ރާއްޖޭން ބޭރުން ޒުވާނުންނަށް ވަޒީފާ ހޯދައިދޭން އަންނަނީ މަސައްކަތް ކުރަމުން: ރައިސް

ރާއްޖެއިން ބޭރުން ޒުވާނުންނަށް އެކި ދާއިރާތަކުން ވަޒީފާތައް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ފާހަގަކޮށްލެވޭ ޒުވާނުންނަށް އެވޯޑް ދިނުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ގާބިލް ޒުވާނުން، ރާއްޖޭން ބޭރުގައި މަސައްކަތް ކުރުމަކީ ގައުމަށް އަދި އެ ޒުވާނުންގެ އާއިލާތަކަށް ވަރަށް ފައިދާ ހުރި ކަމެއް ކަމަށެވެ. އެހެން ކަމުން ކޮލިފައިޑް ޒުވާނުންނަށް އެ ފުރުސަތު ހޯދައިދިނުމަށް އެކުވެރި ގައުމުތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ގައުމުގެ ތިންބައި ކުޅަ އެއްބަޔަކީ ޒުވާނުންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ގައުމު ބައްޓަން ކުރުމުގައި ޒުވާނުންގެ ދައުރު ކުޑަ ނުކުރެވޭނެ ކަމަށާއި، ޒުވާނުންގެ ކުރިއެރުމަށް ކުރެވެހެން އޮތްހާ މަސައްކަތެއް ސަރުކާރުން ކޮށްދޭނެ ކަމަށެވެ. ނަމަވެސް ޒިންމާދާރު ވަޒީފާތަކަށް ދިވެހި ޒުވާނުން ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގެ ސެކަންޑަރީ ގްރޭޑްތަކުގައި ކިޔަވައިދޭ 80 ޕަސެންޓް ޓީޗަރުންނަކީ ބިދޭސީން ކަމަށާއި، މާލެ ފިޔަވައި، ރާއްޖޭގެ އެހެން ހުރިހާ ރަށްތަކެއްގައި މަސައްކަތް ކުރަނީ ބިދޭސީ ޑޮކްޓަރުން ކަމަށެވެ. އަދި ރިސޯޓުތަކުގައި ވެސް ބިދޭސީންގެ ނިސްބަތް ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް މިއީ ދިވެހިން އަދާކުރަން ޖެހޭ ވަޒީފާތައް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެ ވަޒީފާތައް ދިވެހިންނަށް ލިބޭނީ މަތީ ތައުލީމު ރާއްޖޭގައި ފުޅާކޮށްގެން ކަމަށެވެ.
"ރާއްޖޭގައި މަތީ ތައުލީމު ހާސިލް މިކުރަނީ އަހަރަކު 300 ކުދިން. ހަމައެއާ އެކު 18 އަހަރުން ދަށުގެ 300އެއްހާ ކުދިން އަހަރަކު ބަލިވެ އިނދޭ. އެހެން ކަމުން މިއީ އަޅުގަނޑުމެން ވިސްނަން ޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ވަރަށް އަވަހަށް ފުޅާ ކުރާނެ ކަމަށާއި އޭގެ ދަށުން ދަރިވަރުންނަށް މަތީ ތައުލީމު ހާސިލް ކުރުމުގެ ގިނަ ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކީ ވެސް، ކޮންމެވެސް ތައުލީމީ ޕްރޮގްރާމެއްގައި އުޅޭ ކުއްޖަކަށް ހެދުމަށް ކެބިނެޓަށް ވެސް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މިނިސްޓްރީތަކަށް އިލްތިމާސް ކުރަން، އެތަންތަނުގެ ޕްރޮގްރާމްތައް ހަދާއިރު ޒުވާނުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ހެދުމަށް. އަދި އެ ޕްރޮގްރާމްގައި ޒުވާނުންގެ ހިޔާލު ވެސް ހިމެނުމަށް ގޮވާލަން،" އެމަނިކުފާނު ވިދާޅުވި އެވެ.
އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދިން ޒުވާނުންގެ އެވޯޑް ހަތަރު ދާއިރާއަކުން ހަތް ފަރާތަކަށް ލިބިފައި ވެ އެވެ. އެގޮތުން ކުޅިވަރާއި މަސައްކަތުގެ ދާއިރާއިން އެ އެވޯޑް ލިބިފައިވަނީ ބެޑްމިންޓަން ކުޅުންތެރިޔާ ހ. ދިލާސާގެއާގެ މުހައްމަދު އަޖްފާން ރަޝީދަށާއި، ޓޭބަލް ޓެނިސް ކުޅުންތެރިޔާ ހ. މިސްޓީ ނައިޓް މުއީނާ މުހައްމަދަށާއި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ނ. މާފަރު ވާދީ އަސްއަދު އަބްދުލްޣަނީގެ އިތުރުން، މަޝްހޫރު މާވަޑިއެއް ކަމުގައިވާ، ރ. އިންނަމާދޫ ޝިމްލާ އިބްރާހިމް ފަލާހަށެވެ. އަދި ޕާފޯމިން އާޓްސް އާއި މިއުޒިކްގެ ދާއިރާއިން އެވޯޑް ހާސިލްކޮށްފައިވަނީ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރު ގއ. ދާންދޫ ގުލްބަހާރުގޭ ރަވީ ފާރޫގާއި، ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކޮށްލެވޭ ރާއްޖޭގެ މިއުޒިކް ބޭންޑް ނޮތްނެގަލް ބޭންޑެވެ. އޭގެ އިތުރުން އިޖްތިމާއީ ދާއިރާއިން ފާހަގަ ކޮށްލެވޭ ޒުވާނަކަށް ހޮވާފައިވަނީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ދަ ޗިލްރެން (އާކް)ގެ އެގްޒެކްޓިވް ޑިރެކްޓާ މ. ނޫރާނީގޭ ޒެނީޝާ ޝަހީދު ޒަކީ އެވެ. ޒުވާނުންގެ ތަރައްގީ އަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްދީގެން އެވޯޑް ހާސިލް ކޮށްފައިވަނީ، މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އެވެ.
ޒުވާނުންގެ ދުވަހާ ގުޅުވައިގެން ދޭ އެންމެ ހާއްސަ އެވޯޑަކީ، ޖަވާދު އުމަރުގެ ހަނދާނީ ފިލަ އެވެ. މިއީ އިންސާނިއްޔަތަށްޓަކައި ހިދުމަތް ކުރުމުގެ ރޫހުގައި ޖާނާއި މާލުން ހޭދަކޮށްފައިވާ މިންވަރާއި އިންސާނީ މުސީބާތަކުން ސަލާމަތްކުރުމަށްޓަކައި، ކޮށްފައިވާ މަސައްކަތަކާ ގުޅިގެން ދޭ އެވޯޑެކެވެ. މި ހަނދާނީ ފިލާ މިއަހަރު ލިބިފައިވަނީ، ދާދި ފަހުން، ކ. ކާށިދޫގައި ވަޅީގެ ހަމަލާއަކުން ޝަހީދުވި އެ ރަށު ކެތި ސާޖަންޓް އާދަމް ހަލީމަށެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެ އެވޯޑް، އަލުން ދޭން ފެށީ، ވޭތުވެ ދިޔަ ތިން އަހަރު މެދުކަނޑާލާފައި އޮތުމަށްފަހު އެވެ. އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ