410 ފަރާތާ ވާދަކޮށްގެން ކަނބާލިފަރުގެ ބީލަން މ. އަނާވިލާ އަލީ ޝަރީފު ކާމިޔާބުކޮށްފި

ބީލަމުގައި ބައިވެރިވި 410 ފަރާތާ ވާދަކޮށްގެން ށ. ކަނބާލިފަރުގެ ބީލަން މ. އަނާވިލާ އަލީ ޝަރީފު ރޭ ގުރުއަތުން ކާމިޔާބުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި ގޮތުގައި 15،000ރ. އަށް ބިޑް ޑޮކިޔުމަންޓް ގަނެގެން ބީލަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކަށް ވެސް، ބިޑް ޑޮކިޔުމަންޓަށް ދޭން ކަނޑައަޅާފައިވާ އެންމެ މަތީ މާކްސް ލިބިފައި ވެ އެވެ. އެހެންކަމުން ރޭގައި ދަރުބާރުގޭގައި ބޭއްވި، ކުލި ކޮންޓްރޯލްކޮށްގެން ދެވަނަ ބުރުގައި ދޫކުރުރާ ރަށުގެ ގުރުނެގުމުގައި އެ ހުރިހާ ފަރާތްތަކެއް ވެސް ވަނީ ބައިވެރިކޮށްފަ އެވެ.
ދުއިސައްތަ އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަނބާލިފަރުގެ ދެވަނަ ނަސީބުވެރިއަކަށް ހޮވިފައި ވަނީ ޓްރޮޕިކަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި ތިން ވަނަ ފަރާތަކަށް ހޮވުނީ ހއ. ހޯރަފުށީ އަހުމަދު ހަމީދު، ކަނދުގަސްދަށުގެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި ގޮތުގައި އެ ރަށުގެ ބީލަން ކާމިޔާބުކުރި ފުރަތަމަ ފަރާތަށް ނޯޓިފިކޭޝަން އޮފް އެވޯޑު ވަރަށް އަވަހަށް ހަވާލުކުރާނެ އެވެ. އެ ލިޔުން ހަވާލުކުރާތާ ފަސް ދުވަހުގެ ތެރޭގައި ދެލައްކަ ޑޮލަރުގެ ބޭންކު ގެރެންޓީއެއް އެ ފަރާތުން ހުށަހަޅަން ޖެހޭ ގޮތަށް މި ފަހަރުގެ ބީލަމުގައި ވަނީ ހަމަޖައްސާފަ އެވެ. ބޭންކު ގެރެންޓީ ހުށަނޭޅިއްޖެނަމަ އަދި ރަށުގެ ކުލީގެ 15 ޕަސެންޓް 21 ދުވަހުގެ ތެރޭގައި ނުދެއްކިއްޖެ ނަމަ ވެސް އެ ރަށް ކާމިޔާބު ކުރުމުގެ ފުރުސަތު ދެން ލިބޭނީ ގުރު ދިމާކުރި ދެވަނަ ފަރާތަށެވެ.
ކަނބާލިފަރުގެ 10 އަހަރު ކުލީގެ 15 ޕަސެންޓަކީ 2،072،550 އެމެރިކާ ޑޮލަރެވެ.
ކުލި ކޮންޓްރޯލްކޮށްގެން ދޫކުރާ ށ. ގާކޮށިބީގެ ބީލަން ހުޅުވުން މާދަމާ މެންދުރު 00: 1 ގައި ދަރުބާރުގޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ