ސުޕްރީމް ކޯޓު ބެލެހެއްޓުން ސިފައިން ހުއްޓާލައިފި ކަމަށް ވާހަކަ ދެކެވެން ފަށައިފި

ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ސިފައިން ހުއްޓާލައިފި ކަމަށް ވާހަކަ ދެކެވެން ފަށައިފި އެވެ.ޖުޑީޝަރީން ވެސް އަދި އެމްއެންޑީއެފް އިން ވެސް މި ވާހަކަ އަދި ކަށަވަރުކޮށެއް ނުދެ އެވެ.ހަވީރަށް އެނގިފައިވާ ގޮތުގައި މި ވާހަކަ ފެންމަތިވީ އެމްއެންޑީއެފްގެ ފަރާތުން މިރޭ އިރާކޮޅު ސުޕްރީމް ކޯޓު ބަލަހައްޓަން ހުރި އެމްއެންޑީއެފްގެ މެރިން ކޯ މީހާ 7:30 ހާއިރު އެ ތަން ދޫކޮށްފައި ދިއުމާ ގުޅިގެންނެވެ. އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓު ބަހަލަހައްޓަނީ ސިފައިންގެ މެރިން ކޯ އާއި އެސްޕީޖީ އިންނެވެ. ސިފައިންގެ މެރިން ކޯ މީހާ ދިއުމުން އެސްޕީޖީ މީހާ ވަނީ ޖުޑީޝަލް ސެކިއުރިޓީ އަށް އެކަން އަންގާފަ އެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ ގާޑުން މިހާރު ދަނީ ސުޕްރީމް ކޯޓު ބަލަހައްޓަމުންނެވެ. މެރިން ކޯ ސިފައިންގެ މީހާ ދިޔަތާ އިރުކޮޅެއް ފަހުން ކޮމްބެޓް ޔުނިފޯމްގައި ހުރި ސިފައިންގެ އެހެން މީހަކު ގޮސް، ސުޕްރީމް ކޯޓުގެ ތަޅުދަނޑި ޖުޑީޝަލް ސެކިއުރިޓީ މީހުން އަތުން ގެންގޮސްފައިވާ ކަމަށް ވެސް ވެ އެވެ.ސިފައިންގެ މެރިން ކޯ ސުޕްރީމް ކޯޓުން ދިޔަ ނަމަވެސް އެސްޕީޖީ މީހާ އަދިވެސް އެބަހުރި ކަމަށް އެނގިފައިވެ އެވެ.ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓުން ބުނީ މިފަދަ ގޮތަކަށް ކަން ހިނގާފައިވާ ކަމަށް އަޑުއިވިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ސްޕޯކްޕާސަން ވެސް ވިދާޅުވީ މި ކަމާ ބެހޭ މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ.ސުޕްރީމް ކޯޓަކީ 24 ގަޑި އިރު ސިފައިން ސެކިއުރިޓީ ބަލަހައްޓާ ތަނެކެވެ. އެ ގޮތުން މެރިން ކޯ ސިފައިންގެ މީހަކު ކޮންމެ ގަޑިއިރަކުން އަދި އެސްޕީޖީ ސިފައިން ކޮންމެ ހަ ގަޑިއިރަކުން ބަދަލުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ