ޑރ. ހަސަންގެ މެނިފެސްޓޯގެ ހަރަދު ތަފުސީލް: ފުރަތަމަ އަހަރުގެ ބަޖެޓު ވެސް 10 ބިލިއަނަށް ވުރެ އިތުރެއްނުވާނެ: ޑރ. ޝަހީދު

އަންނަ ބުދަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. ހަސަން ސައީދުގެ ސަރުކާރެއްގެ ފުރަތަމަ އަހަރުގެ ވެސް ދައުލަތުގެ ބަޖެޓް 10 ބިލިއަން ރުފިޔާ އަށްވުރެ އިތުރުނުވާނެ ކަމަށް އޭނާގެ ރަނިންމޭޓް ޑރ. އަހުމަދު ޝަހީދު ރޭ ވިދާޅުވެއްޖެ އެވެ.
ޑރ. ހަސަންގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ހޭދަކުރާން މިންވަރާއި އެ ފައިސާ ހޯދާނެ ގޮތުގެ ތަފުސީލު ހާމަކުރެއްވުމަށް ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ޑރ. ޝަހީދު ވިދާޅުވީ، މިހާރު ދައުލަތުގެ ބަޖެޓަކީ އަހަރަކު ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ކަމަށްވާއިރު ޑރ. ހަސަންގެ ވެރިކަމެއްގައި އެ ވަރުގެ ބޮޑު ބަޖެޓެއް ނޯންނާނެ ކަމަށެވެ. މިއީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަ ކެންޑިޑޭޓުންގެ ތެރެއިން އެ ބޭފުޅުންގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަށް ހަރަދުވާނެ ގޮތުގެ ތަފުސީލު ހާމަކުރެއްވި ހަމައެކަނި ކެންޑިޑޭޓެވެ.
ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ހާމަކުރެއްވި ޑރ. ހަސަންގެ ރިޔާސީ މެނިފެސްޓޯގެ ފައިނޭންޝަލް ޕްލޭނުގައި އެކި ދާއިރާތަކަށް ހަރަދުވާނެ މިންވަރާއި އެ ފައިސާ ހޯއްދަވާނެ ގޮތް ބަޔާންކޮށްފައި ވެ އެވެ. ކުރީގެ ބަންޑާރަ ނާއިބު ޑރ. ހަސަންގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަށް ހަރަދުކުރައްވާނެ ގޮތުގެ ތަފުސީލު ހާމަކުރައްވަމުން އޭނާގެ ރަނިންމޭޓް ވިދާޅުވީ ޑރ. ހަސަންގެ ވެރިކަމެއްގެ ފުރަތަމަ އަހަރު ހޭދަކުރައްވާނީ 3.68 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ހޭދަކުރުމަށްޓަކައި 1.13 ބިލިއަން ރުފިޔާ ހޯއްދަވާނީ ސަރުކާރުގެ އިސްރާފުގެ ބައި ކުޑަކޮށްގެން ކަމަށާއި ބާކީ ބޭނުންވާ އާމްދަނީގެ ތެރެއިން 1.94 ބިލިއަން ރުފިޔާ ހޯއްދަވަނީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީން ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވީ ޑރ. ހަސަންގެ ވެރިކަމެއްގެ ފުރަތަމަ އަހަރު ކުރަންޖެހޭ ކަންތައްތައް ކުރުމަށް ފަހުގައި ވެސް ގައުމީ ރިޒާވްގައި 0.90 ބިލިއަން ރުފިޔާ ހުންނާނެ ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ ޑރ. ހަސަންގެ ވެރިކަމެއްގެ ފުރަތަމަ އަހަރު ވެސް ހުރިހާ ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ލިބޭނެ ނިޒާމެއް ގާއިމްކޮށްދޭނެ ކަމަށާއި ހެލްތު އިންޝުއަރެންސް ސްކީމެއް ގާއިމްކުރުމަށްޓަކައި 270 މިލިއަން ރުފިޔާ ހަމަޖައްސާނެ ކަމަށެވެ. އަދި ޓީޗަރުންގެ މުސާރަ އާއި އިނާޔަތެއްގެ ގޮތުގައި 252 ބިލިއަން ރުފިޔާ ކަނޑައަޅާނެ ކަމަށެވެ.
"ހަސަންގެ ވައުދަކީ އަންނަ އަހަރު ފެށޭ ހިސާބުން ފެށިގެން އިރާދަކުރެއްވިއްޔާ އެވްރެޖް ގޮތެއްގައި ހުރިހާ ޓީޗަރުންނަށް، މިހާރުގެ މުސާރައިގެ އިތުރުން 3،000ރ. ހަމަޖެއްސުން. އަދި މި ފައިސާ އަކީ ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ މަތިކުރުމަށްޓަކައި ނިޒާމެއް ކަނޑައެޅުމުގެ ކުރިން ވެސް ދެއްވާނެ ފައިސާއެއް. ނިޒާމެއް ކަނޑައެޅުނީމަ އިރާދަކުރެއްވިއްޔާ އިތުރު ބައިތައް ކުރިއަށް ގެންދެވޭނެ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ ބޭނުމުގައި ޑރ. ހަސަންގެ ވެރިކަމެއްގައި 300 ޓީޗަރުން ތަމްރީނުކުރުމަށްޓަކައި 77 މިލިއަން ރުފިޔާ ހޭދަކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން މިހާރު ސްކޫލުތަކުގައި ތިބި 7،000 ޓީޗަރުންނަށް ސަރުކާރުގެ ހަރަދުގައި ކޮމްޕިއުޓަރު ހޯދައިދިނުމަށްޓަކައި 45 މިލިއަން ރުފިޔާ ކަނޑައަޅުއްވާނެ ކަމަށާއި ސާނަވީ ތައުލީމު ކިޔަވާ ކޮންމެ ކުއްޖަކަށް ވެސް ސަރުކާރުގެ ހަރަދުގައި ކޮމްޕިއުޓަރު ދެއްވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ އަހަރު ގްރޭޑް 11،10 އަދި 12 ގައި ކިޔަވާ ކުދިންނަށް ކޮމްޕިއުޓަރު ހޯދައިދިނުމަށްޓަކައި 76 މިލިއަން ރުފިޔާ ހޭދަކުރައްވާނެ ކަމަށެވެ. ޑރ. ޝަހީދު ވިދާޅުވީ ޑރ. ހަސަންގެ ވެރިކަމުގެ ފުރަތަމަ ހަތަރު އަހަރުގެ ތެރޭގައި ހުރިހާ ސްކޫލުތަކެއްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރައްވާނެ ކަމަށާއި ފުރަތަމަ އަހަރު ވެސް އެކަމަށްޓަކައި 130 މިލއަން ރުފިޔާ ހޭދަކުރައްވާނެ ކަމަށެވެ. އެގޮތުން އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރުމަށްޓަކައި އިތުރު 300 ވަރަކަށް ކްލާސްރޫމް އަޅަންޖެހެ އެވެ.
ޑރ. ހަސަންގެ ވެރިކަމެއްގައި އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި މުޅި ރާއްޖެއަށް ޕެންޝަނުގެ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްޓަކައި ސަރުކާރުން މިހާރު ހޭދަކުރާ މިންވަރު ޑރ. ހަސަންގެ ސަރުކާރެއްގައި ދެ ގުނައަށް އިތުރުކޮށްދެއްވުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޑރ. ހަސަންގެ ވެރިކަމެއްގެ ފުރަތަމަ އަހަރު ވެސް 400 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމްކުރައްވާ ގޮތަށް ވެސް ހަމަޖައްސާފައި ވެ އެވެ.
ޑރ. ޝަހީދު ވިދާޅުވީ ޑރ. ހަސަންގެ ވެރިކަމެއްގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި 200 މިލިއަން ރުފިޔާގެ ކެޕިޓަލެއް ދެއްވާނެ ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި ބަނދަރެއް ހެދުމަށް 100 މިލިއަން ރުފިޔާ ހޭދަކުރައްވާނެ ކަމަށް ވެސް ޑރ. ހަސަންގެ ރަނިންމޭޓް ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑރ. ހަސަންގެ ވެރިކަމެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކުދި ވިޔަފާރި ތަރައްގީ ކުރުމަށްޓަކައި 30 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމްކުރައްވާ ގޮތަށް ވެސް ކަނޑައަޅުއްވާފައި ވެ އެވެ. އޭގެ އިތުރުން މަސް އެކްސްޕޯޓް ކުރުމަށްޓަކައި 40 މިލިއަން ރުފިޔާގެ ފަންޑެއް ވެސް ގާއިމްކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.
ޑރ. ޝަހީދު ވިދާޅުވީ ޑރ. ހަސަންގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ކުރުމަށްޓަކައި ސަރުކާރުގެ އިސްރާފުތައް ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން އެ އިސްރާފުތައް ކުޑަކޮށްގެން ވެސް 1.1 ބިލިއަން ރުފިޔާ ފުރަތަމަ އަހަރު ވެސް ރައްކާކުރެވޭނެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. އެ ފައިސާ ހޯދުމަށްޓަކައި ބައެއް ކަހަލަ ފިޔަވަޅު އެޅުއްވުމަށް ޑރ. ހަސަން ކަނޑައަޅުއްވާފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގައި ހުންނަ މޯލްޑިވިއަން ގަވަމަންޓް ޓްރޭޑް ސެންޓަރު އުވާލުމުން ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ ރައްކާކުރެވެ އެވެ. އަދި ޕަބްލިކް ސާވިސް އިންސްޓިޓިއުޓް އުވާލުމުން ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ، ސަރުކާރުގެ މުވައްޒަފުންގެ ނާދީ އުވާލައިގެން ތިން މިލިއަން ރުފިޔާ ރައްކާކުރެވޭނެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. ސ. ގަމުގެ އިދާރީ ސެކްޝަން އުވާލުމުން 12.2 މިލިއަން ރުފިޔާ ރައްކާކުރެވޭއިރު، މާފިލާފުށި ޑިވެލޮޕްމަންޓް ސެންޓަރު އުވާލުމުން 1.5 މިލިއަން ރުފިޔާ ރައްކާކުރެވެ އެވެ. އަދި ދައުލަތުގެ މީޑިއާގައި އޮންނަ ސަރުކާރުގެ ހިއްސާ އުވާލުމުން 136 މިލިއަން ރުފިޔާ ރައްކާކުރެވެ އެވެ. އޭގެ އިތުރުން ޑރ. ހަސަންގެ ވެރިކަމެއްގައި ތިއްބަވާނީ 12 ވަޒީރުން ކަމަށާއި އެކަމަކު މުވައްޒަފުންގެ އަދަދު މަދެއްނުވާނެ ކަމަށެވެ. ޑރ. ޝަހީދު ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސް ސްކީމެއް ގާއިމްކުރުމުން، ސިފައިންނާއި ފުލުހުންނަށް އެފަދަ ސްކީމެއް ބޭނުމެއްނުވާނެތީ 80 މިލިއަން ރުފިޔާ ރައްކާކުރެވޭނެ ކަމަށެވެ. އަދި ޑރ. ހަސަންގެ ވެރިކަމެއްގައި ރިޔާސީ ގަނޑުވަރުން 146 މިލިއަން ރުފިޔާ އަދި ރައީސް އޮފީހުން ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ރައްކާކުރެވޭނެ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ސ. ވިލިނގިލީގައި އޮތް ސަރުކާރުގެ ހިއްސާ ވިއްކާލައިފިނަމަ 30 މިލިއަން ޑޮލަރު ސަރުކާރަށް ހޯދިދާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭ އަޑާއި ޓީވީ މޯލްޑިވްސް ވިއްކާލައިގެން ފަސް މިލިއަން ޑޮލަރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އަރުމާޒު ޔޮޓާއި ލޯންޗުފަހަރާއި ކާރުކޮޅުތައް ވިއްކާލައިގެން 85 މިލިއަން ރުފިޔާ ސަރުކާރަށް ހޯދިދާނެ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑރ. ހަސަންގެ މެނިފެސްޓޯގެ ފައިނޭންޝަލް ޕްލޭން ހާމަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރެއްވުމަށްޓަކައި ރާއްޖޭގައި ތިބި އެންމެ ގާބިލް މީހުންގެ ބޭނުން ހިއްޕަވާނެ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކާއި ޕާޓީތަކަށް ނިސްބަތްނުވާ މީހުންނަށް ވެސް މަގާމުތައް ދެއްވާނެ ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެރިންނަކީ ހަމައެކަނި އިންތިހާބު ދުވަސްވަރު ރައްޔިތުންނާ ހަމައަށް ދާންޖެހޭނެ ބައެއް ނޫން. ވެރިންނާ ބައްދަލުވާންޖެހޭނީ ވެސް ހަމައެކަނި އިންތިހާބީ ދުވަސްވަރެއްގައެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެރިންނަށް ރައްޔިތުންނާ ހަމައަށް އަދި ރައްޔިތުންނަށް ވެރިންނާ ހަމައަށް އެއަށް ވުރެ ލުއި ފަސޭހަކަމާއެކު ދެވެންޖެހޭނެ. އަޅުގަނޑުގެ ހުށަހެޅުމަކީ އަޅުގަނޑުގެ ސަރުކާރެއްގައި ކޮންމެ ހަފުތާއެއްގެ އެއް ދުވަހަކީ ރައްޔިތުންނާ ބައްދަލުކުރެވޭނެ ދުވަހެއް ކަމަށް އަޅުގަނޑު ކަށަވަރުކޮށްދޭނަމޭ،" ޑރ. ހަސަން ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތާ މެދު ހިތްހަމަނުޖެހިގެން އިސްތިއުފާ ދެއްވި ޑރ. ހަސަން ރޭ ވިދާޅުވީ އޭނާގެ ސަރުކާރެއްގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަގު ނޫޓާ ދެކޮޅަށް މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މީހުން ދުނިޔޭގެ އެކި ބެންކްތަކުގައި ފޮރުވާފައި ހުރި ފައިސާތައް އަނބުރާ ހޯއްދަވައިދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ