އަށް މެމްބަރުން ވަކިކުރީ އާ ގާނޫނު އަސާސީއާ ޚިލާފަށް: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އައްޔަންކުރެއްވި އަށް މެންބަރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރައްވާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެ މެންބަރުން ވަކިކުރި ހިސާބުން ފެށިގެން އިންތިގާލީ މަޖިލިސް ދެމި އޮތް މުއްދަތުގައި އެ މެންބަރުންނަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ބަދަލުގެ ގޮތުގައި ދިނުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.ރައީސްގެ މެމްބަރުންގެ ގޮތުގައި އޭރު ތިއްބެވި އަދި މިހާރު މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މީގެ ދޮޅު އަހަރު ކުރިން އަވަސް ނިއާ މައްސަލައެއްގެ ގޮތުގައި އޭރުގެ މަދަނީ ކޯޓަށް ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ މަދަނީ ކޯޓާއި ހައި ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ކުރި އިސްތިއުނާފާ ގުޅިގެންނެވެ.އެ މައްސަލައިގައި މަދަނީ ކޯޓަށް ހުށަހެޅި ދައުވާގައި ބުނަނީ ކުރީގެ ރައީސް މައުމޫން ރައްޔިތުންގެ މަޖިލީހަށް އައްޔަން ކުރައްވާފައިވާ މެންބަރުން ކުރީގެ ރައީސް ނަޝީދު ވަކިކުރައްވާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އެހެންވެ އެ ނިންމުން ބާތިލުކުރުމަށް އެ ދައުވާގައި އެދިފައިވެ އެވެ. އަދި އާ މެންބަރުން މަޖިލީހަށް އައްޔަންކުރެއްވީ ވެސް ރައީސަށް ލިބިވަޑައިގެންނުވާ ބާރުތަކެއް ބޭނުން ކުރައްވައިގެން ކަމަށް ވެސް އެ ދައުވާގައި ބުނެފައިވެ އެވެ.ކުރީގެ މަދަނީ ކޯޓުންނާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ އެ މެންބަރުން ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮންނާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އޭޕްރީލް 4، 2009ގަ އެވެ.ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރަކު މައްސަލަ ބެއްލެވުމަށް ފަހު މިއަދު ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ އެ މަނިކުފާނާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ ރައުޔު ތަފާތު ކަމަށެވެ. އެ ދެ ފަނޑިޔާރުން ނިންމަވާފައި ވަނީ މަދަނީ ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމް ރަނގަޅު ކަމަށެވެ.މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ އަބްދުﷲ ސައީދު އާއި އަލީ ހަމީދު އާއި ޑރ.އަހްމަދު އަބްދުﷲ ދީދީ ނިންމަވާފައި ވަނީ އިންތިގާލީ ރައްޔިތުންގެ މަޖިލިސް ވަކިވަކި މެންބަރުންގެ ގޮތުގައި ދެ މި އޮންނާނެ ކަމަށާއި އެ މަޖިލީހުން މެންބަރުން ވަކިކޮށް އަދި މެންބަރުން އައްޔަންކުރުމަކީ ގާނޫނު އަސާސީއާ ހިލާފް އަމަލެއް ކަމަށެވެ.އިންތިގާލީ މަރުހަލާގައި ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނެ ކަމަށް ގާނޫނު އަސާސީގެ 294 ވަނަ މާއްދާގައި ބުނާއިރު ހުކުމުގައި ވަނީ އޯގަސްޓް 7، 2008 ގައި އަމަލުކުރަން ފެށި ގާނޫނު އަސާސީގައި ދައުލަތުގެ ތިން ބާރަކީ މިނިވަން ތިން ބާރު ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެއިން އެއްވެސް ބާރެއްގެ ތެރެއަށް އަނެއް ބާރެއް ވަންނަ މިންވަރެއް ބާތިލް ވާނެ ކަމަށެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އައްޔަންކޮށް ވަކިކޮށް ހެދުމުގެ ބާރު ރައީސަށް ނޯންނާނެ ކަމަށް ވަނީ ހުކުމްކުރައްވައިފަ އެވެ. އަދި އެކަން ކުރެވޭނެ ކަމަށް ތަސައްވުރުވާ އެއްވެސް ތަނެއް ވެސް ގާނޫނު އަސާސީގައި ނެތް ކަމަށް ވަނީ ހުކުމްކުރައްވައިފަ އެވެ.އެ ހުކުމުގައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އިންތިގާލީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަކިކޮށް އަދި އައްޔަންކޮށްފައި ވަނީ ގާނޫނު އަސާސީގެ އިންތަކުން ބޭރުން ކަމަށާއި އެހެންވެ، ވަކިކުރި މެންބަރުންނަށް އެ މެންބަރުން ވަކިކުރި ހިސާބުން ފެށިގެން އިންތިގާލީ މަޖިލިސް ދެމި އޮތް މުއްދަތުގައި ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން ޖެހޭނެ ކަމަށެވެ. އަދި މި ހުކުމާ، މި މައްސަލަޔާ ގުޅިގެން މަދަނީ ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމް ވަނީ ބާތިލް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ