އަލީ ރިޒާ ދޫކޮށްލި ކަމުގެ ލިޔުން ލިބެންދެން ޖަލްސާ މެދުކަނޑާލައިފި

އެމްޑީޕީން ކުރިއަށްގެންދާ ސީދާ ކުއްލި ހަރަކާތުގެ ތެރެއިން ރޭގެ މުޒާހަރާގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ދޫކޮށްލާފައިވާ ކަމުގެ ލިޔުން ފުލުހުންގެ ފަރާތުން ލިބެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ޖަލްސާ މެދުކަނޑާލެއްވީ މަޖިލިސް ފެށުމާއެކު މަޖިލީހުގެ ރައީސަށް އެންގުމެއް ނެތި ފުލުހުން އަލީ ރިޒާ ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި އަޑުގަދަކުރައްވަން ފެއްޓެވުމުންނެވެ.
ރިޔާސަތުން އަބްދުﷲ ޝާހިދު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަލީ ރިޒާ، ރޭގެ 3:30 ހާއިރު ދޫކޮށްލާފައިވާ ކަން ޕޮލިސް ކޮމިޝަނަރު ރޭގައި އަންގަވާފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީ މެމްބަރުން ބުނަމުން ދިޔައީ މަޖިލީހުގެ ރައީސްއަށް އެކަން އެންގެވި ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށާއި އަލީ ރިޒާގެ އާއިލާއަށް އެކަން އަންގަވާފައިނުވާ ކަމަށެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވިޔަސް މެމްބަރުންގެ ކަންކަމުގައި ހުރިހާ ޕާޓީތަކުގެ މެމްބަރުން ވެސް ތިއްބަވާނީ އެއް ގަލެއްގައި ކަމަށާއި މަޖިލީހުގެ މެމްބަރަކު ހައްޔަރުކުރަންވާނީ މަޖިލީހުގެ ރައީސަށް އެކަން އެންގުމަށް ފަހުގައި ކަމަށެވެ. އަދި އެ މެމްބަރަކު ދޫކޮށްލާ އިރު އެކަން ވެސް ލިޔުމަކުން މަޖިލީހަށް އަންގަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސަތުން އަބްދުﷲ ޝާހިދު މަޖިލިސް މެދުކަނޑާލައްވަމުން ވިދާޅުވީ ނިޒާމް މައްސަލަ ބަލައިގަންނަ ކަމަށާއި ރިޒާ ދޫކޮށްލި ކަމުގެ ސިޓީ ފުލުހުންގެ ކިބައިން ލިބުމުން މަޖިލިސް އަލުން ފަށާނެ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މިލަންދޫ ދައިރާގެ މެންބަރު އަލީ ރިޒާ، ގާނޫނު އަސާސީ އާއި ޚިލާފަށް ބަންދުކޮށްފައިވާ ކަމަށް ބުނެ މަޖިލިސް ކުރިޔަށް ނުގެންދިއުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ވެސް ވަނީ ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ