ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 13 މެމްބަރަކު ސަރުކާރުގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ވަކިކުރުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ބޭފުޅުންގެ ވަޒީފާ އަލުން ދިނުމަށް މަދަނީ ކޯޓުން ކުރި ހުކުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
ކޮމިޝަންގެ މެމްބަރު މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ހާއްސަ މަޖިލީހުގައި އިންތިހާބުކޮށްފައިވާ 10 މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފައިވާ ތިން މެމްބަރަކާ އެއްކޮޅަށް މަދަނީ ކޯޓުން މި މަހުގެ ކުރީކޮޅު ކުރި ހުކުމާ ގުޅިގެން އެ މައްސަލަ އިއްޔެ އިސްތިއުނާފަށް ހުށަހެޅީ ސިވިލް ސާވިސްގެ ގާނޫނުގެ ވަކި މާއްދާއަކާ ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ހުކުމްކޮށްފައި ވާތީ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މި މައްސަލައިގައި ޝަރުއީ ދާއިރާގެ ހުރިހާ މަރުހަލާއެއް ކަޑައްތުކުރުމަކީ ވެސް އެކަން ހިނގާފައިވާ ގޮތަށް ބަލާއިރު ބޭނުންތެރި ކަމެއް ކަމަށް ސިވިލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވޭ ކަމަށެވެ.
ހަވީރަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވެފައި ވަނީ ގާނޫނުތައް، ގާނޫނު އަސާސީއާ ހިލާފަށް ހުރި ކަމަށް ދަށު ކޯޓުން ނިންމުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމަށާއި އެހެން ގައުމުތަކުގައި އެއީ ކޮންސްޓިޓިއުޝަނަލް ކޯޓުން ނިންމާ ކަމެއް ކަމަށެވެ.
ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް މިދިޔަ މޭ 1 އިން ފެށިގެން އަމަލުކުރަން ފެށުމާ ގުޅިގެން ސަރުކާރުގެ ވަޒީފާއިން ވަކިކުރި މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ދައުވާ ކުރެއްވީ ހޯމް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް އަދި ހާއްސަ މަޖިލީހުގެ ގދ. މެންބަރު މުހައްމަދު ވަހީދު އަލީ އާއި ދަރުމަވަންތަ ސްކޫލްގެ ސުޕަވައިޒަރު، ހާއްސަ މަޖިލީހުގެ ހދ. މެންބަރު އަބްދުﷲ ނަސީރާއި ފިނޭންސް މިނިސްޓްރީގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު، ހާއްސަ މަޖިލީހުގެ ޅ. އަތޮޅު މެންބަރު އަބްދުﷲ އަލީ އެވެ. ދެ ވަނަ ގަޒިއްޔާގައި ހިމެނިވަޑައިގަންނަވަނީ ޕްލޭނިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް އަދި ހާއްސަ މަޖިލީހުގެ ފ. އަތޮޅު މެންބަރު އަންވަރު އަލީ އާއި އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަދި ހާއްސަ މަޖިލީހުގެ ވ. އަތޮޅު މެންބަރު މޫސާ ނިޒާރާއި ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރު ޖެނެރަލް އަދި ހާއްސަ މަޖިލީހުގެ ގއ. މެންބަރު އިބްރާހިމް ހަލީލް އަބްދުﷲ އާއި އެޓޯލްސް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް ސ. އަތޮޅު މެންބަރު އިބުރާހިމް ތޯހިރާއި ބަންޑާރަ ނައިބު އޮފީހުގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި ހާއްސަ މަޖިލީހުގެ ށ. އަތޮޅު މެންބަރު ލުބުނާ މުހައްމަދު ޒާހިރު ހުސައިނާއި އެޓޯލްސް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި ށ. އަތޮޅު މެންބަރު މޫސާ ރަމީޒުގެ އިތުރުން އައިޖީއެމްއެޗްގެ ޑިރެކްޓަރު ޖެނެރަލް އަދި ހާއްސަ މަޖިލީހުގެ ގދ. މެންބަރު އަބްދުﷲ ލަތީފެވެ. މި 10 ބޭފުޅުންގެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދެވީ ދެ ގަޒިއްޔާއެއްގެ ތެރެއިންނެވެ.
އެ 10 މެމްބަރުންގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ދައުވާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ތިން މެމްބަރުން ކަމަށްވާ ލީގަލް ރިފޯމް ކޮމިޝަނަރު މުހައްމަދު އަނިލް އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު އަބްދުއްރަޝީދު ނާފިޒާއި މަތީ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ގުބާދު އަބޫބަކުރެވެ.
ހާއްސަ މަޖިލީހުގެ 13 މެމްބަރުންނަށް އަލުން ވަޒީފާ ދޭން ކޯޓުން އެންގުން: ސިވިލް ސާވިސް ކޮމިޝަނުން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ