ރައީސް ޔާމިން ފިއްލަވާފާނެ، 2018 ވޯޓް ކަރުދާހުގައި ނަމެއް ނޯންނާނެ: އަރީފް

ރައީސް އަބްދުﷲ ޔާމިން ފިއްލަވަން މަސައްކަތްކުރައްވާ ކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށާއި ހަމަ ޔަޤީނުން ވެސް 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާހުގައި އެމަނިކުފާނުގެ ނަންފުޅެއްް ނޯން ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ވިދާޅުވެއްޖެއެވެ.
 
ރާއްޖެޓީވީގެ "މިރައީސް" ޕްރޮގްރާމްގައި ހުކުރު ދުވަހުގެ ރޭ ވާހަކަދައްކަވަމުން ރައީސް ޔާމިން ފިއްލަވާފާނެ ކަމަށް ޤަބޫލުކުރެވެނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން، އަރީފް ވިދާޅުވީ ރައީސް ޔާމިން ފިއްލަވަން މަސައްކަތްކުރައްވަނީ ގައުމަށް ވެވަޑައިގެންފައިވާ ޙިޔާނާތާއި ރައްޔިތުންނަށް ދީފައި ހުރި އަނިޔާތަކާއި އެމަނިކުފާނު ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެތީ ކަމަށާއި އެންމެ ފިނޑި މީހުން ކަންތައް ކުރައްވާ ގޮތަށް، އެކަންކަމުން ރެކިވަޑައިގަތުމަށް ކަމަށެވެ.
 
މިގައުމުގެ ހާލަތު މިހާ ހިސާބަށް ވެއްޓިދާ ތަން ބަލަން އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށާއި ރައްޔިތުން ދެކެމުންދާ ހުވަފެންތައް ހަޤީގަތަކަށް ހެދުމަށް ރައީސް ޔާމިން ވިދާޅުވާހާ ގޮތަކަށް ކަންތައް ކުރައްވަން ރައްޔިތުން ނުތިބޭނެ ކަމަށް އަރީފް ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގަތުމުގެ ކުރިންވެސް ރައީސް ޔާމިންއަކީ ރައްޔިތުންނަށް ބޭނުން ފުދުނު ބޭފުޅެއް ނޫން ކަމަށާއި މިހާރު ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެހިސާބަށް ވަޑައިގަތުމަށްޓަކައިވެސް ރައީސް ޔާމިންގެ ކުޑަ މިންވަރެއްގެވެސް އެހީތެރިކަމެއް އެއިން ބޭފުޅަކަށް ލިބިވަޑައިގެންފައި ނުހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
 
އަދި މިގައުމު ފުނޑިގެން ހަލާކުވެގެންދާއިރު މިނިވަން މުއައްސަސާތަކުން އެބޭފުޅުންގެ ޒިންމާ އަދާކުރުމަށް ކޮޅަށް ދެތުވެވަޑައިގަންނަވާނެ ކަމަށް ޤަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
 
މިއަދު ފެނިގެންމިދަނީ ޤާނޫނު އަސާސީއަށް ވެރިކަން ކުރައްވަން ރައީސް ޔާމިންއަށް އެނގިވަޑައިނުގަންނަވާތީ ދިމާވެގެން އުޅޭ މައްސަލަތަކެއްކަން ފާހަގަ ކުރައްވައި އަރީފް ވިދާޅުވީ މިގައުމުގައި ރަސްކަމެއް ޤާއިމްކުރަން މަސައްކަތް ކުރައްވަމުންގެންދަވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. އެކަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ