ވާކަންތައްތައް ނުވާ ކަންތައް ކަމުގައި ވިދާޅުވެ ރެކިވަޑައިގަތުމުން ހައްލެއް ނުހޯދޭނެ - ނަޝީދު

ރައްޔިތުންގެ އާންމު ދިރިއުޅުމަށް އެންމެ މުހިންމު ކަންތައްތަކަކީ ހަށިފުރާނަ އާއި މުދަލުގެ ރައްކާތެރިކަން ކަމަށާއި އެކަންތައްތަކަކީ ނުވާ ކަންތައްތައް ކަމުގައި ވިދާޅުވެ އެކަމުން ރެކިވަޑައިގަތުމުން ހައްލު ނުހޯދޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ކ.މާފުށީގައި ހިންގަމުންދާ ގެސްޓް ހައުސް ވިޔަފާރީގެ ކަންކަން ބައްލަވާލެއްވުމަށްޓަކައި އެރަށަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މުޖުތަމައުގައި ހަމަލާތައް ދިނުން އިތުރުވެފައިވާއިރު އާންމުވެފައިވާ ހަމަނުޖެހުންތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
އަދި އެކަންތައްތަކަކީ ނުވާ ކަންތައްތަކެއްގެ ގޮތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވި ނަމަވެސް ވާކަންތައްތައް ނުވާ ކަންތައް ކަމުގައި ވިދާޅުވެ ރެކިވަޑައިގަތުމުން ހައްލެއް ނުހޯދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ކޮންމެ ދުވަހަކު ހަމަލާތައް އިތުރުވަމުންދާއިރު، އެކަންކަމަށް ފިޔަވަޅު އަޅަންޖެހޭ. ހޯމް މިނިސްޓަރާއި ފުލުހުންގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ޑިފެންސް މިނިސްޓަރު ވެސް އެކަންތައްތަކަކީ ނުވާ ކަންތައްތައް ކަމަށް ވިދާޅުވެ، ވާކަންތައްތައް ނުވާ ކަންތައް ކަމުގައި ވިދާޅުވެ ރެކިވަޑައިގަތުމުން ހައްލެއް ނުހޯދޭނެ،" ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން އިއުލާންކޮށްފައިވާ 21 ގަރުނުގެ ސިލްކް ރޫޓުގެ މަޝްރޫއުގައި ބައިވެރިވުމަށްވުރެ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ދިވެހިންނަށް ހައްގު މިންވަރު ހޯދެން އެބައޮތް ކަމަށާއި ރާއްޖެއަށް އެންމެ މަންފާކުރާނީ ގެސްޓްހައުސްގެ ވިޔަފާރީގެ ސިޔާސަތުން ކަމަށެވެ.
އެހެންކަމުން ސަރުކާރުން ކޮށްދޭން ވީ ކަމަކީ ގުދުރަތީ ވަސީލަތްތައް ބޭނުން ކުރުމަށް ބޭނުންވާ އުމުރާނީ ވަސީލަތްތައް ރަށްރަށަށް ފަހި ކޮށްދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މާފުށީގައި ފާހަގަކުރާ ގެސްޓުހައުސްގެ ވިޔަފާރި ދުވަސް ހަފްލާއަށް ނަޝީދު މިއަދު މާފުއްޓަށް ވަޑައިގަތުމުން އެރަށު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ނަޝީދަށާއި އެމްޑީޕީގެ އިސް ބޭފުޅުންނަށް މަރުހަބާ ކިޔާފައިވަނީ އެރަށުގެ ރައްޔިތުންގެ އިތުރުން ގެސްޓް ހައުސްގެ ވިޔަފާރި ކުރައްވާ ފަރާތްތަކާއި މާފުށީގައި ތިބި ބައެއް ފަތުރުވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ