ތަސްމީން ރައީސް ނަޝީދާ މިރޭ އާރަށުގައި ބައްދަލުކުރެއްވެވި ކަމަށް މައުމޫން ފެކްޝަނުން ކަށަވަރުކޮށްދީފި

ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިރޭ، އޭނާގެ ޗުއްޓީ ހޭދަކުރައްވާ ރަށް ވ. އާރަށުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފި ކަމަށް ޑީއާރުޕީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނުން ކަށަވަރުކޮށް ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ދެންމެ ވިދާޅުވީ ތަސްމީނާއި ރައީސް ނަޝީދު މިރޭ ވ. އާރަށުގައި ބައްދަލު ކުރައްވާފައިވާ ކަމަށާއި އިދިކޮޅު ލީޑަރު "ސިއްރުން އެކަހެރިކޮށް" ރައީސް ނަޝީދާ ބައްދަލު ކުރެއްވުމަކީ މައްސައެއް ކަމަށެވެ.
ތަސްމީން މިރޭ އިރާކޮޅު ސަން އަށް ވިދާޅުވީ އިދިކޮޅު ލީޑަރެއްގެ ހައިސިއްޔަތުން ރައީސާ ބައްދަލުކުރައްވާނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް މިރޭ 8:00 ހާކަންހާއިރު ވިދާޅުވީ "އަދި މިއަދު ބައްދަލު ނުކުރައްވާ" ކަމަށެވެ.
ޑީއާރުޕީގެ ނައިބު ލީޑަރު އަލީ ވަހީދު މިއަދު ވިދާޅުވީ އޭނާ މިއަދު ހުންނެވީ މާލޭގައި ކަމަށާއި ތަސްމީން ރައީސް ނަޝީދާ މިއަދު ބައްދަލު ކުރެއެއްވުމަށް ހަމަޖެހިފައި އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މަހުލޫފު ވިދާޅުވި ގޮތުގައި އިދިކޮޅު ލީޑަރު ރައީސާ ބައްދަލު ކުރެއްވިއަސް، ޕާޓީގެ ލީޑަޝިޕަށް ނޭނގި އަދި ކައުންސިލްގެ މަޝްވަރާއަކާ ނުލައި ރައީސާ ބައްދަލުކުރެއްވުމަކީ އެބޭފުޅުން ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ