ސުޕްރީމް ކޯޓުގެ ހުއްދައާ ނުލައި، ކޯޓުރޫމު ނުހަދަން އަންގައިފި
ޝަރީއަތެއް ހިންގުމަށްޓަކައި ކޯޓުގެ ޑިވިޒަނެއް ނުވަތަ ވަސީލަތެއް ސުޕްރީމު ކޯޓުގެ އެންގުމަކާ ނުލައި އެއްވެސް ފަރާތަކުން ގާއިމު ނުކުރުމަށް އަންގައި އެ ކޯޓުން މިއަދު ސާކިއުލާއެއް ނެރެފި އެވެ. ސުޕްރީމް ކޯޓުގެ ސާކިއުލާގައި ބުނީ ޝަރުއީ ދާއިރާގެ ބޭނުމަށް އިމާރާތް ހޯދުމާއި އިމާރާތް ކުރަން ޖެހޭ ތަންތަން ކަނޑައަޅައި، މަރާމާތު ކުރުމަކީ އެ ކޯޓުން ކަނޑައަޅާ އުސޫލެއްގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންވެ، ކޯޓެއް ގާއިމު ކުރެވިފައިވާ ރަށެއްގައި ފިޔަވައި އެހެން ތަނެއްގައި، ޝަރީއަތް ހިންގުމަށްޓަކައި ކޯޓުގެ ޑިވިޒަނެއް ނުވަތަ ފެސިލިޓީއެއް ހަމަޖެހިފައިވާ އުސޫލުން ބޭރުން އެއްވެސް ފަރާތަކުން ގާއިމު ކޮށްގެން ނުވާނެ ކަމަށް އެ ސާކިއުލާގައި ބުނެފައި ވެ އެވެ. އަދި އެ ފެސިލިޓީއެއް ވެސް ގާއިމު ކުރާނީ ސުޕްރީމު ކޯޓުން އަންގާ އެންގުމެއްގެ މަތިން ކަމަށް ބުނެފައި ވެ އެވެ. ސުޕްރީމް ކޯޓުގެ މި ސާކިއުލާ ނެރެފައި މި ވަނީ ކްރިމިނަލް ކޯޓުގެ ކޯޓު ރޫމެއް ދޫނިދޫގައި ހަދަމުންދާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ