މުންނާރު ކުޑަ ކަމަށް ބުނެ ރައްޔިތުން ޝަކުވާކުރުމުން ކުޅުދުއްފުށީ ހުކުރު މިސްކިތުގެ މަސައްކަތް ހުއްޓާލައިފި

ހދ. ކުޅުދުއްފުށީގައި ސަރުކާރުން ހަދަމުންދާ ހުކުރު މިސްކިތުގެ މުންނާރު ކުޑަ ކަމަށް ބުނެ ރައްޔިތުން ޝަކުވާކުރުމާ ގުޅިގެން މިސްކިތުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
އަތޮޅު އޮފީހުގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ 8.2 މިލިއަން ރުފިޔާގެ ޕްރޮޖެކްޓަކުން މޯވޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހަދަމުންދާ ދެ ބުރި މިސްކިތުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލީ މިސްކިތް ނިމެން ކައިރިވެފައި ވަނިކޮށް މިސްކިތުގެ މުންނާރު ކުޑަ ކަމަށް މި ރަށުގެ ރައްޔިތުންނަށް ފެނިގެން އެކަމުގެ ޝަކުވާ ސަރުކާރުގައި ކޮށްފައި ވާތީ އެކަން ބަލައި، ގެނެވެން ހުރި ބަދަލުތައް ގެނައުމަށް ކަމަށެވެ.
"މިސްކިތުގެ މުންނާރުގެ މައްސަލައިގައި ބަޔަކު ޝަކުވާތަކެއް ކޮށްފި. އެހެންވެ އެކަން ސަރުކާރުން މިހާރު ދަނީ ބަލަމުން. މި ނޫނަސް ބައިވަރު މައްސަލަ ކުރިން ވެސް ދިމާވެފައި އެބަހުރި،" އަތޮޅު އޮފީހުގެ ވެރިއެއް ކަމަށްވާ އަބްދުއްސައްތާރު ވިދާޅުވި އެވެ.
ދޮޅު ހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މި މިސްކިތުގައި ޖަހާނެ ތަށިމުއްޓަކާ މެދުގަ އާއި ބަހައްޓާނީ ކޮން ވައްތަރެއްގެ މިންބަރެއް ކަމާ މެދު ވެސް ވަނީ ވަކި ގޮތެއް ނުނިމި ކަމަށާއި އެކަން ފާސްކުރުމަށް އެޓޯލްސް އަށް ދަންނަވައިފައިވާ ކަމަށް ވެސް އަތޮޅު އޮފީހުން ބުނެ އެވެ.
ތިން ސަތޭކަ ދުވަހުގެ ތެރޭގައި ނިންމުމަށްޓަކައި 15 ޖޫން 2006 ގައި މަސައްކަތް ހަވާލުކުރި އެ މިސްކިތް ހަދަމުން ދިޔައިރު މީގެ ކުރިން ވެސް ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ސަބަބުން ރަނގަޅުކޮށްފައިވާ އެތައް ކަމެއް އެ މިސްކިތުގައި ވެ އެވެ. އޭގެ ތެރޭގައި ފުރަތަމަ ސީޓު އެޅިއިރު ފެންވަރު ދަށްވެގެން ސީޓު އަޅައިފައި ވަނީ ރައްޔިތުންގެ ބެލުމުގެ ދަށުން އެ މީހުންގެ ހާޒިރުގަ އެވެ. އަދި ވަކި ހިސާބަކުން ތަނބުތަކުގެ ފެންވަރު ދަށްވެގެން ބައެއް ތަނބުތައް ތަޅާލައި ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަކަށް އަލުން ތަބުތައް ވަނީ އަޅައިފަ އެވެ.
މިސްކިތުގެ މުންނާރު ކުޑަ ކަމަށް ބުނެފައި ވަނީ މުންނާރުގެ ކޮޅުގައި ހަރުކޮށްފައިވާ ގުއްބު ފެންނަން ހުންނަލެއް ކުޑަކަމުން ކަމަށް ރަށުގެ ކަމުވޮށިގެންވާ ބައެއް މީހުން ބުނެ އެވެ.
ކުޅުދުއްފުށީ ރަށު އޮފީހުން ބުނީ ހުކުރު މުސްކިތް ހަދަމުން ދަނީ ހުރިހާ ކަމެއް ރަށު އޮފީހަށް އަންގައިގެން ނޫން ކަމަށާއި އެހެންކަމުން ހުކުރު މިސްކިތާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ