ކަރަންޓް ބިލް ދެއްކުމަށް، ސްޓެލްކޯ އިން ފޯން އެޕްލިކޭޝަނެއް ތައާރަފުކޮށްފި
ކަރަންޓް ބިލް ދެއްކުން އަދި ބިލާ ގުޅޭ އެހެން ހިދުމަތްތައް ލިބެން ހުންނާނެހެން ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފި އެވެ. މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ ސްޓެލްކޯގެ ޗެއާމަން އަހުމަދު އައިމަން އެވެ. އެޕްލިކޭޝަން ލޯންޖުކުރުމަށް ފަހު އައިމަން ވިދާޅުވީ، އެ އެޕްލިކޭޝަންގެ ސަބަބުން ސްޓެލްކޯގެ ކަރަންޓުގެ ހިދުމަތް ބޭނުންކުރަމުން އަންނަ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. ހާއްސަކޮށް އެ އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދެއްކުމާއި ބިލާ ބެހޭ މައުލޫމާތު އެނގިގެންދާނެ ކަމަށް އައިމަން ވިދާޅުވި އެވެ. އައިމަން ވިދާޅުވީ، ފަހަކަށް އައިސް ސްޓެލްކޯ އަށް އަންނަ ޒަމާނީ ތަރައްގީ އާއި ސްޓެލްކޯ އަށް އަންނަ ހެޔޮ ބަދަލުތައް ފާހަގަކުރައްވާ ކަމަށެވެ. "ސްޓެލްކޯ، ސްޓެލްކޯގެ ގޮތުގައި ދެމި އޮތުމަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް މިހާރު ވަނީ ކުރެވިފައި، އެހެންވީމާ ދުޅަހެޔޮ ސްޓެލްކޯ އަކަށް ހެދުމަށް ޓަކައި މިހާރު ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރެވި ކާމިޔާބީވެސް ހޯދައިފައި،" އައިމަން ވިދާޅުވި އެވެ. ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުމާއި އަމިއްލަ އަށް ބިލަށް އަރާނެ ވަރު އަންދާޒާކުރުމުގެ އިތުރުން ކުރީ ބިލްތަކުގެ މައުލޫމާތާއި ޓެރިފް ރޭޓްތަކުގެ މައުލޫމާތު ވެސް ލިބިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މިހާރު "އެޕް ސްޓޯ" އަދި "ޕްލޭ ސްޓޯ"އިން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ