ސުޕްރީމް ކޯޓުން ހައްދު ޖެހުމުގެ ގަވައިދެއް އެކުލަވާލައިފި

ހައްދު ޖެހުމަށާއި ތައުޒީރު ކުރުމަށް ކުރާ ހުކުމްތައް ތަންފީޒު ކުރުމާ ބެހޭ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި އެވެ.
އެ ގަވައިދުގައިވާ ގޮތުން ހައްދު ނުވަތަ ތައުޒީރު ކުށްތަކުގެ ހުކުމް، އެ މައްސަލަައެއް ބެލި ކޯޓުން ނުވަތަ އެ މަރުހަލާގެ އެހެން ކޯޓަކުން ތަންފީޒު ކުރަންވާނީ، އެ ހުކުމެއްގެ އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ނުވަތަ އިސްތިއުނާފުގެ މަރުހަލާ ނިމުމުންނެވެ. ހައްދު ޖެހުން މަނާކުރާ ޝަރުއީ އަދި ގާނޫނީ އުޒުރެއް މެދުވެރިވެއްޖެ ނަމަ ހުކުމް ތަންފީޒު ކުރުން ފަސްކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ހައްދު ޖެހުމަށް ނުވަތަ ތައުޒީރު ކުރުމަށް ކުރާ ހުކުމްތައް ތަންފީޒު ކުރަން ވާނީ، އެމީހާގެ ކިބައިގައި ވަކި ކަހަލަ ޝަރުތުތަކެއް ފުރިހަމަ ވުމުން ކަމަށާއި އެގޮތުން އެމީހާއަކީ ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުމާއި މާބަނޑު މީހަކު ކަމުގައި ނުވުމާއި ހައްދު ޖެހުމުގެ ސަބަބުން ފުރާނަ އަށް ނުވަތަ ހިއްސަކަށް ނުރައްކާ ވެދާނެ ފަދަ ބައްޔެއް ހުރި މީހެއް ކަމުގައި ވެގެންނުވާނެ ކަމަށް ބުނެފައިވެ އެވެ.ެ.
އަދި ހައްދު ނުވަތަ ތައުޒީރުގެ ކުށް ސާބިތުވިއިރު އެމީހަކީ 18 ވެފައިވާ މީހެއް ނޫން ނަމަ، އެ ހުކުމް ތަންފީޒު ކުރަން ވާނީ އެމީހާ އަށް 18 އަހަރު ވުމުން ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ. ެ.
ހައްދު ނުވަތަ ތައުޒީރުގެ ހުކުމް ކޯޓުތަކުގައި ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެކަމަށް ގާބިލް، ހާއްސަ މުވައްޒަފަކު ކަނޑަައަޅަން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، "ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު (6)" 222 ވަނަ މާއްދާ ބާތިލްވާނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ