އަލީ ހާޝިމު ބަޖެޓް ހުށަހެޅުއްވުމާ ބެހޭ ގޮތުން ބޮޑު ދެ ޕާޓީގެ ދެމެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފި
ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުއްވުމާ ބެހޭ ގޮތުން އެންމެ ބޮޑު ދެ ޕާޓީ ދެމެދުގައި ހޫނު ބަހުސުތަކެއްކޮށް އެއްބަޔަކު އަނެއްބަޔަކު ހަޑިހުތުރު އެއްޗިހި ގޮވައިފި އެވެ. އެ ބަހުސުގައި އިސްކޮށް ހަޑިހުތުރު އެއްޗެއްސަށް ދާންދެން ގޮވީ، އެމްޑީޕީން، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކާއި ޑީއާރުޕީން، އެ ޕާޓީގެ ނާއިބު ލީޑަރު އަލީ ވަހީދެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސު ކުރި، ސަރުކާރަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމާ ބެހޭ ބިލާއި އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަން މަޖިލީހަށް "ވައްދާނެ" ކަމަށެވެ. އަދި އެކަމަށް އެއްވެސް ފަރާތަކަށް ހުރަސް ނޭޅުއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."މި ދަންނަވަނީ ޑީއާރުޕީން ރުހުން ނުދިން ނަމަވެސް މި ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހަޅުއްވަން މިތަނަށް ވަންނާނެ [ވާހަކަ]. އަޅުގަނޑުމެން މިތާ ތިބިއްޔާވައްދާނަން. މަނިކުފާނު [އަބުދުﷲ ޝާޙިދު] ތިޔަ ތަނުގައި އިންނެވިއަސް ހިތަށް އެރިހާ އެއްޗެހި ގޮވަންދެން ވަރަށް ކެއްތެރިކަމާ އެކު ތިބެވިއްޖެ. ކޮންމެ ގޮތަކުން ނަމަވެސް އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހަށް ވައްދައިލާނަން،" މޫސާ ވިދާޅުވި އެވެ.މޫސާ ވަނީ ކުރީގެ ރައީސްގެ ދަރިކަނބަލުންނާ ޑީއާރުޕީގެ ބައެއް މެންބަރުންނާ އަޅުވާކިޔައި ވަރަށް ހަޑިހުތުރު ބަހުން ވެސް ވާހަކަ ދައްކަވައިފަ އެވެ.މޫސަގެ އެ ވާހަކަ އަށް ރައްދު ދެއްވަމުން އިދިކޮޅު ޑީއާރުޕީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، މަޖިލީހުން ރުހުން ނުދޭ އެއްވެސް ވަޒީރަކު މަޖިލީހުގެ މާލަމުގެ ހަފޮޅުން އެތެރެވިޔަ ނުދިނުމަށް މަޖިލިސް ހިސޯރު ކުރައްވާނެ ކަމަށެވެ."ޔަގީން ކަމާ އެކު މި ދަންނަވަނީ، މިތަނުން އަޅުގަނޑުމެން ފާސްކުރި ގާނޫނުތައް ތަންފީޒީ އެހެންބާރުތަކުން ތަންފީޒު ނުކުރާ ނަމަ ލާހިކެއްނޫން ރުހުންނެތް ވަޒީރަކަށް މި މަޖިލީހުގެ ހަފޮޅުން އެތެރެއަށް ވަންނާކަށް،" ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް މަގާމުގައި ދެމިނުތިއްބެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މިއަދު މައްސަލަ ވެއްދި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ ވަހީދު ވިދާޅުވި އެވެ.އަލީ ވަހީދު ވަނީ ފިލްމީ ތަރި މަރިޔަމް ނިޝާއާ މޫސާ އާ އަޅުވައި ކިޔައި އަޑުގަދަކުރައްވައިފަ އެވެ.އަލީ ވަހީދުގެ އިތުރުން ޑީއާރުޕީގެ މެންބަރު، ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސެއިން މަނިކު ވެސް ވަނީ މަޖިލީހުން ރުހުން ނުދޭ ވަޒީރުން މަޖިލީހަށް ވަނަ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. "ހަތް ވަޒީރުން އިއްޔެ ވާނީ އަޅުގަނޑުމެން ގެއަށް ފޮނުވައިލައިފައި. ނަމަވެސް އެ ބޭފުޅުން އެއްކަލަ ދިދަޖެހި ކާރުތަކަށް އަރައިގެން ލަދެއް ހަޔާތެއް ކޮބައިތޯ. ބަޖެޓް ހުށަހަޅަން ނުވަތަ އެހެން ކަމަކަށް ވިޔަސް މި ހަތަރުފާރުން [މަޖިލީހުގެ] އެތެރެއަށް ނިކަން އަލީ ހާޝިމް ވަދެލަބަލަ. މި ހަރަތު ފާރުން އެތެރެއަށް ވަދެލައިފިއްޔާ އަލުގަނޑުމެން ކުޅި ދައްކައިލާނަން،" ނިހާނު ވިދާޅުވި އެވެ.އެ ދެބިލުގެ ބަހުސްގައި އިދިކޮޅު މެންބަރުން ސަރުކާރުގެ ޕްރޮޖެކްޓްތައް ދެމުންއަންނަ ގޮތްކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކުގެ ވާހަކަ ބައްޓަން ކުރައްވާފައި ވަނީ ކުރީގެ ސަރުކާރުގެ އިސްފަރާތްތައް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެއްވުމަށެވެ. ހާސަކޮށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމަށް ނިސްބަތް ކުރައްވައި ވަރަށް ހުތުރު ބަހުން މޫސަ ވަނީ ވާހަކަ ދައްކަވައިފަ އެވެ. މޫސާ ވިދާޅުވީ އޭނާ އަކީ ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށާއި ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދެވީ ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތައް އެމްޑީޕީގެ މެންބަރުންނަށް ދެމުންގެންދާ ކަމަށެވެ. އެގޮތުން ހާމަކަމެއް ނެތި އަދި ހަމަހަމަ އުސޫލެއްނެތި ދިވެހި ދައުލަތް ހިއްސާވާ އެއްތައް ފައިސާތަކެއް ވަކި ފަރާތަކަށް ސަރުކާރުން ދެމުން ގެންދާ ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވި އެވެ. އޭގެތެރޭގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަށް "ފައިސާކޮޅެއް ދިނުމަށް" ކުރީ ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު އުމަރު ޒާހިރު ކުނިއަޅައިގެން ހިއްކާފައިވާ ތިލަފުށިންބައެއް ހިއްކުމަށް 21 މިލިޔަން ޑޮލަރު، (ދުއިސައްތަ އެތައް މިލިޔަން ދިވެހި ރުފިޔާ) އަށް ހެވީލޯޑަށް ދީފައިވާ މައްސަލަ އެ މެންބަރުން ފާހަގަ ކުރެއްވި އެވެ.އެ މެންބަރުން ވިދާޅުވީ، ސިވިލް ސާވަންޓުންނަށް މުސާރަ ނުދެވި، އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ޑެފިސިޓްވާން އޮއްވައި އެފަދަ ޖަރީމާތައް ސަރުކާރުން ހިންގިޔަ ނުދިނުމަށް މި ބިލުތަކުން ހުރަސްއަޅަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ