ރައްޔިތުން ބޭނުންވާ ކަންކަން ހުހެއް ނުވާނެ ކަމަށާއި، ނަމަވެސް، ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއެކު ސަރުކާރާއެކީ ސާބިތުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ހއ. ހޯރަފުށީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީ ގޮތުން ފަށްޓަވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ޚިދުމަތްތަކަކީ ވަކި ރަށަކަށް ޚާއްޞަ ކުރެއްވިފައިވާ ޚިދުމަތްތަކެއް ނޫން ކަމަށާއި، އެއީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދެއްވަންޖެހޭ ޚިދުމަތްތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ އަމާޒަކީ، ރާއްޖެ ދުވަހަކުވެސް ނުދެކޭ ވަރުގެ ތަރައްޤީއެއް، މި ފަސް އަހަރު ނިމިގެންދާއިރު ރައްޔިތުންނަށް ފޯރުކޮށްދެއްވުން ކަމަށް ވެސް ވިދާޅުވިއެވެ.
ހޯރަފުށީ ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ހޯރަފުށީގެ އާންމު ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، އިހަވަންދިއްޕޮޅު ޞަރަޙައްދަށް ޚާއްޞަކުރެވިފައިވާ "އައިހެވަން" މަޝްރޫޢާ ބެހޭގޮތުން ޙިއްސާ ކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، ޞިއްޙީ ޚިދުމަތްތައް މުޅި ރާއްޖެއަށް ފެތުރިގެންދާއިރު ސަރުކާރުން ތަޢާރަފްކުރައްވާ "ޓެލެމެޑިސިން"ގެ ޚިދުމަތާއި، ސީ-އެމްބިޔުލެންސްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ. އަދި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަގުހެޔޮކޮށް ބޭސް ލިބޭނެ އިންތިޒާމު، އެސް.ޓީ.އޯ މެދުވެރިކޮށް ސަރުކާރުން ކުރައްވަމުން ގެންދަވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ސަރުކާރާއެކު ރައްޔިތުން ސާބިތުވެ ތިބުމަށް ރައީސް އެދި ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ