ވިލިވަރު ހިއްކި މައްސަލައިގައި ސަރުކާރުން ކުރި 10 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަންނުޖެހޭ ކަމަށް ކޯޓުން ހުކުމްކޮށްފި

ހުއްދަ ނުހޯދައި ކ. ވިލިވަރު ފަޅުން ބިން ހިއްކި މައްސަލައިގައި ޖޫރިމަނާގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ނަގަން އުޅުނު 10 މިލިއަން ރުފިޔާ އަކީ އަދުލުވެރި ޖޫރިމަނާއެއް ނޫން ކަމަށް ކަނޑައަޅައި އެ ޖޫރިމަނާ ޝަރީއަތުން ނަގައިދެވެން ނެތް ކަމަށް މަދަނީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިލިވަރު ޖޫރިމަނާކޮށްފައި ވަނީ ގާނޫނުން އެ ފަރާތަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ވިޔަސް، ޖޫރިމަނާ ކުރުމުގައި މިހާތަނަށް ގެންގުޅެފައި ވަނީ ހަމަހަމަކަމާއި އެއްހަމަ ގޮތެއްގައި އެންމެނަށް ހާމަވެގެންވާ މިންގަނޑުތަކެއް ކަމުގައި ބެލެވެން ނެތް ކަމަށް މަދަނީ ކޯޓުގެ ހުކުމުގައި ވެ އެވެ.
އަދި އެ މިނިސްޓްރީ އަށް ލިބިދީފައިވާ އިހުތިޔާރުގެ ބޭނުންކޮށްފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 13 ވަނަ މާއްދާއާ ތައާރަޒުވާ ގޮތަށް ކަމަށް ވާތީ އެ ޖޫރިމަނާ އަކީ ޝަރުއީ ގާނޫނީ ހަމަތަކުގެ މަތިން ބަލާއިރު އަދުލުވެރި ޖޫރިމަނާއެއް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށް ވެސް އެ ހުކުމުގައި ވެ އެވެ.
އެހެންވެ މި ދައުވާގައި ލިބިދިނުމަށް ދައުލަތުން އެދިފައިވާ 10 މިލިއަން ރުފިޔާގެ ޖޫރިމަނާ ކޯޓުން ނަގައިދެވެން ނެތް ކަމަށް އެ ހުކުމުގައި ވެ އެވެ.
ހުއްދަ ނުހޯދައި، ގަވައިދާ ހިލާފަށް ވިލިވަރު ފަޅުން ބިން ހިއްކައިފައިވާ މައްސަލައިގައި މއ. އަތަމާގޭ އިބްރާހިމް އަބްދުއްލަތީފު ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ދައްކަންޖެހޭ ޖޫރިމަނާ އަށްވާ 10 މިލިއަން ރުފިޔާ އޭނާގެ އަތުން ހޯދަން ޝަރީއަތަށް ފޮނުވީ، އެ ފައިސާ ދައްކަން ތަކުރާރުކޮށް އެންގުމުން ވެސް ނުދައްކައި ދިގުލާތީ ޝަރީއަތަށް ފޮނުއްވައިދިނުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބަންޑާރަ ނައިބުގެ އޮފީހުގައި އެދުމުންނެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގެ )ހ( އާ ހިލާފަށް، ތިމާވެއްޓަށް އަސަރުފޯރާނޭ މިންވަރު ބަޔާންކުރާ ރިޕޯޓް ނުހަދައި، ވިލިވަރުގެ ފަޅުން ބިން ހިއްކައިފައި ވާތީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިބްރާހިމް އަބްދުއްލަތީފު ފުރަތަމަ ޖޫރިމަނާކޮށްފައި ވަނީ 100 މިލިއަން ރުފިޔާ އިންނެވެ. ނަމަވެސް ޖޫރިމަނާގެ އަދަދު 10 މިލިއަން ރުފިޔާ އަށް ކުޑަކޮށްދީ، 45 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ފަހުން އެންގީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ