އަމާގެ ހަޔާތަށް އައި އަނިޔާވެރި ފަތިސް: ރައީސާ ސުވާލުކުރަން ބޭނުން އަހަރެންގެ އަމާގެ ހައްގު ކޮބައިހޭ؟

ފަތިސް ނަމާދު ބަންގިއަށް މަރިޔަންފުޅު )އަސްލު ނަމެއް ނޫން( ހޭލައެވެ. އެއީ އޭނާ ދުވަސް ފަށާ ހިސާބެވެ. އުމުރުން 74 އަހަރުވެފައި ވުމުން ރުލަށް ބަދަލުވެފައިވާ މޫނު ދޮވެލަ އެވެ. ކަފައަށް ވަމުންދާ އިސްތަށިގަނޑު ބުރުގާގެ ނިވަލުގައި ފޮރުވައިގެން މަގަށް ނުކުންނަނީ އާދުވަހަށް ބޭނުންވާ ފެން ފުރަން ހަން ހިފައިގެނެވެ. އަމިއްލަ ގޭގައި ބޯފެނާއި ފެންވަޅެއް ނުހުންނާތީ އެއް ނޫނެވެ. އޭނާއަށް ކަމުދާ ފެން ހުންނަނީ އޭނާގެ އަވަށްޓެރި ގޭގެ ވަޅުގައި ކަމަށް ވާތީ އެވެ. އަޖޫޒު ވަމުންދާ މަރިޔަންފުޅުގެ ސިކުނޑިއަށް ގަބޫލު ކުރެވޭ ގޮތަކީ އެއީ އެވެ. ރަށު މީހުން ބުނަނީ "ކުދުކޮށް މުއަވީ" ކަމަށެވެ.
އިއްޔެރޭ ފަތިސްވެގެން އާއިރު މަރިޔަންފުޅު ހީކޮށްގެން ހުރީ އާ ކަމެއް ނޯންނަ އާދައިގެ ދުވަސް އޭނާއަށް ލިބޭނެ ކަމަށެވެ. ރަހުމު ކުޑަ ފިނޑި، އަނިޔާވެރިއެއްގެ ވަކިތައް ދަށުގައި އޭނާ ހައްޔަރުވެދާނެ ކަމަށް އޭނާއަކަށް ނޭނގެ އެވެ. އެވަރު ދެނެގަންނާނެ ޕަވަރެއް ވެސް އެ ސިކުނޑިއަކު މިހާރަކު ނެތެވެ. އެކަމަކު އާދުވަހުގެ ބަދުނަސީބުގައި މަރިޔަންފުޅު ހަމަ ރަނގަޅަށް ވެސް "މަރައިފި" އެވެ. އޭގެ ފަހަށް އެންމެންގެ ބަސް ހުއްޓުވައިފި އެވެ.
ޒުވާން ފިރިހެނަކު އޭނާގެ ޖިންސީ އެދުންވެރި ކަމުގެ "ތަށި ފުރައިލަން" ގައިބާރުދެރަވެ، އަޖޫޒުވާން ދާ މަރިޔަންފުޅު އޮބައި ގަނެ ޖިންސީ ޝިކާރައަކަށް ހެދި ހެދުން ވަނީ ދިވެހިން ލަދު ގަންނުވައި ހައިރާން ކުރުވައިފަ އެވެ.
ޖިންސީ ޝިކާރައަކަށް މަރިޔަންފުޅު ހަދައިލި ހަމައަލައަކީ "ގޮތްނެތެމުންދާ" ދިވެހިންގެ ތެރޭއި ދިން އެންމެ ފަހުގެ ހަމަލަ އެވެ. ޖިންސީ އެދުންވެރިކަމުގެ އެ ހަމަލާގައި އޭނާއަށް ލިބުނު ޒަޚަމްތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާހޯދަމުން އަންނައިރު ދެ ލޯ ކަރުނައިން ނުހިކެ އެވެ. މަރިޔަންފުޅުގެ ހަޔާތަށް އައި އެ ބިރުވެރި ފަތިސް އޭނާގެ ދުލުން ދަރިފުޅު މުހައްމަދަށް )އަސްލު ނަމެއް ނޫން( ކިޔައި ދިނުމުން އޭނާ ވެސް ދަނީ ކަރުނައިން ތެމެމުންނެވެ.
"ފެން އަޅަން ދިޔަ މަގުމަތީގައި، އަހަރެމެން ގެއަކާ މާދުރެއް ވެސް ނުވާނެ، ވަރަށް ކުޑަ ތަންކޮޅަކަށް ދެވުނުތަނާ އަމާ ]މަންމައަށް[ ގައިގައި ހިފައިގަނެ، ހައްޔަރުކުރީ. އަމާ އަޑުގަދަކުރަން ފެށީމަ ދާމާފައި ކަޅިބިތަށް ]ފުއްޓަރު ފަރާތް[ ގެންގޮސްފަ ވިނަގަނޑު މަތީ ބާއްވައިފަ ހެދި އެއްޗެއް ހެދީ. އަމާ އަޑުގަދަކުރަން ފެށީމަ އަނގަމަތީ އަތް އަޅައި، ތަޅައި އަނިޔާ ކުރީ،" މަންމައަށް ދިން ހަމަލަ މަރިޔަމްފުޅުގެ ފިރިހެން ދަރިފުޅު ކިޔައި ދިނެވެ.
ހަމަލައަށް ފަހު މުހައްމަދުގެ މުޅި އާއިލާ ވަނީ ފުން ހިތާމައެއްގެ ތެރޭގަ އެވެ. އަމައަށް ލިބުނު އަނިޔާ ކިޔައި ދިނުމަކީ މުހައްމަދަށް ކުޅަދާނެ ކަމަކަށެއް ނުވާނެ އެވެ. އަމާގެ ގައިން ފޭބި ލެޔާއި އަނަރޫފަވެފައިވާ ހަށިގަނޑަށް ލިބިފައި ހުރި ޒަޚަމްތަކަށް ބަލާއިރު އަމާ ދިރި އޮތީ "ކިރިޔާ" ކަމަށް މުހައްމަދު ބުނެ އެވެ. ހަމަލަ ދިނުމަށްފަހު ރަހުމް ކުޑަ މީހާ، ކަޅިބިތަށް އަމާ މަރުވާން ދޫކޮށްލައިފަ ރައްކާވީ އެވެ.
"އެތާ ކަޅިބިތަށް އެމީހުން އަމާ ދޫކޮށްލައިފަ ދިޔައިމަ އަމާ ކޮރުޖަހަން ޖަހަމުން ގެއަށް އައިސް އަލިވަންދެން ގޭތެރޭގައި އިނީ. އޭރު ވެސް އެކަކަށް ވެސް ނޭގޭ. އެހެން ގޭގައި އިނދެފައި އަމާގެ ބުރުގާއާއި ފައިވާނާއި ބޮލަށް އަރުވައިފަ ހުރި ވޫލްކޮޅެއް ގެއްލިގެން، އަނެއްކާ މިދިޔައީ އެތަނަށް ]ކަޅިބިށްފަރާތަށް[. އަމާގެ ސިކުނޑި ހަމަނުޖެހޭނެވިއްޔާ. އެތަނަށް ގޮސް ހުއްޓާ އެހެން އަންހެނަކަށް ފެނިގެން އެ އަންހެންމީހާ އައިސް އަހަރުމެންނަށް ގޮވައިފަ ބުނީ،" މުހައްމަދު ކިޔައިދިނެވެ.
އޭނާ ބުނީ، އަމާ ހޯދަން ނުކުތްއިރު ގޭތެރޭގެ ތަޅުންމައްޗާއި އަދި އިށީނދެގެން އިން ގޮނޑި ވަނީ ލެއިން ތަތްތެޅިފަ ކަމަށެވެ. އޭނާގެ ލޮލަށް އަމާ ފެނުނުއިރު، ހިތް ކުދިކުދިވި ކަމަށް ވެސް ބުންޏެވެ. ކަންވީގޮތް ރަނގަޅަށް މުހައްމަދަށް ސާފު ނުކުރެވެނީސް ފުލުހުން އަމާ ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
"އަމާ ހޮސްޕިޓަލަށް ގެނެސް އެޑްމިޓްކުރީ. ޑޮކްޓަރު ވިދާޅުވީ، ވަރަށް ސީރިއަސްއޭ. ވަރަށް ބޮޑަށް ލޭ ފައިބައިފައޭ ހުރީ. އަމާގެ ހުންނަނީ އޯ ޕޮޒިޓިވްލޭ. ދެން ލޭ ހޯދަން އުޅުނީ. އެކަމަކު ލޭއެޅީމަވެސް ހަރުނުލައި. ޑޮކްޓަރުން އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައި ޖެހުނީ ވަރަށް ބޮޑަށް ޖިންސީ ގުނަވަނަށް އަނިޔާވެފައި ހުރީމަ އޮޕަރޭޝަންކުރަން. ޑޮކްޓަރު ވިދާޅުވީ ޒަޚަމް ވަރަށް ފުންކޮށޭ ހުރީ،"
އެތައް ގަޑިއިރެއްގެ އޮޕަރޭޝަނަށްފަހު އަމާގެ ފުރާނަ ސަލާމަތްކުރެވުނެވެ. މިހާރުވެސް އައިސީޔޫގައި އެޑްމިޓްކޮށްފައި އޮތް އަމަޔަށް މަޑުމަޑުން މިހާރު ވާހަކަ ދެކެވެމުން އެބަ އާދެ އެވެ. ބައެއް ފަހަރު ހިނިތުން ވާން އުޅޭ ކަމަށް މުހައްމަދު ބުންޏެވެ.
އެވަރަކުން މުހައްމަދު ހިތްހަމައެއް ނުޖެ އެވެ. އަމާއަށްޓަކައި ކިތަންމެ ދެރެވެފައި ހުރި ނަމަވެސް، މުހައްމަދުގެ ހިތުގައި ރުޅިވެރިކަމެއްވެސް ދަނީ ބޮޑުވަމުންނެވެ. އަމާ މުސްކުޅިވި ދުވަހު އެ ހާލު ޖެއްސި ކުށްވެރިޔާއަށް ބޮޑު އަދަބު ލިބެންޖެހޭނެ ކަމަށް މުހައްމަދު ތަކުރާރުކޮށް ބުނެ އެވެ. އޭނާ ބުނަނީ އަމާ ފުލުހުންނަށް ހާދިސާ ކިޔައިދޭ ގޮތުން އަމައަށް ހަމަލަ ދިނީ އެންމެ މީހަކު ކަމަށް ސިފަވާ ކަމަށެވެ.
މުހައްމަދުގެ އަމައަށް ދިން ހަމަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 19 އަހަރުގެ ޒުވާނެކެވެ. ނަމަވެސް، އަމައަށް ހަމަލަދިން ވަގުތު މަގުމަތިން ތިން ޒުވާނަކު ފެނުނު ކަމަށް އަވަށްޓެރިން ބުނާތީ، އެ ހަމަލާގެ ފަހަތުގަ އެކަކަށްވުރެ ގިނަ މީހުން ވާކަމަށް އާއިލާއިން ޝައްކުކުރެ އެވެ.
ބަލި އެނދުން އަމާއަށް ތެދުވެވޭނެ ދުވަހެއް ނޭގެ އެވެ. އެކަމަކު އެނގޭ ކަމެއް އެބައޮތެވެ. އަމާ ހާލުގައި ޖެއްސި ކުށްވެރިޔާއަށް ހައްގު އަދަބު ލިބެންދެން މުހައްމަދު ސުވާލުތަކާއި ޝަކުވާ ކުރަމުންދާނެ ކަމެވެ.
"މިއަދު ހައްޔަރުކޮށްގެން އެދިޔައީ. މާދަމާ ދޫކޮށްލާނެ. ފުލުހުންވެސް ކޯޓުންވެސް މިތިބެނީ ހަކުރު ވިއްކާ ކުށްވެރިންނާ އެއްކޮޅަށް. އަހަރުން ކަހަލަ ނިކަމެތި ރައްޔިތުންނަށް އަޅާލާނީ ކޮންބަޔެއް؟" އޭނާގެ ފުރަތަމަ ސުވާލު ކުރި އެވެ. އަދި ބުންޏެވެ: "އަހަންނަށް ކަމެއްކޮށްދެންޏާ ރައީސް ނަޝީދާ ބައްދަލުކޮށްދީ. އަހަރެން ބޭނުން ސުވާލުކުރަން ތި މީހުންނަށް ނުކެރެންޏާ. ކީއްވެގެންހޭ ކުށްވެރިން ދޫކުރަނީ؟ ކޮބާހޭ ފުލުހުންނާ ސިފައިންގެ ބޭނުމަކީ؟ ކޮބާހޭ ނިކަމެތި މީހާގެ ހައްގު؟ ކޮބާހޭ މަގޭ އަމާގެ ހައްގު؟"
މުހައްމަދުގެ ސުވާލުތައް ކިތަންމެހާ ވެސް ރަނގަޅެވެ. މިއަދު މަރިޔަންފުޅު އިހާނެތިކޮށް "ރޭޕް"ކޮށްލި ވާހަކަ އައްޑޫ ކަނޑު ހުރަސްކޮށް މުޅި ރާއްޖެއަށް ވަނީ ފެތުރިފަ އެވެ. ހިތާމަވެރި އަނިޔާވެރި އެ ހަބަރުން އެތައް ބަޔަކު ލަދުން އިސްޖަހައިފި އެވެ. އަމާގެ ސިކުނޑީގެ އުނިކަމާހުރެ މި ހާދިސާ މަތިން އޭނާ ހަނދާން ނެތިދާނެ އެވެ. ހަން ހިފައިގެން އަލުން ފެން ފުރަންވެސް ފަތިހު ތެދުވާނެ އެވެ. އެކަމަކު އަމާގެ ދަރި، ކުރާ ސުވާލަށް ޖަވާބު ނުދެއްވުނިއްޔާ ގައުމު މިކަން ހަނދާން ނައްތާލާނެ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ