ގެމަނަފުށީ ރައްޔިތުން ނިކުމެ މުޅި ރަށުން ކަރަންޓް ކަނޑާލައިފި

ގއ.ގެމަނަފުށީ އިންޖީނުގޭގައި ބޭނުންކުރަމުންދާ 3 އިންޖީނުގެ ތެރެއިން 2 ހަލާކުވެ ކޮންމެ 30 މިނެޓަކުން ރަށުގެ އެކި ސަރަހައްދުތަކަށް ކަރަންޓް ދެމުންދަނިކޮށް ރައްޔިތުން ނިކުމެ މުޅި ރަށުން ކަރަންޓު ކަނޑާލައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ ވަނީ އިންޖީނުގެއިން ވެސް ކަރަންޓް ކަނޑާލާފަ އެވެ.
ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ޝިޔާން އެމްވީޔޫތް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައްޔިތުން ނިކުމެ މުޅި ރަށުން ކަރަންޓު ކަނޑާލީ އެކި ސަރަހައްދުތަކަށް އިންޖީނުގެއިން ކަރަންޓް ވަކި ގަޑިތަކެއްގައި ދެމުންދާއިރު ބައެއް ސަރަހައްދުތަކަށް މަދު ވަގުތުކޮޅަކަށް ދެމުންދާ ކަމުގެ ޝަކުވާ ފެންމަތިވެ ރައްޔިތުން ނިކުމެ ކަރަންޓް ކަނޑާލީ ކަމަށެވެ.
"އިންޖީނުގެ ގެއިން ބައެއް ސަރަހައްދުތަކަަށް 30 މިނެޓް ކަރަންޓް ދީފަ ބައެއް ސަރަހައްދުތަކަށް 10 މިނެޓް ދެމުންދާ ކަމުގެ ޝަކުވާ ފެންމަތިވީ" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެންމެ ބޮޑު ޖަނެރޭޓަރުން ހަލާކުވި ބައި މަރާމާތުކުރުމަށް އެ އަތޮޅު ކޫއްޑޫއަށް މިހާރު ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަމަވެސް މިރޭ ކަރަންޓް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްކަމަށްވެސް އޭނާ ވިދާޅުވި އެވެ. މިކަމާ ގުޅިގެން ފެނަކައިގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ