް ކޯޓުން މަސައްކަތްކުރަމުންދާއިރު، ސިޔާމްގެ ލަގެޖުން ރާ ފުޅި ފެނުނު މައްސަލައިގެ ފައިލް ހަވާލުކުރުމަށް ވެސް އިސް ގާޒީ ވަނީ އަންގަވާފަ އެވެ. ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ އަލީ އާދަމް ސޮއިކުރައްވައި، އެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަހުމަދު ސަމީރަށް މިއަދު ފޮނުއްވާފައިވާ ސިޓީގައި ވަނީ މިއަދު އޮފީސް ބަންދުވުމުގެ ކުރިން އެ މައްސަލައިގެ ލިޔުންތަކާ އެކު ފައިލް އިސް ގާޒީއާ ހަވާލުކޮށް ދެއްވުމަށް އިސް ގާޒީ ވިދާޅުވެފައިވާ ކަމަށެވެ. އެ ސިޓީގައިވާ ގޮތުން އެ ގޮތަށް އަމަލުކުރަނީ ސުޕްރީމް ކޯޓުގެ ސިޓީއެއްގައިވާ ކަންކަން ތަންފީޒު ކުރުމުގެ ގޮތުންނެވެ.
ސަމީރު އަތުން މައްސަލަ ނަންގަވައި އެހެން ގާޒީއަކާ ހަވާލުކޮށްފައި މި ވަނީ ގާޒީއާ މެދު ހިތްހަމަނުޖެހޭ ކަމަށް ވިދާޅުވެ މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު ސިޔާމް ސޮއި ކުރައްވައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނަށް ސިޓީއެއް ވެސް ފޮނުއްވާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ