އަޅުގަނޑު ރައީސް ކަމުގައި ހުރި ނަމަ ޖީއެމްއާރު ބޭރުކޮށްފީމުސް: ގާސިމް

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ނަމަ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އިންޑިއާގެ ޖީއެމްއާރު ކުންފުނި ރާއްޖެ އިން ބޭރުކޮށްލައްވާނެ ކަމަށް ވިލާގެ ޗެއާމަން ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ޖީއެމްއާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އޭނާ ހުންނެވި ނަމަ ކޮންމެ ފަދަ އަގެއް ދައްކަވައިގެން ވެސް ޖީއެމްއާރު ބޭރުކޮށްލައްވާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް ޔަގީންކަމާ އެކު މި ދަންނަވަނީ އަޅުގަނޑެއް ބޭނުމެއް ނޫނޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓެއް ދިވެހި ސަރުކާރުގެ ދަށުގައި އޮންނަ ގޮތަކަށް ނޫން ގޮތަކަށް ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުއްޓަސް، ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އެކަންކަން އެ ނޫން ގޮތަކަށް ދާކަށް. މިއީ އަޅުގަނޑު ބޭނުންވާ ގޮތް،" ޖީއެމްއާރުން ގާސިމްގެ ފްލައި އެއާ އަށް ދީފައިވާ ކްރެޑިޓް ފެސިލިޓީ ކަނޑާލާފައިވާ ކަމަށް ބުނެ ދިޓީވީން ކިޔާފައިވާ ހަބަރަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރައިވެޓައިޒޭޝަންގެ ނަމުގައި ރާއްޖޭގެ އެއްވެސް އެއާޕޯޓެއް އަދި ބަނދަރެއް ބޭރުގެ ބަޔަކަށް ދޫކުރުމަކީ ޖުމްހޫރީ ޕާޓީން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ދައުލަތުގެ މަސްލަހަތާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ވެސް ބުރޫ އަރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް ދަންނަވާ ކަމަށް ވަންޏާ އެއީ އޮރިޔާން ބާލައިގެން މަގުމަތީގައި އަޅުގަނޑުމެން ހިނގުން ކަހަލަ ލަދުވެތި ނުވަތަ އެހާ ބޮޑެތި ކަންތައްތަކެއް އެކަމާ ގުޅިގެން ފޮރުވިފައިވޭ،" އޭނާ ވިދާޅުވި އެވެ.
ގާސިމްގެ މި އިންޓަވިއުގައި ވަނީ ޖީއެމްއާރުގެ އިތުރުން ރިސޯޓް ހިންގުމުގައި މަޝްހޫރު ޗަމްޕާ ހުސެއިން އަފީފަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަފީފަށް ފާޑު ވިދާޅުވީ ސ. ގަމުގެ އެއާޕޯޓް ހިންގާ ކުންފުނީގެ 51 ޕަސެންޓް ޗަމްޕާ އަފީފުގެ މަސްލަހަތު އޮންނަ ގޮތަށް ދޭން ސަރުކާރުން ނިންމާފައިވާކަމުގެ އަޑު ފެތުރިފައިވާތީ އެވެ. ގާސިމް ވިދާޅުވި ގޮތުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ކުންފުންޏެއް އުފައްދައި އެ ކުންފުންޏަށް އެ އެއާޕޯޓް 99 އަހަރަށް ދޫކޮށްފައި ވަނީ " 100ރ. އަށް ކުއްޔަށް" ދެއްވާފަ އެވެ. އަދި ގަން އެއާޕޯޓު ހިންގާ ކުންފުނީގެ މެޖޯރިޓީ ހިއްސާ ޗަމްޕާ އަފީފުގެ މަސްލަހަތު އޮންނަ ގޮތަށް ދޫކުރަން ނިންމީ ދައުލަތަށް ހަ މިލިއަން ޑޮލަރު ހޯދަން ކަމަށް ގާސިމް ވަނީ ތުހުމަތުކުރައްވައިފަ އެވެ.
"އަޅުގަނޑު ދެންނެވިން އެކަމާ އުޅުނު ސަރުކާރުގެ ބޭފުޅުންނަށް ތިކަން ތިހެން ކުރައްވާކަށް ހެޔޮ ނުވާނެ ނޫންހޭ؟ މުޅި އައްޑު އަތޮޅުގެ ޑިވެލޮޕްމަންޓް ތި ފުރޮޅާލަނީ، ރާއްޖޭގައި ކޮމްޕެޓެޓިވް މަސައްކަތް ކުރަމުންދާ އެތައް ބައިވަރު ބައެއްގެ ތެރެއިން އެންމެ ބައެއްގެ އަތްމައްޗަށޭ. އެހެންވީމާ ތިއީ އެއްގޮތަކަށް ވެސް ހެޔޮވާވަރުގެ ކަމެއް ނޫނޭ. އެއޮއް ބޮޑު ސިންގާ އިންވެސްޓްމަންޓް އައްޑޫގެ ގަމާއި ގަމުގައި ހުރި އިމާރާތްތަކާއި ހުރިހާ އެއްޗެއްގެ 51 ޕަސެންޓް މުޅިއެކު ހަ މިލިއަން ޑޮލަރަށް ވިއްކާލުމަކީ މީހަކު ކުރަންވާ ވަރުގެ ކަމެއް ނޫނޭ. ބުނީމާ އެ ބޭފުޅާ ވިދާޅުވީ އެއީ 34 ޕަސެންޓޭ ވިއްކާލަން މި އުޅެނީ. އެއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައަކަށް މާ ފަސޭހަ އިން ނުވޭ. ތިރީސް ހަތަރު ޕަސެންޓް ވިޔަސް އެއީ ހާދަ ބޮޑު އެއްޗެކޭ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ކަރުދާސް ކުންފުނިތަކެއް" ހަދައިގެން ހަ މިލިއަން ޑޮލަރަށް ގަން އެއާޕޯޓް ވިއްކާލުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި އޭގެ ސަބަބުން ކޮންމެ ސަރުކާރެއް ވެސް "އަންޑަމައިންވާ" ކަމަށެވެ. އަދި ގަން އެއާޕޯޓް ކުއްޔަށް ދޫކުރުމުގެ މައްސަލަ ރައީސް މުހަންމަދު ވަހީދަށް އެނގިވަޑައިގަތުމުން އެކަން ހުއްޓުވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލާ އެއާ އާއި ޖީއެމްއާރު ޖެއްސުމަށް ޗަމްޕާ އަފީފުގެ މަސްލަހަތު އޮންނަ ކުންފުނިތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ގާސިމް ނުކުމެވަޑައިގަންނަވަން އުޅުއްވާތީ "ޕޮލިޓިކަލީ އަޅުގަނޑު ޑިސްޓްރޯއިކުރަން" ތަފާތު ވާހަކަތައް ދައްކަނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖީއެމްއާރު މައްސަލަ ދިރާސާކުރަން ރައީސް ވަހީދު އުފެއްދެވި ކޮމެޓީގައި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ހަމަނުޖައްސަވާ ކަމަށެވެ. އެކަމަކު ފަހުން ޑރ. ޝަމްހީދު އެ ކޮމެޓީ އަށް ހަމަޖެއްސެވީ ރައީސް ވަހީދުގެ އަރިހުގައި އެ ވާހަކަ ދެއްކެވުމުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ޖީއެމްއާރުގެ އެގްރީމަންޓް ދިރާސާކުރާ ކޮމެޓީގައި އެންމެ ފުރަތަމަ ޑރ. ޝަމްހީދު ނުހިމެނުއްވީ އޭނާ "ތަންކޮޅެއް ހަރުދަނާކޮށް ވާހަކަ ދައްކާތީ" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަގު ވައްޓާލައި އަޅުގަނޑުމެންނަކީ ޚާއިނުންނަށް ހަދަން ނޫނީވިއްޔާ މީހުންނަށް ނުފޫޒު ފޯރުވައިގެން ދެ ލާރި އާއި ފަޅިއަށް ވިކިދާނެ ކަމަށް ބުންޏަސް، މި ދިވެހިރާއްޖޭގެ މީހުންނެއް، ރައްޔިތުންނެއް ގަބޫލެއް ނުކުރާނެ. އެކަން ވެސް އެއީ އެ ވާހަކަ ދައްކާ ޓީވީތަކާ އެކަން ކުރާ މީހުންގެ ބެކްގްރައުންޑް، ފަހަތް ބަލާލީމާ އެނގޭނީ ކިހާވަރެއްގެ އެއްޗެއްތޯ ފަސްބައިގައި އުނގުޅިފައި އޮތީ،" ގާސިމް ވިދާޅުވި އެވެ. "އަހަރެމެންނަށް ނޭނގޭ އެކައްޗެއް ވެސް ނޫޅޭނެ. އެ ހިސާބަށް ދާން ޖެހިއްޖިއްޔާ އެ ހިސާބަށް ވެސް ދާން ކެރޭނެ އަހަރެމެންނަށް. އަހަރެމެންގެ ވާހަކަ ދައްކާލަން ނުކުންނަ މީހާ ނުކުންނަން ޖެހޭނީ ނިކަން ކެރިގެން. ފަސް ކޮނުނިއްޔާ ފަސް ގިނަވާނެއޭ މުސްކުޅިން ބުނޭ އެހެން ނޫންތޯ؟ އެހެންވީމާ އެހެން ފަސް ގިނަކުރަން ޖައްސައިފިއްޔާ އަޅުގަނޑުމެންނަށް ވެސް ކެރޭނެ. އަޅުގަނޑުމެން ތުރުތުރެއް ވެސް ނާޅާނެ މާތް ﷲގެ ވާގިފުޅާ އެކީގައި."
ގާސިމް ވިދާޅުވީ "ބޮޑު ލާރިއެއްގެ މިންވަރު" ވެސް ދައުލަތުގެ ފައިސާ އިން ބޭނުން ނުވާ ކަމަށެވެ. އަދި ކޮރަޕްޝަން ހިންގާ އެއްވެސް މީހަކަށް އޭނާގެ ވެރިކަމާ ކައިރި ވެސް ނުވެވޭނެ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޗަމްޕާ އަފީފާއި ސަންޓްރެވަލް އަހުމަދު ސިޔާމް ފަދަ ބޭފުޅުންނަކީ ވިޔަފާރިވެރިން ކަމަށް ވާއިރު އޭނާއާ މެދު ހިތްނުތަވަސްކަމެއް އޮވެދާނެ ކަމަށެވެ.
"އެމީހުންގެ ވިޔަފާރީގެ ތެރޭގައި ހިނގާފަ ހުރި ކަންތައްތަކާއި އަދި އެ ނޫން ކަންތައް ހުއްޓަސް މަށަށް ވެސް އިނގޭނެ ވަރަށް ރަނގަޅަށް. އެއީ ވަރަށް މަދު ބަޔަކަށް އެނގޭނީ. އެ ހިސާބަށް ދާން އުޅޭ ކަމަށް ވަންޏާ، މި ކަހަލަ ދޮގު ބަދުނާމް އަޅުވައިގެން ދާން އުޅޭ ކަމަށް ވަންޏާ ބަލަ އަހަރެމެންގެ އަތުގައި ވެސް މީޑިއާ އެބަ ހުއްޓޭ. ރާއްޖޭގެ ނުވަތަ ބައިނަލްއަގްވާމީ ހިސާބުތަކަށް ފޮނުވަން ކެރެންޏާ އަހަރެމެންނަށް ވެސް ކެރޭނެ،" ގާސިމް ވިދާޅުވި އެވެ.
ވިލާ ކިޔައިފިއްޔާ އެއީ "ރަހުމަތުގެ ވާރޭ ވެއްސާހެން" ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކަމަށް ގާސިމް ސިފަކުރެއްވި އެވެ.
"ދިވެހިންނަށް އެނގޭ، ގާސިމް އިބްރާހީމް ނޫނީ ވިލާ ޝިޕިން އެންޑް ޓްރޭޓިން ކޮމްޕެނީ ނޫނިއްޔާ ވިލާ އެއާ، ވިލާ ކިޔައިފިއްޔާ ހުރިހާ އެއްޗަކުން ވެސް ރަހުމަތުގެ ވާރޭ ވެއްސާހެން ދިވެހި ގައުމަށް ފައިދާ ހުރި ކަންތައްތަކެއް މި ގާސިމް އިބްރާހީމްގެ ފަރާތުން ވެގެންދާކަން،" އޭނާ ވިދާޅުވި އެވެ. "ﷲ އިރާދަކުރެއްވިއްޔާ 2013 ވަނަ އަހަރު ގާސިމް އިބްރާހީމް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނާނެ. އެ ދުވަހުން އަޅުގަނޑު ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވިޝަން އާއި ޑްރައިވާއި އިންސާފާއި ތެދުވެރިކަމާއި ހަގީގަތާ އެއްގޮތަށް ކަންތައް ކޮށްދެވޭތޯ ދައްކައި ދޭނަން ﷲގެ ވާގިފުޅާ އެކު."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ