މިކަހަލަ "އޯގާތެރިކަމެއް" ބޭނުމެއް ނޫން – މައުމޫން

މި ސަރުކާރުން ގާސިމް އިބްރާހިމާ މެދު އަމަލު ކުރި ގޮތަކީ އަނިޔާވެރި ކަމުގެ ލާމަސީލު މިސާލެއް ކަމަށާއި މިސަރުކާރުން ދޭ ކަހަލަ އޯގާތެރިކަން ނުލިބުނިއްޔާ ރަނގަޅު ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޖުމްހުރީ ޕާޓިގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ތަހައްމަލް ކުރަމުން ދަނީ ބޮޑު އަނިޔާއެއް އަދި ވޭނެއް ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އެމިނިކުފާނު ނުކުރައްވާ ކަމަކަށް އަދަބުދީފައި ވާ ކަމަށާއި އަދި އެމަނިކުފާނު ދެއްކެވި ވާހަކަ ތަކަކީ ރިޝްވަތު ނޫން ކަމަށް ވިދާޅުވިއެވެ.
"ކިހާ އޯގާތެރިވީމަތޯ މީހަކު ކޯޓުގައި އުޅެނިކޮށް އަނބުރައިގަނެގެން ވެއްޓުނީމައި ހޮސްޕިޓަލަށް ގޮސް ހޮސްޕިޓަލުގައި އެޑްމިޓް ވެފައި ސީރިއަސް ބަލި ހާލެއްގައި އޮއްވާ ޢައިރު ހާޒިރުގައި ރޭގަނޑު ދަންވަރު 1:30ގައި އޭނަގެ މައްޗައް ކުރާނީ. އަޅުގަނޑުމެންނަށް ރަނގަޅީ މިވަރުގެ އޯގާތެރިކަމެއް ނުފެނުނިއްޔާ." މައުމޫން ވިދާޅުވިއެވެ.
އަދި ގިނަ މަސައްކަތް ކުރައްވައިގެން ގިނަ ދުވަހު ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އޮންނެވުމަށްފަހު އެންމެފަހުން ގާސިމް ރާއްޖެއިިން ބޭރަށް ފަރުވާ ހޯއްދެވުމަށް ވަޑައިގަންނަން ހުއްދަދެއްވީ އެންމެ 10 ދުވަހު ކަމަށް މައުމޫން ވިދާޅުވިއެެވެ. ހިތްފުޅުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަން ވަޑައިގަތް ބޭފުޅަކަށް އެމުއްދަތަކީ ވަރަށް ކުޑަ މުއްދަތެއް ކަމަށް މައުމޫން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އަދާދަލަތު ޕާޓިގެ ރައީސް އައްޝެއިހް އިމްރާން އަބްދުﷲ އޮންނެވީ ވަރަށް ހާލުކޮޅުގައި ކަމަށާއި އެހެންނަމަވެސް އޭނާ އޮތީ ޖަލުގެ އެންމެ އުނދަގޫ ގޮޅީގެ ތެރެއިން ގޮޅިއެއްގައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ހަތަރޔ އަންހެން ދަރިން ތިއްބަވާ ކަމަށާއި އަބިކަނބަލުން އިންނެވީ އާލާސްކަންފުޅާ ކަމަށް މައުމޫން ވަނީ ފާހަގަ ކުރައްވާފައެވެ.
"އެހެންނަމަވެސް އަދިވެސް އޮންނަވަން ޖެހެނީ އެއްކަލަ ހިތްދަތި ވޭންދެނިވި ކުޑަ ގޮޅީގައި. އޯގާތެރިކަން މިއަށްވުރެ ބޮޑަށް ކިހިނެއްތޯ އޮންނާނީ؟" މައުމޫން ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވިއިރު އެމަނިކުފާނުގެ މައްޗައް ވެސް ވަނީ އަނިޔާވެރި ހުކުމެއް ކޮށްފައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކުރެއްވި ކުށެއްގެ މައްޗައް އެހެން ތުހުމަތެއް އަޅުވާ ސުވާލު އުފެދޭގޮތަށް ވަނީ ޝަރީއަތް ކޮށްފައި ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ