ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ކްރިމިނަލް ކޯޓަށް ވަޑައިގެންފިއެވެ.
މިއީ ރައީސް މައުމޫން މައްސަލައެއް އަޑު އެއްސެވުމަށް ކްރިމިނަލް ކޯޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ފާރިސްގެ މައްޗަށް ދައުލަތުން ކުރާ ޝަހުސް އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ 11:30 ގައެވެ.
ދޫނިދޫގައި ފުލުހުންގެ ބަންދުގައި ހުންނެވި ފާރިސް މިހާރުވަނީ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ދައުލަތުން ފާރިސްގެ މައްޗަށް ދައުވާ ކުރަނީ އިދިކޮޅު ފަރާތްތަކުން މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ހުއްދަ ނެތި ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކޮށްފައިވާ ކަމަށް ބުނެއެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސްގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ފާރިސްވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފައެވެ.
ފާރިސް ދޫނިދޫގައި ބަހައްޓާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ފާރިސްގެ މައްޗަށް ތުހުމަތު ކޮށްފައިވާ މައްސަލަތަކުގެ ހެކި ފޮރުވާ ހެކި ބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގައި މިމަހުގެ 18 ވަނަ ދުވަހު ހައްޔަރު ކުރުމަށްފަހުއެވެ.
ފާރިސްގެ މައްޗަށް ރިޝްވަތު ދިން ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކައި ގުޅިގެން ޝަރީއަތް ނިމެންދެން މިމަހުގެ 19 ވަނަ ދުވަހު ބަންދުކޮށްފައިވާ އިރު އެ މައްސަލަތަކުގައި ފާރިސްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.
ފާރިސްގެ އަޑުއެހުމަށް ރައީސް މައުމޫން ކްރިމިނަލް ކޯޓަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ