ހުޅުމާލޭގެ އާ ޕްރީ ސްކޫލް އެޑިޔުކޭޝަނާ ހަވާލުކޮށްފި

ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ)ގެ ފަރާތުން ހުޅުމާލޭގައި އިމާރާތް ކުރާ އާ ޕްރީ ސްކޫލްގެ މަސައްކަތް ނިމި އެ އިމާރާތް އެޑިޔުކޭޝަން މިނިސްޓްރީ އާއި ހަވާލު ކޮށްފި އެވެ.
އިމާރާތް ހަވާލުކުރުމަށް އިއްޔެ ހުޅުމާލޭގައި އެސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެޑައިގެން އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އިމާރާތާއި ހަވާލުވެވަޑާއިގެންނެވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓާ އިބްރާހީމް އިސްމާއީލެވެ. އަދި އެޗްޑީސީގެ ފަރާތުން އިމާރާތް ހަވާލުކޮށްދެއްވީ އެކޯޕްރޭޝަންގެ މެނޭޖިންގް ޑިރެކްޓާ ސުހައިލް އަހުމަދެވެ.
އިމާރާތާއި ހަވާލުވިކަމުގެ ލިޔުމުގެ ސޮއި ކުރެއްވުމަށް ފަހު އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ޑެޕިޔުޓީ މިނިސްޓާ އިބްރާހީމް އިސްމާއީލް ދެއްކެވި ވާހަކަފުޅުގައި 2015 ވަނަ އަހަރުގެ ދިރާސީ އާ އަހަރާއި އެކު އެ ސްކޫލްގައި ވެސް ކިޔަވައިދޭން ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރުވެސް އެޑިޔުކޭޝަން މިނިސްޓްރީއިން ކުރަމުން އަންނަ ކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ޕްރީސްކޫލް ހިންގުމަށް އިއުލާން ކުރެވި ފަސް ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ބިޑް ހުށައަޅަފައިވާ ކަމުގައި އިސްމާއީލް ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަ ސުހައިލް އަހުމަދު ވިދާޅުވީ އެ އިމާރާތުގެ އިތުރުންވެސް ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހަދިޔާ ކުރާ ޕްރީ ސްކޫލެއްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށާއި އެ އިމާރާތުގެ މަސައްކަތް 2015 ވަނަ އަހަރުގެ ފަހުކޮޅަށް ނިމި 2016 ވަނަ އަހަރު އެ ޕްރީ ސްކޫލްގެ ހިދުމަތް ދެވޭ ވަރަށް ނިމިގެން ދާނޭ ކަމަށެވެ. އަދި އަމިއްލަ ފަރާތަކުން ހަދިޔާ ކުރާ ސްކޫލްވެސް އެޗްޑީސީގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީއާއި ހަވާލު ކުރެވިގެން ދާނޭ ކަމަށް ވެސް ސުހައިލް ވިދާޅުވިއެވެ.
އިއްޔެ އެޑިޔުކޭޝަނާއި ހަވާލުކުރެވިގެން މިދިޔަ ޕްރީސްކޫލަކީ އަށް ކްލާސްރޫމްގެ ސްކޫލެކެވެ. މިއިން ކޮންމެ ކުލާހެއްގައި 25 ކުދިންނަށް ތިބެވޭނެ ޖާގަ އެ ކުލާސްތަކުގައި ވާ އިރު ތިން ގަޑި އިރުގެ ކޮންމެ ސެޝަނެއްގައި 200 ކުދިންނަށް އެސްކޫލްގައި ކިޔަވައިދެވޭނެ އެވެ. އަދި އެސުކޫލްގައި ކޮންޕިޔުޓަރ ލެބަކާއި، އޯޑިއޯ ވިޒުއަލް ކުލާހެއްގެ އިތުރުން ހޯލެއްވެސް ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ