ދީނީ އެއްބައިވަންތަކަމުގެ ބިންގާ ގަލަކުން ގަލަކުން ނައްތާލުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް ޢަދާލަތުން ގޮވާލައިފި

އިސްލާމީ ޝަރީޢާ ތަންފީޒްކުރުމަށް ގޮވާލައި މިއަހަރު އޭޕްރީލް 29 ގައި ޢަދާލަތާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން - ދިއިސްލާމް ފައިލް ފޮޓޯރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ބިންގާ ގަލަކުން ގަލަކުން ނައްތާލުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް ޢަދާލަތު ޕާޓީން ގޮވާލައިފި އެވެ.ޢަދާލަތުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސާކް ސަމިޓާ ދިމާކޮށް އައްޑޫގެ އެކި ހިސާބުތަކުގައި ބުދުތައް ބެހެއްޓި މައްސަލައިގައި ރައްޔިތުން ކަންބޮޑުވެފައިވަނިކޮށް، އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރުގެ ނަމުގައި ގެނައި މީހަކު މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު ތަކާއި ދިމާ އިދިކޮޅަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކޮށްފައިވާ ކަމަށެވެ.“ޒިނޭ ކުރާ އަންހެނުންގެ ގައިގައި ޙައްދު ޖެހުމަކީ އެ އަންހެނުންގެ ޝަރަފަށް ލިބޭ އުނިކަމެއް ކަމަށާއި އެއީ ޑިމޮކްރަސީ އެއްގައި އޮވެގެންވާނެ ކަމެއް ނޫންކަމަށާއި މި ކަމާއި މެދު “ޢާންމު ބަޙުސެއް” ރާއްޖޭގައި ބޭއްވުމަށް އޭނާ ގޮވާލާފައި ވެއެވެ. އަދި ހަމަމިފަދައިން އަންހެނުންނާއިމެދު ކުރެވޭ ތަފާތުތައް ނައްތާލުމާއި ބެހޭ ބައިނަލް އަގްވާމީ މުއާޙަދާގައި ހިމެނޭ ކައިވެނީގެ ހަމަހަމަކަން ލިބިދޭ މާއްދާއަށް ރާއްޖެއިން އެއްބަސްވެފައި ނުވާތީ އެމާއްދާއަށް ތަބާ ވުމަކީވެސް ރާއްޖެ “ބަދަލަކަށް ކުރާ މަސައްކަތުގައި” މުހިންމު ކަމެއް ކަމުގައި ވަކާލާތު ކޮށްފައިވެއެވެ.  ކައިވެނި ކުރުމުގައި ދީނަށް ނުބެލުމަށް ގޮވާލާ މިމާއްދާޔަކީވެސް ކަނޑައެޅިގެން އިސްލާމީ ޝަރީޢަތާއި ފުށުއަރާ އެއްޗެކެވެ.” އެ ނޫސްބަޔާނުގައި ވެއެވެ.ޒިނޭ ކުރުމަކީ ﷲ ސުބުޙާނަހޫ ޥަތަޢާލާ ޙަރާމް ކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށާއި، އަދި ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުގެ 2 ވަނަ އާޔަތުގައި ޞަރީޙަ ބަހުން ﷲ ސުބުޙާނަހޫ ޥަތަޢާލާ މުއުމިނުންނަށް އަމުރު ކުރައްވާފައިވަނީ ޒިނޭ ކުރާ އަންހެނަކަސް ނުވަތަ ފިރިހެނަކަސް ދެމީހުންގެ ގައިގައި 100 އެތި ފަހަރުން ޙައްދު ޖެހުމަށްކަން ބަޔާންކޮށްފައި ވެއެވެ.“އަދި މި ޙުކުމް ހިންގުމާއި ދެމެދަށް ކުލުނާއި އޯގާތެރިކަން ހުރަސްއެޅިޔަ ނުދިނުމަށެވެ. މުސްލިމް ފިރިހެނުންނަށް އަހުލު ކިތާބީންގެ އަންހެނުންނާއ ކައިވެނި ކުރުން ހުއްދަ ކުރައްވާފައިވިޔަސް މުސްލިމް އަންހެނަކަށް އެހެން އެއްވެސް ދީނެއްގެ ފިރިހެނަކާއި ކައިވެނި ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ކަމެއް ނޫނެވެ.” ޢަދާލަތުގެ ބަޔާނުގައި ވެއެވެ.ޢަދާލަތުން ބުނެފައިވަނީ އިސްލާމް ދީނުގައި ކަނޑައެޅި ބަޔާންވެގެން އައިސްފައިވާ މިފަދަ ޙުކުމް ތަކަކީ ބަޔަކު ކިތަންމެ ބޭނުންވިޔަސް، “ޢާންމު ބަޙުސް” ތަކަށް ހުޅުވާލައި، ޑިމޮކްރަސީއާއި އަޣުލަބިއްޔަތުގެ އުސޫލުން ބަދަލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ގޮތަކަށް ދީނުގެ އެއްވެސް ޙުކުމެއް ބަދަލު ކުރެވިދާނެ ކަމަށް ގަބޫލު ކުރުމަކީވެސް އިސްލާމް ދީނުން ބޭރުވާނޭ ކަމެއް ކަމުގައި ޢަދާލަތުން ބަޔާންކޮށްފައި ވެއެވެ.ޢަދާލަތުގެ ބަޔާނުގައިވާ ގޮތުގައި، އދ. ގެ އިންސާނީ ޙައްގުތަކާއިބެހޭ ހައިކޮމިޝަނަރު އިސްލާމް ދީނާއި އަދި ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފް މިފަދަ ވާހަކަ ތަކެއް ދެއްކީ ސަރުކާރުގެ އިސްފަރާތް ތަކާއި އެކު މަޝްވަރާ ކޮށްފައި އެބޭފުޅުންގެ މަޝްވަރާގެ މަތީންކަމަށް އޭނާ އިޝާރަތް ކޮށްފައިވެއެވެ. އެހެން ކަމުން އެކަމުންވެސް ދައްކައިދެނީ މިކަމަކީ ތިމާމެން ދައްކަން ބޭނުންވާ ވާހަކަތަކެއް ފާޅުގައި ދައްކަން ޖެހިލުންވާތީ ބޭރު މީހުން ގެނެސްގެން އެވާހަކަތައް ދައްކަނީ ކަމަށް ޢަދާލަތުން ބުންޏެވެ.“ރައީސް ނަޝީދާއި އަދި ސަރުކާރުގެ އިސްވެރިންގެ ލާދީނީ އެޖެންޑާއެއް މީގެ ފަހަތުގައި ނުވާކަން ޢާންމުންނަށް ދެއްކެވުމުގެ ގޮތުންވެސް، އިސްލާމް ދީން ޙިމާޔަތް ކުރުމުގެ އެންމެ މަތީ މަސްއޫލިއްޔަތު ދިވެހި ރައްޔިތުން ޙަވާލު ކޮށްފައިވާ ދިވެހި ރާއްޖޭގެ ވަލިއްޔުލް އަމްރުގެ ޙައިސިއްޔަތުން މިވާހަކަތައް ކުށްވެރި ކުރައްވައި ބަޔާން ނެރުއްވުމަށް ގޮވާލަމެވެ. ދިވެހި ރާއްޖެއަކީ މިނިވަން މުސްތަގިއްލު އިސްލާމީ ގައުމެއް ކަމާއި، އިސްލާމް ދީނަށް ގޮންޖަހާ އަދި ރާއްޖޭގެ ގާނޫނާއި ޚިލާފް ވާހަކަ ތަކެއް އދ. ގެ މީހަކަސް މިތާގައި ނުދެއްކޭނެ ކަމުގައި އެފަރާތަށް ހަދާން ކޮށް ދެއްވުމަށްވެސް އިލްތިމާސް ކުރަމެވެ.” ޢަދާލަތުގެ ބަޔާނުގައި ވެއެވެ.ޢަދާލަތުން ބުނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ދެކޮޅު މިފަދަ ވާހަކަތަކެއް ދެއްކިއިރު އެފަރާތަށް އެފަދަ ވާހަކަ ތަކެއް ނުދެއްކުމަށް އަންގަވައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ ފަރާތުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެބޭފުޅުން ކުރައްވާފައިވާ ހުވަޔާއި އެއްގޮތަށް، މިވާހަކަތަކަށް އިހުތިޖާޖު ކުރައްވަން ޖެހޭނެ ކަމަށާއި، މިފަދަކަންކަމަކީ އެއްވެސް ޙާލެއްގައި ގަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށް ޢަދާލަތުން ބުންޏެވެ.“ދިވެހިރާއްޖޭގެ މާތްވެގެންވާ އިސްލާމްދީނަށް އެކި ސިފަސިފައިގައި ކުރިމަތި ކުރަމުން މިދާ ގޮންޖެހުންތަކަކީ ފަހަރެއްގައިވެސް ގުޅުމެއްނެތި ވަކިވަކިން ހިގަމުންދާ ކަންތަކެއްކަމުގައި ދެކެގެން މިއަދު ވާކަށް ނެތެވެ. މިކަންތަކަކީ ރާއްޖޭގައި އިސްލާމްދީން ފަނޑުކޮށްލައި، ޣައިރު ދީންތަކަށް މިރާއްޖޭގައި ފުރުޞަތު ހުޅުވުމަށް މި ސަރުކާރުން ވަރަށްބޮޑު ރޭވުން ތަކެއް ރާވައިގެން ހިންގަމުން ގެންދާ ކަންތަކެކެވެ. އައްޑޫސިޓީގައި ހަރުކޮށްފައިހުރި ބުދު ތައް އަދިވެސް އެހެރީއެވެ. “މޮނިއުމެންޓް” ތަކެއްގެ ނަމުގައި މިބުދުތައް ބެހެއްޓުމަކީ، ބުދު ބެހެއްޓުމާއި ބުދު ފައްޅި އެޅުމާއިބެހޭ “ޢާންމު ބަހުސް” ރާއްޖޭގައި ހުޅުވާލައި ރައްޔިތުން އެކަމަށް އަހުލުވެރި ކުރުވުމަށް ރައީސް ނަޝީދުގެ ސަރުކާރުން ރާވައިގެން ހިންގާފައިވާ ޕްރޮޖެކްޓެކެވެ. މިއަދު މިވަނީ ބުދާއި ބުދު ފައްޅިއާއިބެހޭ ޢާންމު ބަޙުސް ރާއްޖޭގައި ފެށިފައެވެ. ބުދުތައް ބެހެއްޓުމަކީ މާބޮޑު މަސްއަލައެއް ނޫންކަމުގައި ވަކާލާތުކުރާ ބަޔަކު މިއަދު ރާއްޖޭގައި އެބަ ތިއްބެވެ.”  ޢަދާލަތުގެ ބަޔާނުގައި ވެއެވެ.ޢަދާލަތުން ބުނީ  އިސްލާމްދީނާއި ގައުމުގެ އެންމެ މަތީ މަސްލަޙަތަށްވުރެ ޕާޓީ ރޫޙު ކުރިޔަށްނެރެ ތިމާމެން ނިސްބަތްވާ ޕާޓީގެ ސަރުކާރުން ކިތަންމެ ނުބައިކަމެއް ހިންގިޔަސް އެއީ ގޯހެއްކަމުގައި ނުދެކޭ ބަޔަކު މިއަދު ރާއްޖޭގައި އެބަތިބި ކަމަށެވެ.  އަދި އެންމެފަހުން އިއްޔެ ގޮވާލީ ކީރިތި ޤުރުއާނުގެ ނައްޞުން ސާބިތުވާ އިސްލާމީ ޝަރީޢަތުގެ ޙައްދެއް ގާއިމު ކުރުން ނުވަތަ  ނުކުރުމާއިމެދު “ޢާންމު ބަޙުސް” ހުޅުވާލުމަށް ކަމަށާއި، ޕާޓީ ރޫޙުގައި، މިކަމަށް ތާއީދު ކުރާބަޔަކުވެސް ތިބެދާނެކަމީ ދުރުކަމެއް ނޫން ކަމުގައި ޢަދާލަތުން ބުންޏެވެ.ޢަދާލަތުގެ ބަޔާނުގައި ބުނެފައި ވަނީ “އެތައް ސަތޭކަ އަހަރުތަކެއްގެ ދިގު ތާރީޚުގައި، އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިން އެބޭފުޅުންގެ ލޭފޮދު ގުރުބާން ކުރައްވައިގެން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވާފައިވާ އެންމެ އަގުމާތް ޖައުހަރު ކަމުގައިވާ އިސްލާމްދީނުގެ ޙިމާޔަތުގައި އެންމެން ގުޅިގެން ނިކުންނަންޖެހޭ ދުވަސް މިއަދު އައިސް ޖެހިފައިވާ” ކަމަށެވެ.ޢަދާލަތުގެ ނޫސް ބަޔާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ