ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ހުކުރު ދުވަހު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ މ. ދިއްގަރު ދާއިރާގެ ގޮނޑިއަށް ސަރުކާރު ހިންގާ ޕާޓީ (ޕީޕީއެމް) ގެ ފަރާތުން ވާދަ ކުރާނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެޕާޓީން ނިންމައިފި އެވެ.
ޕީޕީއެމުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ދިއްގަރު ދާއިރާގެ ގޮނޑިއަށް އެޕާޓީން ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން 5:00 އަށް ކަމަށެވެ.
އެ ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި އެމީހަކު ރަށްވެހިފައިވާ ރަށް ނޫން ދާއިރާގެ ރަށެއްގައި ނުވަތަ މާލޭގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް ޕީޕީއެމްއިން މިއަދުނެރުނު އިއުލާންގައި ބުނެފައި ވެއެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ހޯދުމަށް 5 ފަރާތަކުން ކުރިމަތި ލައްވާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މުހައްމަދު ފާރިސް މައުމޫނާއި، މ. މުލަކު އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު، އިމްރާން އިސްމާއީލު، މޫސާ ނަސީރު އަހުމަދު، އަދި އެންވަޔަރަމެންޓް މިނިސްޓަރުގެ ނައިބު، މުހައްމަދު ހާނިމެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންއިން މިހާރު ނިންމާފައި ވަނީ ޖޫންމަހުގެ ހަވަނަ ދުވަހެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި، އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށް ލުމަށް މިމަހުގެ ހަވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ