މެމްބަރު އާޒިމަށް އަންނަ ހަފުތާގެ ބުދަ ދުވަހު ހުކުމްކުރަނީ

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އަންނަ ހަފުތާގައި އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.އިދިކޮޅު އެމްޑީޕީގެ މެމްބަރު އާޒިމްގެ މައްޗަށް އެ ދައުވާކުރަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި މުޒާހަރާއެއްގައި، އެ ސަރަހައްދުން ވަޑައިގަތުމަށް އޭނާ އަށް ފުލުހުން އެންގުމުން އެއަށް އަމަލު ނުކުރައްވާ ކަމަށް ބުނެ އެވެ.މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ނިންމާލައިފަ އެވެ. އެހެންވެ އަންނަ ބުދަ ދުވަހުގެ ހެނދުނު އެ މައްސަލަ ބާއްވަނީ ހުކުމްކުރަން ކަމަށް ބެލެވެ އެވެ.މި ދައުވާ އާޒިމްގެ މައްޗަށް ސާބިތުވިޔަސް އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަކަށް ނުބެލެވެ އެވެ. މެމްބަރުކަމުގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުން ކަމަށްވާއިރު، އާޒިމަށް ދައުވާކުރާ ކުށަށް ގާނޫނުގައި އޮންނަ އެންމެ ބޮޑު އަދަބަކީ ހަ މަހަށް ޖަލަށްލުމެވެ.އެކަމަކު އެ ދައުވާ ސާބިތުވެ، ޖަލު ހުކުމެއް އަތުވެއްޖެ ނަމަ ހުކުމް ތަންފީޒުކުރާ މުއްދަތުގައި މަޖިލީހަކަށް އޭނާ އަށް ހާޒިރެއް ނުވެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ