ގައުމު މިއޮތީ ބަނގުރޫޓްވެފައި: ގާސިމް

ދިވެހި ރާއްޖެ ދަރާވިކި، ބަނގުރޫޓްވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސަބާގައި، 23 ޑިސެމްބަރު އިއްތިހާދުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓް ނިމިގެން ދިޔައިރު ވެސް ގައުމުގެ ދަރަނި ބޮޑުވަރު ފެންނަ އޮތް ކަމަށެވެ. އަދި މި ޖެނުއަރީ މަހުގެ މުސާރަ ދޭނެ ގޮތެއް ނެތިގެން ސަރުކާރުން "ކަންތައްތަކެއް ކޮށްފައިވާ" ކަމުގެ އަޑު އިވިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ކަންތައްތަކެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
"ގައުމު ދަރައި ވިކިއްޖެ. އެކި ގޮތަށް އެކި ވާހަކަ ދެކެވުނަސް ހަގީގަތަކީ އަޅުގަނޑުމެންގެ ގައުމު މިއޮތީ ބޭންކްރަޕްޓްވެފައި. ޖެނުއަރީ މަހު ދޭނެ މުސާރައެއް ނެތިގެން ކަންތައްތަކާ އުޅެންޖެހުނު ގޮތް އަޅުގަނޑުމެން އަޑުއަހަމު. ފިނޭންސް މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ ކިހިނެއްތޯ ލާރި ހޯއްދެވީ. އެ ލާރި ހޯއްދެވި ގޮތް އެބޭފުޅާ ކައިރިން އަހާލަންޖެހޭނީ،" ގާސިމް ވިދާޅުވި އެވެ.
ސަރުކާރުން ގާނޫނާ ޚިލާފަށް އެތައް ކަމެއްކުރަމުންދާ ކަމަށާއި އެ ގޮތުން ސަލާމަތީ ބާރުތައް ލައްވައި ހިންގާ ޖަރީމާތައް ހުއްޓާލުމަށް ވެސް އެ ޖަލްސާގައި އޭނާ ގޮވާލެއްވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ގައުމުގައި ގެއްލިފައިވާ މިނިވަންކަން ހޯދުމަށް މިހާރު މަސައްކަތް ނުފަށައިފި ނަމަ ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އެހެންކަމުން ހުރިހާ ފިކުރުތަކުން އެއްކިބާވެ ހުރިހާ ޕާޓީތަކުން އެއްބައިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްބައިވަންތަކަމުގެ ގުޅުމަކުން ގުޅިގެން، ސަރުކާރުގެ ތެރޭގައި ހުރި ލާއިންސާނީ އަދި ލާދީނީ ކަންތައްތައް ހުއްޓާލައި ކޯޓުތަކުގެ މައްސަލަތައް ވެސް ހައްލުކުރަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެންމެ ކަމެއް ނޫން، އަލިފުން ޔާ އަށް، ސަރުކާރުގެ ތެރޭގައި ހުރި ކަންތައްތައް ރަނގަޅުކުރަންޖެހޭ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ މުއްސަނދިކަމާއި އަމާންކަމާއި އެހެން ކަންތައް ވެސް ބޭރުގެ އެކި ފަރާތްތަކަށް ވަނީ ދޫކޮށްލައިފަ އެވެ. އަދި ސަރުކާރުގެ އަމަލުތަކާ ހެދި މަގުމަތީގައި އުޅުމުގެ މިނިވަންކަން ވެސް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ވާހަކައިގައި ވެސް ފުލުހުންނާއި ސިފައިން ސިޔާސީ ބޭފުޅުން ތަކުރާރުކޮށް ހައްޔަރުކުރާ މައްސަލަ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
މާލޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް އަލިއަޅުއްވާލައްވައި އޭނާ ވިދާޅުވީ ގައުމަށް ޑިމޮކްރަސީ ގެނައީ މިހާރު އޮތް ހާލަތަށް ދާން ނޫން ކަމަށެވެ. އެހެންކަމުން މިކަން ހައްލުކުރުމަށް އެންމެން އަތާ އަތް ގުޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ކަންކަން ހަމަމަގަށް އެޅުވުމަށް ލަހެއްފަހެއް ނެތޭ. އަޅުގަނޑުމެން ގާނޫނީ ވަސީލަތްތައް ބޭނުންކޮށްގެން، ގާނޫނުގެ ތެރެއިން މިކަންކުރުމަށް އަތާ އަތް ގުޅާށޭ. އަޅުގަނޑު ދަންނަވާނީ މިތާ ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އިސްކޮށް ތިއްބެވި ބޭފުޅުން ހިމެނޭ ގޮތަށް އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުމެން އެންމެންވީ އެއް ލަވައެއް ކިޔާށޭ. އެކައްޗެއް ކިޔާށޭ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ